ރާޖަޕަކްސާގެ ދަރިކަލުން ހައްޔަރުކުރުމުން ބަދަލު ހޯދަން ދައުވާކޮށްފި

ކޮލަމްބޯ (އޮކްޓޯބަރު 12) - ފުލުހުންގެ ފައިނޭންޝަލް ކްރައިމްސް އިންވެސްޓިގޭޝަން ޑިވިޝަން (އެފްސީއައިޑީ)އާ ދެކޮޅަށް ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ދަރިކަލުން ނަމާލް ރާޖަޕަޖްސާ ދައުވާ ކޮށްފި އެވެ.


މަނީ ލޯންޑްރިން އާއި ކޮރަޕްޝަނުގެ ތުހުމަތުގައި އެފްސީއައިޑީން ވަނީ ދެ ފަހަރަށް، ޔުނައިޓެޑް ފްރީޑަމް ޕީޕަލްސް އެލަޔަންސްގެ ފަރާތުން ޕާލަމެންޓުގައި ހިމެނޭ ނަމާލް ހައްޔަރުކޮށްފަ އެވެ.

ނަމާލްގެ ވަކީލް އަތުލަ ސިލްވާ ކޮލަމްބޯ ޑިސްޓްރިކްޓް ކޯޓަށް ހުށަހެޅި މައްސަލާގައި ވަނީ އެފްސީއައިޑީން 200 މިލިއަން ރުޕީސް ހޯދުމަށް ޑިމާންޑް ކޮށްފަ އެވެ. ސިލްވާ ވިދާޅުވީ އެފްސީއައިޑީން ކަންތައް ކުރި ގޮތުން ނަމާލްގެ އަބުރަށް ވަރަށް ބޮޑަށް ހުތުރު އަރާފައިވާ ކަމަށެވެ.

އެފްސީއައިޑީން ނަމާލް ފުރަތަމަ ހައްޔަރުކުރީ ޖުލައި 11 ގަ އެވެ. އެއީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ކްރިޝް ގްރޫޕުން ކޮލަމްބޯގައި ހިންގަން އުޅުނު 650 މިލިއަން ޑޮލަރުގެ ގެދޮރު އެޅުމުގެ މަޝްރޫއަކާ ގުޅިގެންނެވެ. ނަމާލްގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ މި ޕްރޮޖެކްޓުން 79 މިލިއަން ރުޕީސް ހޯދާފައިވާ ކަމަށެވެ. ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލީ ޖުލައި 18 ގަ އެވެ. ދެ ވަނަ ފަހަރަށް ނަމާލް ހައްޔަރުކުރީ އޮގަސްޓް 15 ގަ އެވެ. އެއީ ހެލޯކޯޕަރޭޝަނުގެ 125 މިލިއަން ރުޕީސްގެ ހިއްސާގެ މައްސަލާގައި ޚިޔާނާތްތެރިވެފައިވާ ކަމުގެ ތުހުމަތުގަ އެވެ.