ޑައިމަންޑް ޕްރިންސަސް އިން ބާލާ ޕަސިންޖަރުން ގެންދިއުމަށް ބަސްތައް މަޑުކޮށްގެން. --ފޮޓޯ:އޭއެފްޕީ
19 ފެބުރުއަރީ 2020 - 11:45
ޔޮކަހާމާ (ފެބްރުއަރީ 19) - ޖަޕާނުގެ ޔޮކަހާމާ ބަނދަރުގައި ކަރަންޓީން ކުރި ޕަސިންޖާ ލައިނުން، 14 ދުވަހުގެ މުއްދަތު ހަމަވުމުން، ޕަސިންޖަރުން މިއަދު ބާލަން ފަށައިފި އެވެ.
ޑައިމަންޑް ޕްރިންސަސް ޕަސިންޖާ ލައިންގައި ތިބި 3،700 މީހުންގެ ތެރޭން 542 މީހަކަށް ވަނީ ކޮރޯނާވައިރަސް އަރައިފަ އެވެ. ޗައިނާ އިން ބޭރުން ވައިރަސް އެރި އެންމެ ގިނަ މީހުން ތިބީ ވެސް އެ ޕަސިންޖާ ލައިންގަ އެވެ. ޕަސިންޖަ ލައިންގައި ވައިރަސް ހަލުވިކަމާ އެކު ފެތުރެން ފެށުމުން ބައެއް ގައުމުތަކުން ވަނީ، ޕަސިންޖަ ލައިންގައި ތިބި އެ ގައުމުތަކުގެ މީހުން ޗާޓަރު ފްލައިޓްތަކުގައި ގެންދަން ފަށައިފަ އެވެ.
ޑައިމަންޑް ޕްރިންސަސް އިން މިއަދު ބޭލި ޕަސިންޖަރުން ޓެކްސީތަކަށް އަރަނީ. --ފޮޓޯ:އޭއެފްޕީ
ޕަސިންޖަ ލައިނުން މިއަދު ބާލަން ހަމަޖެހިފައި ވަނީ ވައިރަހުގެ އެއްވެސް ނިޝާނެއް ނެތް 500 މީހުންނެވެ. ވައިރަހަށް ނެގެޓިވްވި ނަމަވެސް ވައިރަސް އަރާފައިވާ މީހުންނާ އެކު އެއް ކެބިންއެއް ޝެއާކުރި މީހުން ކަރަންޓީނުގެ އިތުރު މުއްދަތެއްގައި ބޯޓުގައި ހޭދަކުރަން ޖެހޭނެ އެވެ.
ޑައިމަންޑް ޕްރިންސަސްގައި 56 ގައުމުގެ މީހުން އެބަތިއްބެވެ. އެހެންވެ އެ މީހުން ރަނގަޅަށް ސްކްރީން ނުކޮށް ގައުމުތަކަށް ފޮނުވައިފި ނަމަ ބަލި ފެތުރުމުގެ އިތުރު ވަސީލަތަކަށް ވެދާނެ ކަމަށް ތަޖްރިބާކާރުން ބުނެ އެވެ.
ޑައިމަންޑް ޕްރިންސަސް އިން ބޭލި ޕަސިންޖަރުން ބަހެއްގައި ގެންދަނީ. --ފޮޓޯ:އޭއެފްޕީ
ކްރޫޒް ލައިނާ ޖަޕާނުގައި ކަރަންޓީން ކުރީ އެ ބޯޓުން މި މަހު ކުރީކޮޅު ހޮން ކޮންގަށް ފޭބި ޕަސިންޖަރަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވުމުންނެވެ.
ކޮވިޑް-19 ވައިރަސް ޖެހިގެން މިހާތަނަށް ޗައިނާ އިން ވަނީ 2،004 މީހުން މަރުވެފަ އެވެ. ޗައިނާ އިން ވައިރަހަށް ޕޮޒިޓިވްވެފައި ވަނީ 74،185 މީހުންނެވެ. ޗައިނާ ފިޔަވައި އެހެން ގައުމުތަކުން ވައިރަސް އަރާފައި ވަނީ ގާތްގަނޑަކަށް 700 މީހުންނަށެވެ.
ޑައިމަންޑް ޕްރިންސަސް އިން މިއަދު ބާލާ ޕަސިންޖަރުން ގެންދިއުމަށް ބަސްތައް މަޑުކޮށްގެން. --ފޮޓޯ:އޭއެފްޕީ
ކޮރޯނާވައިރަހުގައި ޗައިނާ ފިޔަވައި މިހާތަނަށް މީހުން މަރުވެފައި ވަނީ ފިލިޕީންސް، ޖަޕާން، ހޮން ކޮން އަދި ފްރާންްސްއިންނެވެ. ހޮން ކޮންގުން ބުނެފައި ވަނީ ކޮރޯނާވައިރަހުގައި ދެ ވަނަ މީހަކު އެ ގައުމުން މިއަދު މަރުވެފައިވާ ކަމަށެވެ. އެއީ ކުރިން އެހެން ބައްޔެއް ތަހައްމަލް ކުރަމުން ދިޔަ 70 އަހަރުގެ ފިރިހެނެއް ކަމަށް ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy