ޑަބްލިއުއެޗްއޯގެ ޑިރެކްޓަ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ
25 ފެބުރުއަރީ 2020 - 15:43
ބެއިޖިން (ފެބްރުއަރީ 25) - ޗައިނާގައި ފެތުރެމުންދާ ކޮވިޑް-19 ބޮޑު ރޯގާއަކަށް ބަދަލުވެދާނެތީ ދުނިޔެ ތައްޔާރުވެ އޮތުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ގޮވާލައިފި އެވެ.
ޑަބްލިއުއެޗްއޯ އިން ބުނީ ކޮވިޑް-19 އަކީ ބޮޑު ބަލިމަޑުކަމެއްގެ ގޮތުގައި އަދި ނުބެލި ނަމަވެސް، ގައުމުތަކުން ދުރާލާ ތައްޔާރުވެ ތިބެން ޖެހޭނެ ކަމަށެވެ.
ޑަބްލިއުއެޗްއޯ އިން އިންޒާރު ދިން އިރު ކޮވިޑް-19 ދަނީ އޭޝިއާ އާއި މެދުއިރުމަތި އަދި ޔޫރަޕުގައި ހަލުވިކަމާ އެކު ފެތުރެމުންނެވެ. މިހާތަނަށް 30 ގައުމަކުން ކޮވިޑް-19 ފެނިފައިވާ އިރު ޗައިނާ އިން ބޭރުން ވަނީ 20 މީހުން މަރުވެ، 1،200 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފަ އެވެ. އިޓަލީން އިއްޔެ ވަނީ ހަތަރު މީހުން މަރުވެފަ އެވެ. އެ ގައުމުން މަރުވި މީހުންގެ އަދަދު ވަނީ ހަތަކަށް އަރައިފަ އެވެ.
ޑަބްލިއުއެޗްއޯގެ ޑިރެކްޓަ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ވިދާޅުވީ އީރާން، އިޓަލީ އަދި ސައުތު ކޮރެއާ އިން ވައިރަހަށް ޕޮޒިޓްވްވާ މީހުން ދަނީ އިތުރުވަމުން ކަމަށެވެ.
"ގައުމުތަކަށް ދޭން ބޭނުންވާ މެސެޖަކީ ހިތްވަރާއި އުއްމީދާ އެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން. ގިނަ ގައުމުތަކަކުން ވަނީ އެކަން ކޮށްފައި،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވި އެވެ.
ޑަބްލިއުއެޗްއޯގެ އިމަޖެންސީ ހެލްތު ޕްރޮގްރާމުގެ ޑިރެކްޓަރު މައިކް ރަޔަން ވިދާޅުވީ މިއީ ބަލިމަޑުކަމަކަށް ތައްޔާރުވެ ތިބެންވީ ވަގުތު ކަމަށެވެ.
އެޗް1އެން1 (ސްވައިން ފްލޫ) ފެތުރުނު ދުވަސްވަރު ވަނީ އެއީ ދުނިޔެ އަށް ފެތުރޭ ބޮޑު ބަލިމަޑުކަމެއްގެ ގޮތުގައި ޑަބްލިއުއެޗްއޯ އިން 2009 ވަނަ އަހަރު އިއުލާންކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ މޮގޮންބޯ
26 February 2020
ޗައިނާ އަށް ދުވަހަކު ނުދާ އީރާނު މީހަކަށް ވެސް ކޮވިޑް ޖެހިދާނެ. އެހެނީ ޗައިނާ ގައި އެކަންޏެއް ނޫން މިހާރު ކޮވިޑް އޮތީ.
ރީތި މޫސަ
25 February 2020
ދުނިޔެ އަހަރުމެނަށްލިބިފައިވަނީ ކިޔަމަންތެރިކަމާއެކު ބޭނުންކުރުމަށް ހިތުހުރިހާގޮތަކަށް އުޅުމަކަށްނޫން އޭގެ ނަތީޖާ މިދަނީ ފެންނަމުން އިސްލާމުންނަށް މަނާކޮންމެއެއްޗެއް މަނާވެފައިވަނީ އޭގެސަބަބުން ގެއްލުންވާނެތީ އެކަމެއް އިސްލާމަކުވިސް ކާފަރަކުވިޔަސް ކޮށްފިނަމަ އޭގެނުބައި ނަތީޖާއާއި ކުރިމަތިލާންޖެހޭނެ މިފަދަކަންކަމުން އިބުރަތް ހާސިލްކުރަންވީ
ޙަމް
25 February 2020
ވިސްނާ. މަދުމީހެއް ބައެއްގެ ކެއުން ހުރި ގޮތުން މުޅިދުނިޔެއަށް އޭގެ ވަބާ. ފެންނަ ދެފައިލީ ހުރިހާ ޖަނަވާރެއް ނުކާށޭ ބުނީމަ ވަނީ ރޭސިސްޓް ވީކަމަށް. ވާލައާ ހަރުފަ އާ ނުކައިވެސް އުޅެވިދާނެދޯ. މިއުޅެނީ ބަނޑައް ޖެހިގެނެއް ނޫންވިއްޔަ
މޮގޮމްބޯ
26 February 2020
އޮޅުވާ ނުލާ، އެއްވެސް ސައިންޓިފިކް އެވިޑެންސެއް އަދި ނެއް މިވައިރަސް އުފެދުނީ ވަކި އެއްޗެއް ކައިގެން ކަމެއް. އީރާން ގައި މިބަލި ޖެހުނު ގިނަ މީހުންނަކީ ޗައިނާއަށް ދުވަހަކު ނުދާ މީހުން. ދިވެހި ސައިންސްވެރިން ވަރަށް މޮޅުވާނެ ކޮފީ މޭޒުން ވާހަކަ ހަދަން
ޖަމއ
26 February 2020
އިއްޔެއެއް ނޫން އެ ތަކެތި އެމީހުން ކާން ފެށީ. ކިތަންމެ އަހަރެއް ވެއްޖެ. އެމީހުން އެކަންޏެއްނޫން އެތަކެތި ކަނީކީ. އެހެން ގައުމުތަކުގެ މީހުންވެސް ކައިއުޅޭ. ވައިރަސް އިންސާނުންނަށް އަރަންފެށީ ނުވަތަ އެމީހުންގެ ތެރޭ ފެތުރިގަތީ ހަމަ ކޯފާއެއް ފަދައިން. ޗައިނާ މީހުން އިސްލާމް ދީނާ މެދު އަމަލުކުރަމުންދިއަ ނުބައި ގޮތްތައް މާ މަތީ މިންގަނޑަކަށް ގެންދަން އުޅެންފެށީމަ ކުޑަކުޑަ ވައިރަސްއަކުން އެމީހުން ބިމަށް އެ ތިރި ކުރެއްވީ.