ވޫހާން (ފެބްރުއަރީ 13) - ޗައިނާގައި ފެތުރެމުންދާ ކޮރޯނާވައިރަހުގެ ވައްތަރެއް ކަމަށްވާ ކޮވިޑް-19 ގައި އެއް ދުވަސްތެރޭ ހުބެއި ޕްރޮވިންސް އިން 14،840 މީހުންނަށް ބަލިޖެހި، 242 މީހުން މަރުވެއްޖެ އެވެ.
މިއީ ޑިސެމްބަރު މަހު ފަހުކޮޅު ރޯގާ ފެތުރެން ފެށި ފަހުން އެއްދުވަސް ތެރޭ މިހާ ގިނަ އަދަދެއްގެ މީހުން މަރުވި ފުރަތަމަ ފަހަރެވެ.
އޮފިޝަލުން ބުނީ ހުބެއި ޕްރޮވިންސްގައި ބަލި ޖެހުނު މީހުންގެ އަދަދު ކުއްލިއަކަށް އެހާ ބޮޑުތަން އިތުރުވީ އެ ޕްރޮވިންސްގައި ބަލި މީހުން ޑައިގްނޯޒްކުރަން ވަރަށް ފުޅާ ދާއިރާއެއްގައި ފެށުމުން ކަމަށެވެ. ބުދަ ދުވަހުގެ ކުރިން، ހުބެއި ޕްރޮވިންސްގައި ވަނީ ބަލި އަލަށް ޖެހޭ މީހުންގެ އަދަދު އެއްވަރެއްގައި ހިފެހެއްޓިފަ އެވެ.
ހުބެއި ޕްރޮވިންސްގައި ބަލި އަލަށް ޖެހުނު މީހުންނާއި މަރުވި މީހުންގެ އަދަދު އިތުރުވުމުން ޗައިނާގައި މިހާރު ވަނީ އެ ބަލީގައި މަރުވި މީހުންގެ އަދަދު 1،350 އަށް އަރައިފަ އެވެ. އަދި ބަލިޖެހިފައި ތިބި މީހުންގެ އަދަދު ވަނީ 60،000 އަށް އަރައިފަ އެވެ.
ޗައިނާގައި ކޮވިޑް-19 ޖެހިފައި ތިބި މީހުންގެ 80 ޕަސެންޓް މީހުން ތިބީ ވެސް ހުބެއި ޕްރޮވިންސްގަ އެވެ. ބަލިޖެހިފައި ތިބި މީހުން ޔަގީންކުރުމަށްޓަކައި މިހާރު ދަނީ ސްޓެންޑާޑް ނިއުކްލެއިކް އެސިޑް ޓެސްޓުގެ ބަދަލުގައި ސީޓީ ސްކޭން ވެސް ހައްދަމުންނެވެ. ހުބެއި ހެލްތު ކޮމިޝަނުން ބުނީ މި ގޮތަށް ހެދުމުން ބަލީގެ ކުރީކޮޅު ފަރުވާ ދޭން ފަސޭހަވާނެ ކަމަށެވެ.
ޗައިނާ އިން ބޭރުން ބަލި ޖެހިފައި ވަނީ 441 މީހުންނަށެވެ.