ތެހެރާން (އެޕްރީލް 6) - މުޅި ދުނިޔެ އަށް މިހާރު ފެތުރިގެން އުޅޭ ކޮރޯނާވައިރަހަށް ވުރެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ނުރައްކާ މާބޮޑު ކަމަށް އީރާނުގެ ސީނިއާ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ ރިއާ އެޑްމިރަލް އަލީ ޝަމްޚާނީ ވިދާޅުވީ ކޮރޯނާވައިރަހުގެ ބަލި މީހުންނަށް ފަރުވާ ދޭން ބޭނުންވާ މެޑިކަލް ސާމާނު އީރާނާ ހަމައަށް ފޯރުކޮށްނުދީ އެތަކެތި ހުއްޓުވުމަކީ ޓްރަމްޕް ހިންގެވި އިންސާނިއްޔަތާ ޚިލާފު ޖަރީމާއެއް ކަމަށެވެ. އަދި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން އީރާނަށް އެހީވުމަށް ކުރަމުން އަންނަ މަސައްކަތަށް ވެސް އެމެރިކާ އިން ހުރަސްއަޅާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސިއްހީ އައިޓަމްތަކަށް ހުރަސް އެޅުމަކީ ގާނޫނުތަކާ އަދި އިންސާނިއްޔަތާ ވެސް ޚިލާފު އަމަލެއް. އެކަމުން ދައްކުވައިދެނީ ޓްރަމްޕުގެ ހިތުގައި އީރާނާ މެދު އޮތް ނަފުރަތު،" ޝަމްޚާނީ ވިދާޅުވި އެވެ. "ޓްރަމްޕަކީ ކޮރޯނާވައިރަހަށް ވުރެ ނުރައްކާތެރި މީހެއް."
ޓްރަމްޕް ވިދާޅުވެފައި ވަނީ އީރާނަށް އެހީވާނީ އެ ގައުމުގެ ލީޑަރުން އެކަމަށް އެދިއްޖެ ނަމަ ކަމަށެވެ.
ކޮރޯނާވައިރަހަށް އީރާނުން 58،226 މީހުން ޕޮޒިޓިވްވެފައިވާ އިރު 3،603 މީހުން ވަނީ މަރުވެފަ އެވެ.