ކަރަންޓީންކޮށްފައި ހުއްޓަައި ފިލި ރަޝިޔާގެ އިލީނާ. --ފޮޓޯ:އިލީނާ/އިންސްޓަގްރާމް
15 ފެބުރުއަރީ 2020 - 12:27
މޮސްކޯ (ފެބްރުއަރީ 15) - ކޮރޯނާވައިރަހަށް ރަޝިޔާގައި ކަރަންޓީންކޮށްފައި ބެހެއްޓި އަންހެނަކު ފިލައިފި އެވެ.
ކަރަންޓީންކޮށްފައި ބެހެއްޓި ތަނުން ފިލައިގެން ދިޔަ އުމުރުން 32 އަހަރުގެ އައްލާ އިލީނާ ހުރީ ޕީޓާސްބާގު ސިޓީގެ އޭނާގެ ފްލެޓުގަ އެވެ. ފުލުހުން ދިއުމުން ވެސް ފްލެޓުގެ ދޮރު ހުޅުވަން އޭނާ ވަނީ ދެކޮޅު ހަދައިފަ އެވެ.
މިދިޔަ މަހު ޗައިނާ އިން ރަޝިޔާ އަށް ދިޔަ އިލީނާ ބުނީ ކޮރޯނާވައިރަހަށް އޭނާ ނެގެޓިވްކަން މި މަހު 6 ވަނަ ދުވަހު އަންގާފައިވާ ކަމަށެވެ. ނަމަވެސް ދެ ހަފުތާ ވަންދެން ކަރަންޓީނުގައި ހުރުމަށް އޭނާ އަށް އަންގާފައިވާ ކަމަށް ބުންޏެވެ. އެހެންވެ، އޭނާ ވަނީ ކަރަންޓީންކޮށްފައި ބެހެއްޓި ހޮސްޕިޓަލްގެ އިލެކްޓްރޯނިކް ތަޅު ހަލާކުކޮށްލައިގެން ފިލައިފަ އެވެ.
ފިޒިކްސް އިން ޑިޕްލޮމާ ހާސިލްކޮށްފައިވާ އިލީނާގެ އިންސްޓަގްރާމުގައި ބުނެފައި ވަނީ ޗައިނާގެ ހައިނާންގައި ޗުއްޓީ ހޭދަކޮށްފައި ޖެނުއަރީ 30 ވަނަ ދުވަހު ރަޝިޔާ އަށް ދިޔައިރު އޭނާގެ ކަރުގައި ރިއްސި ކަމަށެވެ. އެހެންވެ އޭނާ އަމިއްލަ އަށް އެމްބިއުލެންސެއް ގެނެސް ކްލިނިކަށް ގޮސް ވައިރަހަށް ޓެސްޓްކުރި ކަމަށް ބުންޏެވެ. އިލީނާގެ ހަށިގަނޑުގައި ވައިރަސް ނެތް ކަމަށް ދެއްކި ނަމަވެސް، ރައްކާތެރިކަމުގެ ގޮތުން ދެ ހަފުތާ އަށް ކަރަންޓީން ކުރި ކަމަށް ފެބްރުއަރީ 7 ވަނަ ދުވަހު އޭނާ އަށް އެންގި އެވެ.
"ތިން ޓެސްޓުން ވެސް ދެއްކީ އަޅުގަނޑު ނެގެޓިވް ކަމަށް. ދެން ކީއްވެ ކަރަންޓީނުގައި ބަހައްޓަންވީ؟ އިލީނާ ސުވާލު ކުރި އެވެ.
އިލީނާ ބުނީ ކޯޓު އަމުރެއް ހޯދައިގެން ނަމަވެސް އޭނާ ކަރަންޓީނުގައި ބަހައްޓަން ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކުރާ ކަމަށެވެ.
ޗައިނާގައި ތިބި ރަޝިޔާގެ 114 މީހުން ވަނީ އެ ގައުމަށް އަނބުރާ ގެންގޮސްފަ އެވެ. އެ މީހުން މިހާރު ތިބީ ސައިބީރިއާގައި 14 ދުވަހަށް ކަރަންޓީންކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވައިސޫރި
15 February 2020
މމމމ މިކަހަލަ ގޮއެއް ދޫނުކުރާ މީހުން އަހަރެއް ހާދުވަހައް ކަރަންޓީނު ކުރަންވީ ޖަލުގާ
ތުއްތުނާ
15 February 2020
މިއީ އެތަކެއް ބަޔަކަށް ނުރައްކާ ވެދާނެ ފަދަ ބޮޑު ޖަރީމާއެއް....... އަދަބެއްގެ ގޮތުން ކަރަންޓީނު ކޮށްފައި އެއްމަސްދުވަހަށް ބެހެއްޓުމަށް ފެނޭ.......