ޑަބްލިއުއެޗްއޯގެ ޑިރެކްޓަ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް (ކ) އާއި ހެލްތު އިމަޖެންސީ ޕްރޮގްރާމުގެ ޑިރެކްޓަރު މައިކް ރަޔަން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ
29 ފެބުރުއަރީ 2020 - 10:39
ޖެނީވާ (ފެބްރުއަރީ 29) - މުޅި ދުނިޔެ އަށް ކޮރޯނާވައިރަސް ފެތުރުމުގެ ނުރައްކާ އެންމެ މަތީ ދަރަޖަ އަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ޖައްސައިފަ އެވެ.
ނަމަވެސް ޑަބްލިއުއެޗްއޯ ބުނީ ވައިރަސް ފެތުރޭ ވަސީލަތްތައް ހުއްޓުވައިފި ނަމަ ރޯގާ ކޮންޓްރޯލް ކުރުމުގެ ފުރުސަތު އަދިވެސް ވަރަށް ބޮޑު ކަމަށެވެ.
ޗައިނާގައި ޑިސެމްބަރު މަހު ފަހުކޮޅު ފެށުނު ވައިރަސް އެ ގައުމުގައި ހަލުވިކަމާ އެކު ފެތުރެމުން ގޮސް ކޮންޓްރޯލްވާ އަތަށް މިހާރު އަޅާފައިވާ އިރު ނުރައްކާ ބޮޑުވެފައި ވަނީ ދުނިޔޭގެ އެހެން ގައުމުތަކަށް ވައިރަސް ފެތުރިގެންދާ މިންވަރު ފުޅާވަމުންދާތީ އެވެ. ފަންސާހަށް ވުރެ ގިނަ ގައުމުން މިހާރު ވަނީ ކޮވިޑް-19 ފެނިފަ އެވެ.
ޗައިނާ އަށް ވުރެ ބޮޑަށް އެހެން ގައުމުތަކުން ރޯގާ ޖެހޭ މީހުން ވަނީ އިތުރުވެފަ އެވެ. ޗައިނާ އިން އިއްޔެ ފެނިފައި ވަނީ ވައިރަހުގެ 327 މީހުންނެވެ. މިއީ ވޭތުވެދިޔަ މަހެއްހާ ދުވަހު ތެރޭ އެންމެ މަދުން ބަލި މީހުން ފެނުނު ދުވަހެވެ. ސައުތު ކޮރެއާ އިން އިއްޔެ ވަނީ ކޮރޯނާވައިރަހުގެ 600 އަށް ވުރެ ގިނަ މީހުން ފެނިފަ އެވެ.
ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ވިދާޅުވީ އެންމެ ބޮޑު ނުރައްކަލަކީ ދޮގު މައުލޫމާތު ފެތުރުމާއި ބިރުވެރިކަން އުފެއްދުން ކަމަށެވެ.
ޑަބްލިއުއެޗްއޯ އިން ގަބޫލްކުރާ ގޮތުގައި ހުރިހާ ގައުމުތަކެއްގެ ސަރުކާރުތަކާއި މުޖްތައުތައް ގުޅިގެން މަސައްކަތްކޮށްފި ނަމަ ބަލި ކޮންޓްރޯލް ކުރެވޭނެ އެވެ.
ޑަބްލިއުއެޗްއޯގެ އިމަޖެންސީ ހެލްތު ޕްރޮގްރާމުގެ ވެރިޔާ ޑރ. މައިކް ރަޔަން ވިދާޅުވީ ރިސްކް ލެވެލް މަތިކުރީ ގައުމުތަކުގެ ހެލްތު ކެއާ ސިސްޓަމް އަދިވެސް ތައްޔާރުވެ ނެތުމުން އެކަމަށް ފިޔަވަޅު އެޅުމުގެ ގޮތުން ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ މިހާރުގެ ޑޭޓާ އަށް ބަލާއިރު ކޮވިޑް-19 އަކީ ދުނިޔެ އަށް ކުރިމަތިވެފައިވާ ބޮޑު ރޯގާއެއްގެ ގޮތުގައި އަދި ބެލެން ނެތް ކަމަށެވެ.
"ދުނިޔެ އަށް ކުރިމަތިވެފައިވާ ބޮޑު ރޯގާއެއް ކަމަށް ނިންމައިފި ނަމަ އޭގެ މާނައަކީ ދުނިޔޭގެ ބިމުގައިވާ ކޮންމެ އިންސާނަކު ވެސް ވަނީ އެ ރޯގާ އަށް ހުށަހެޅިފައިކަން،" ރަޔަން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްމަޑޭސ
29 February 2020
ދެން މިބަލި ކޮންޓްރޯލްކުރެވޭނެކަމަކައް ނުފެނޭ އެކަމަކު ފެތުރޭ ބާރުމިން މަޑުޖައްސާލެވުނަސް ބައްޔައްބޭހެއް ނޫނީ ވެކްސިންއެއްހޯދަން ވަގުތު ކޮޅެއް ލިބޭނެ. ކުރިއައްއޮތް ހަތަރުވަރަކައް މަސްތެރޭ ބައްޔައް ފަރުވާއެއް ނޫނީ ވެކްސިނެއް ނުހޯދިއްޖެނަމަ އަހަރު ނިމެންވާއިރު މިދުނިޔެއިން މިބަލީގެ ސަބަބުން ވިއްސަކައް މިލިޔަން މީހުން މަދުވެދާނެ.
ޭއޭބީ
29 February 2020
މިވައިރަސް ފެތުރެމުން ދާވާހަކަ ލިޔުމުން ކޮންމެސް ވަރަަކަށް އުފަލުގެ ކޮމެންޓް ހުރުމުން އެއީ ވަރައްވެސް ހިތާމަވެރި ކަމެއް މިކަމަކީ މުޅިދުނިޔެއަށް ދިމާވެފައިވާ ވަރަށް ބޮޑު ހިތާމަވެރި ކަމެއް ވީމާ މިކަމުން ރައްކާތެރި ކަން ހޯދުމައްޓަކާ ހެއްދެވި ފަރާތަށް ދުޢާކުރުން ނޫން ގޮތެއްނެތް އިންޝާއައްލާހު