ދުނިޔެ / މަހާތިރު މުހައްމަދު

އާ ކޯލިޝަނަކުން ވެރިކަމަށް އަލުން ވަޑައިގަންނަވަން މަހާތިރު ބޭނުންވޭ

މަހާތިރު، މި މަހު 25 ވަނަ ދުވަހު އޮފީހުގައި: އިސްތިއުފާ ދެއްވި ނަމަވެސް އަދިވެސް ހުންނެވީ ވަގުތީ ބޮޑު ވަޒީރުގެ މަގާމުގައި. --ފޮޓޯ:އޭއެފްޕީ

27 ފެބުރުއަރީ 2020 - 13:20

1 comments

ކުއާލަ ލަމްޕޫރު (ފެބްރުއަރީ 27) - އާ ކޯލިޝަނަކުން އަނެއްކާ ވެސް މެލޭޝިއާގެ ބޮޑު ވަޒީރުކަމުގެ މަގާމަށް ވަޑައިގަތުމުގެ ޝައުގުވެރިކަން، އިސްތިއުފާ ދެއްވި ބޮޑު ވަޒީރު މަހާތިރު މުހައްމަދު އިއްޔެ ފާޅު ކުރައްވައިފި އެވެ.

މިދިޔަ ހޯމަ ދުވަހު އިސްތިއުފާ ދެއްވި ފަހުން ފުރަތަމަ ފަހަރަށް ދެއްވި ބަޔާނުގައި އުމުރުން 94 އަހަރުގެ ލީޑަރު ވިދާޅުވީ މިއީ ޕާޓީ ޕޮލިޓިކްސް އެއްފަރާތް ކުރަންވީ ވަގުތު ކަމަށެވެ.

"ހުރިހާ ޕާޓީތަކެއް ވެސް ހިމެނޭ ސަރުކާރެއް ގާއިމްކުރުމަށް އަޅުގަނޑު ބޭނުންވޭ. އެއްވެސް ސިޔާސީ ޕާޓީއެއް ބާކީ ކުރާކަށް ބޭނުމެއް ނޫން،" ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނުގައި ދުނިޔޭގެ އުމުރުން އެންމެ ގިނަ ދުވަސްވީ ސިޔާސީ ލީޑަރު ވިދާޅުވި އެވެ. "ޕާޓީތަކުގެ ތާއިދު ލިބިއްޖެ ނަމަ އަޅުގަނޑު މިހުރީ އަލުން ބޮޑު ވަޒީރުކަމާ ހަވާލުވާ ގޮތަށް."

މަހާތިރު ވިދާޅުވީ އިސްތިއުފާ ދެއްވީ ވެރިކަމުން ދުރުކުރި ނަޖީބް ރައްޒާގުގެ ޔުނައިޓެޑް މެލޭސް ނޭޝަނަލް އޮގަނައިޒޭޝަން (އަމްނޯ) އެކު މަސައްކަތް ކުރަން ބޭނުން ނުވާތީ ކަމަށެވެ. ވެރިކަމުގައި ހުންނެވި އިރު ހިންގެވި ކޮރަޕްޝަނުގެ މައްސަލަތަކާ ގުޅިގެން ނަޖީބުގެ މައްޗަށް މިހާރު ވަނީ ދައުވާކޮށްފަ އެވެ.

އިސްތިއުފާ ދެއްވި ބޮޑު ވަޒީރު މަހާތިރު މުހައްމަދު. --ފޮޓޯ:އޭއެފްޕީ

އަނެއްކޮޅުން މެލޭޝިއާގެ ބޮޑު ވަޒީރު ކަމަށް އޭނާ ގެނައުމަށް ޕާލަމެންޓުގެ ގިނަ މެންބަރުންތަކެެއް ތާއީދުކުރާ ކަމަށް އަންވަރު އިބްރާހިމް ވަނީ ވިދާޅުވެފަ އެވެ.

މެލޭޝިއާގެ ބޮޑު ވަޒީރުގެ ކުރީގެ ނައިބް މިހެން ވިދާޅުވީ ހޯމަ ދުވަހު މަހާތިރު އިސްތިއުފާ ދެއްވައި، އަންވަރު ނުހިމަނައި އާ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ކުރާކަމަށް އަޑު ފެތުރިފައިވާ ދުވަސްވަރެއްގަ އެވެ.

އަންވަރު ވިދާޅުވީ ނަޖީބު ވެރިކަމުން ދުރުކުރަން އުފެއްދި "ޕެކްޓް އޮފް ހޯޕް" ކޯލިޝަންގެ ތިން ޕާޓީއަކުން އޭނާ އަށް ތާއީދުކޮށްފައިވާ ކަމަށެވެ. މަހާތިރު އިސްތިއުފާ ދެއްވުމާ ހަމައަށް ވެރިކަން ކުރަމުން އައީ އެ ކޯލިޝަނުންނެވެ.

