އޮސްޓްރޭލިއާ އިން ވަނީ ތިން މިލިއަން މީހުން އެޕް ޑައުންލޮޑްކޮށްފައި . --ފޮޓޯ:ގެޓީ އިމޭޖަސް
29 އެޕްރީލް 2020 - 20:08
ސިޑްނީ (އެޕްރީލް 29) - އޮސްޓްރޭލިއާ އާއި ސިންގަޕޫރު އަދި ސައުތު ކޮރެއާ ފަދަ ގައުމުގައި މިހާރު ވަނީ ކޮންޓެކްޓް ޓްރޭސިން އެޕްތައް ހަދައި ބޭނުން ކުރަން ފަށައިފަ އެވެ.
އިނގިރޭސި ވިލާތުން ވެސް ވަރަށް އަވަހަށް އެޕެއް ބޭނުން ކުރާނެ އެވެ. އެންއެޗްއެސް ޑިޖިޓަލްގެ ޗީފް އެގްޒެކެޓިވް މެތިއު ގޫލްޑް މިއަދު ވިދާޅުވީ އެ ގައުމުގައި އެޕް ބޭނުން ކުރެވޭވަރު ވާނީ އަދި ދެ ތިން ހަފުތާ ފަހުން ކަމަށެވެ. ރާއްޖޭގައި މިއަދު ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އުފެއްދި ކޮންޓެކްޓް ޓްރޭސިން އެފް "ޓްރޭސްއެކީ" ތައާރަފް ކޮށްފަ އެވެ.
އެޕުގެ އެހީގައި ޔޫޒާގެ ލޮކޭޝަން ދެނެގަނެ، ބަލިޖެހިފައިވާ މީހުން އުޅޭ ހިސާބަކާ ކައިރިވާ ނަމަ އެލާޓެއް ލިބެ އެވެ.
އޮސްޓްރޭލިއާ ސަރުކާރުން މިހާރު ދަނީ ވީހާވެސް ގިނަ ބަޔަކު އެޕް ޑައުންލޯޑް ކުރުމަށް އިލްތިމާސް ކުރަމުންނެވެ. މިހާތަނަށް ވަނީ ގާތްގަނޑަކަށް ތިން މިލިއަން މީހުން "ކޮވިޑްސޭފް" އެޕް ޑައުންލޯޑްކޮށްފަ އެވެ.
އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވިދާޅުވެފައި ވަނީ ދިރިއުޅުން އާއްމު ހާލަތަކަށް ގެނައުމަށް އޮތް "ޓިކެޓަކީ" މިފަދަ އެޕްތައް ބޭނުން ކުރާ މީހުންގެ އަދަދު އިތުރުވުން ކަމަށެވެ.
ކޮންޓެކްޓް ޓްރޭސިން އެޕްތައް ބޭނުން ކުރަން ބައެއް ގައުމުތަކުން ވަނީ ފަށާފައި. --ފޮޓޯ:ގެޓީ އިމޭޖަސް
އޮސްޓްރޭލިއާ ސަރުކާރުން ބޭނުން ވަނީ 25 މިލިއަން މީހުންގެ އާބާދީގެ 40 ޕަސެންޓް މީހުން މަދުވެގެން އެޕް ބޭނުން ކުރުމަށެވެ.
އޮސްޓްރޭލިއާ ވަނީ ވައިރަސް ކާވް ފްލެޓަންކުރުމުގައި ކާމިޔާބު ހޯދައިފަ އެވެ. އެ ގައުމުން އިއްޔެ ރިޕޯޓްކޮށްފައި ވަނީ އެންމެ ކޭސްއެކެެވެ.
ނިއު ސައުތު ވޭލްސް، ވެސްޓަން އޮސްޓްރޭލިއާ، ކްއީންސްލޭންޑް އަދި ސައުތު އޮސްޓްރޭލިއާ އަށް މި ހަފުތާގައި ވަނީ ލުއިތަކެއް ދީފަ އެވެ.
ނަމަވެސް މިފަދަ އެޕްތަކުގެ ކާމިޔާބުކަމާ މެދު ބައެއް ތަޖްރިބާކާރުން ސުވާލު އުފައްދަ އެވެ. ސިންގަޕޫރުގެ ނޭޝަނަލް ޔުނިވާސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ޖޭމްސް ކްރެބްޓްރީ ވިދާޅުވީ ޓްރޭސިން އެޕްތަކުގެ ލިމިޓޭޝަންތަކެއް ހުންނަ ކަމަށެވެ.
"މިސާލަކަށް ބަލިޖެހިފައި ހުރި މީހަކު ކެފޭއެއްގައި މީހަކު އިނުމަށް ފަހު މޭރަށް ވައިރަސް ދޫކުރުމަށް ފަހު، ފަހުން އެ މީހަކު އައިސް އެ މޭޒުގައި އިށީނުމުން އެމީހާ އަށް ވައިރަސް އަރައިފާނެ، އެޕުން އެ ވާހަކައެއް ނުބުނެދޭނެ،" އޭނާ ވިދާޅުވި އެވެ. "އެޕަކީ ޖާދޫގެ ވަޒަނެއް ނޫން."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާދަން ސައީދު
01 May 2020
ދެރަކަމަކީ ދިވެހި ސަރުކާރަށް ރަގަޅު ފެންވަރުގެ ކޮންޓެކްޓް ޓްރޭސިންގ އެޕްލިކޭޝަންއެއް ނުހެދޭތީ!
ވައިސޫރި
30 April 2020
ތިޔަފަދަ މެޕެއް ތައްޔާރު ކޮއްދިން ޑިވަލޮޕަރުންގެ ނަންތައް ހާމަކޮއް ދެއްވާފިނަމަ އެކުދިންން ތަފާތުމެޕުތައް ހެދުމައް މާކެޓު ލިބިގެންދާނެ އޭރުންވެސް ގިނަބަޔަކައް ފައިދާ ތެކެއް ކުރާނެ