ވޮޝިންޓަން (އެޕްރީލް 16) - ކޮރޯނާވައިރަހުގައި އެމެރިކާ މިހާރު ވަނީ ޕީކަށް އަރާފައި ކަމަށާއި މި މަސް ތެރޭ ބައެއް ސްޓޭޓްތައް ހުޅުވެވޭނެ ކަމަށް ބެލެވޭ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ސްޓޭޓްތައް ހުޅުވާލުމާ ގުޅޭ އާ ގައިޑްލައިން، ގަވަރުނަރުންނާ މަޝްވަރާ ކުރުމަށް ފަހު މިއަދު އިއުލާން ކުރައްވާނެ ކަމަށެވެ.
އެމެރިކާގައި މިހާތަނަށް ވަނީ 644،348 މީހުން ޕޮޒިޓިވްވެ 28،554 މީހުން މަރުވެފަ އެވެ. ރަނގަޅުވެފައި ވަނީ 48،708 މީހުންނެވެ.
"މި ޑޭޓާތަކުން އެނގޭ ގޮތުގައި އެމެރިކާ ވަނީ އަލަށް ބަލި ޖެހޭ މީހުންގެ ޕީކަށް އަރާފައި،" ރޯސް ގާޑަންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ.
ދުނިޔޭގެ ނިސްބަތަށް ބަލާއިރު އެމެރިކާގައި މަރުވާ މީހުންގެ އަދަދު އިތުރުވީ ކީއްވެތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ އެހެން ގައުމުތަކުން ތެދު މައުލޫމާތު ހާމަނުކުރާ ކަމަށެވެ.
ވައިޓް ހައުސްގެ ކޮރޯނާވައިރަސް ކޯޑިނޭޓަރު ޑެބޯރާ ބާކްސް ވިދާޅުވީ ވޭތުވެދިޔަ ދުވަސްތަކުގައި އެމެރިކާގައި ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށަށް ދާން ފަށާފައިވާ ކަމަށެވެ.
އެމެރިކާ ހުޅުވާލުމަށް ކުރިން ނިންމާފައި ވަނީ މެއި 1 ވަނަ ދުވަހު އެވެ. ނަމަވެސް ޓްރަމްޕް ވިދާޅުވީ އެއަށް ވުރެ އަވަހަށް ބައެއް ސްޓޭޓްތައް ހުޅުވާލެވޭނެ ކަމަށެވެ. ގައުމު ބަންދުކޮށްފައި ބޭއްވިއަސް މަރުވާ މީހުން މަދު ނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
"އިގްތިސާދު ހުއްޓިފައި އޮތުމުން އަމިއްލަ އަށް މަރުވާ މީހުންގެ އަދަދު ވެސް ވަރަށް ގިނަ،" ޓްރަމްޕް ވިދާޅުވި އެވެ.
ލޮކްޑައުންނާ ހެދި އެމެރިކާގެ އެތައް ހާސް ބައެއްގެ ވަޒީފާ ވަނީ ގެއްލިފަ އެވެ.