މަހާތިރު އިސްތިއުފާ ދެއްވި އިރު ކޯލިޝަނުގެ ތެރޭގައި ވަނީ މައްސަލަ ޖެހިފަ އެވެ. ކޮރަޕްޝަނުގެ އެތައް ތުހުމަތެއް ކޮށްފައިވާ ނަޖީބު ރައްޒާގު މަގާމުން ދުރުކުރުމަށް އޭރު އެއްބަސްވެފައި ވަނީ ދެ އަހަރަށް ފަހު މަހާތިރު އިސްތިއުފާ ދެއްވާ ގޮތަށެވެ. އޭގެ ފަހުން ބޮޑު ވަޒީރުކަން ހަވާލު ކުރަން އޮތީ މަހާތިރުގެ ނައިބުކަން ކުރިން ކުރެއްވި އަންވަރު އިބްރާހިމަށެވެ.

މަހާތިރު (ކ) އާއި އަންވަރު އިބްރާހިމް ޖޫން 1، 2018 ގައި ނޫސްވެރިންގެ ބައްދަލުވުމެއްގައި. --ފޮޓޯ:އޭއެފްޕީ

މަހާތިރު ވެސް ވިދާޅުވެފައި ވަނީ ދެ އަހަރެއްހާ ދުވަހު ވެރިކަން ކުރެއްވުމަށް ފަހު އަންވަރަށް މަގާމު ހަވާލު ކުރައްވާނެ ކަމަށެވެ. މަހާތިރު ވެރިކަމަށް ވަޑައިގެން މަހެއްހާ ދުވަސް ތެރޭ ވަނީ އަންވަރު، 72، އަށް ޝާހީ މައާފެއް ހޯއްދަވައިދެއްވައި، ޖަލުން މިނިވަންކޮށްފަ އެވެ.

މަހާތިރުގެ ޕަކަޓަން ހަރަޕަން ކޯލިޝަނުގައި ހިމެނޭ އަންވަރުގެ ޕާޓީ ކެދިލާން ރަކިއަތު (ޕީކޭއާރު) އިން ޕާލަމެންޓުގެ 48 ގޮނޑި ކޮންޓްރޯލް ކުރެ އެވެ.

ނަމަވެސް ކޯލިޝަނުގައި ހިމެނޭ ބައިވެރިން މިދިޔަ ހަފުތާ ބަންދުގައި ވަނީ އަންވަރުގެ ޕާޓީ ނުހިމަނައި، އާ ސަރުކާރެއް އެކުލަވާލުމާ ބެހޭ ގޮތުން މަޝްވަރާކޮށްފަ އެވެ. އަންވަރު ވިދާޅުވެފައި ވަނީ ކޯލިޝަނުގެ ތެރެއިން އޭނާ އަށް "ބޭވަފާތެރިވެއްޖެ" ކަމަށެވެ.

މަހާތިރާއި އަންވަރަކީ ކުރިން ވަރަށް ގާތް ދެ ބޭފުޅުންނެވެ. އެކަމަކު ސިޔާސީ ގޮތުން ދެ ބޭފުޅުން ޚިޔާލު ތަފާތުވެ އަންވަރު މަގާމުން ދުރުކޮށް 1998 ވަނަ އަހަރު، ހަ އަހަރު ޖަލަށްލީ މަހާތިރުގެ ވެރިކަމުގަ އެވެ. އަންވަރުގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ އެއް ޖިންސުން ގުޅުން ހިންގުމެވެ. އަންވަރުގެ މައްސަލަ މެލޭޝިއާގެ އެންމެ މަތީ ކޯޓުން ބެލުމަށް ފަހު އޭނާ މިނިވަން ކުރީ 2004 ވަނަ އަހަރު އެވެ. އަންވަރު ދެ ވަނަ ފަހަރަށް ޖަލަށްލީ ނަޖީބު ރައްޒާގުގެ ވެރިކަމުގައި 2015 ވަނަ އަހަރު އެވެ.

1 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަބުރުލް ސަލީމް

27 February 2020

މަހާތީރަށްވެސް މިހާރު ވެރިކަން ކުރެވިއްޖެ. އަދި މެލޭޝިޔާއަށް ބޮޑެތި ކުރިއެރުންތަކެއްވެސް އޭނާ ގެނަސްދެއްވި. އެކަމަށް ޝުކުރުވެރިވެސް ވަން އިންތިހާއަށް. އެކަމަކު މިއަދަކީ މަހާތީރުމެންގެ ދުވަހެއްނޫން. މިހާރު މަހާތީރުވެސް ސަޖިދައާ ރުކޫ ގިނަކުރެއްވުންހެން ހީވަނީ ރަނގަޅުވާނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454