ގަލްފުގައިވާ އީރާނުގެ މަނަވަރެއް: ޔަމަނުގެ މަޝްރަހު ހޫނުވެފައި ވަނިކޮށް ގަލްފު އޮފް އަދަނަށް ދެ މަނަވަރު ފޮނުވީ، އީރާނުން ބުނި ގޮތުގައި ވިޔަފާރި އުޅަނދުތަކަށް ހިމާޔަތް ދިނުމަށް.
14 އޮކްޓޯބަރ 2016 - 11:33
ތެހެރާން (އޮކްޓޯބަރު 14) - ޔަމަނުގެ ހޫތީންނަށް އަމާޒުކޮށް އެމެރިކާ އިން ވައިގެ ހަމަލާތަކެއް ދީފައި ވަނިކޮށް ގަލްފު އޮފް އަދަނަށް އީރާނުން ދެ މަނަވަރު ފޮނުވައިފި އެވެ.
އީރާނުން ބުނެފައި ވަނީ އެ ގައުމުގެ މަނަވަރުތަކުން ހަރަކާތްތެރި ވާނީ ކަނޑުފޭރޭ މީހުންގެ ކިބައިން އެ ސަރަހައްދުން ދަތުރުކުރާ ވިޔަފާރި އުޅަނދުތަކަށް ހިމާޔަތް ދިނުމަށް ކަމަށެވެ. އީރާނުން ބުނީ ބާބް އަލް މަންދީބު ކަނޑުއޮޅިއަކީ ގިނަ އަދަދެއްގެ ވިޔަފާރި އުޅަނދު ދަތުރުކުރާ ސަރަހައްދެއް ކަަމަށެވެ.
އެމެރިކާ އިން ބުނީ އީރާނުގެ މަދަދު ލިބޭ ހޫތީންގެ ތިން ރާޑަރު ސްޓޭޝަނަކަށް ހަމަލާދިނީ އެމެރިކާގެ މަނަވަރަކަށް އަމާޒުކޮށް މިސައިލް ހަމަލާއެއްދީފައިވާތީ ކަމަށެވެ.
އެމެރިކާ އިން އިއްޔެ ދިން މިސައިލް ހަމަލާ އަކީ ހޫތީންނަށް ސީދާ އަމާޒުކޮށް ދިން ފުރަތަަ ވައިގެ ހަމަލާ އެވެ. މީގެ ކުރިން އެމެރިކާ އިން ވަނީ ޔަމަނަށް ހަމަލާދޭ ސައުދީ ކޯލީޝަނަށް އެއްބާރުލުން ދީފަ އެވެ.
ޔަމަނުގައި ޖަނާޒާއެއް ކުރިއަށް ދަނިކޮށް ސައުދީ ކޯލީޝަނުން ދިން ކަމަށް ބުނާ ހަމަލާއާ ގުޅިގެން އެމެރިކާ އިން ވަނީ ކޯލީޝަނަށް ދޭ އެއްބާރުލުން ކުޑަކުރާނެ ކަމަށް ބުނެފަ އެވެ. މި ހަމަލާތަކުގައި ޔަމަނުގެ އާއްމުންގެ 140 މީހުން ވަނީ މަރުވެފަ އެވެ. އީރާނުން ވެސް ބުނެފައި ވަނީ ހޫތީންނަށް ތާއީދު ކުރި ނަމަވެސް އެ މީހުންނަށް ހަތިޔާރުގެ ގޮތުން އެހީވަމުން ނުދާ ކަމަށެވެ. އަދި ޔަމަނަށް ބޮން އެޅުމަށް ދެކޮޅު ހަދާ ކަމަށް އީރާނުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަސްމީރު
14 October 2016
ތިންވަނަ ބޮޑު ހަނގުރާމައިގެ ފެށުން.
އީސަ
14 October 2016
މުސްލިމްގައުމު ތަކުން ހަމަލާދީ މުސްލިމުން މަރާތަން ފެނުނީމަ އުނދަގޫވޭ. ސައުދީއެއްކަމަކު މުސްލިމުން މަރައިގެން ނުވާނެ.