ވޮޝިންޓަން (މެއި 2) - ޗައިނާގެ ވޫހާން ސިޓީގެ ވޫހާން އިންސްޓްޓިއުޓް އޮފް ވައިރޮލޮޖީ ލެބާ ގުޅުން އޮންނަ އެމެރިކާގެ ޓެކްސަސް ޔުނިވާސިޓީގެ މައްސަލަ ބަލަން ފެޑެރަލް އިންވެސްޓިގޭޝަނުން އަންގައިފި އެވެ.
އެމެރިކާގެ އޮފިޝަލުން ތުހުމަތުކޮށްފައި ވަނީ ކޮރޯނާވައިރަސް ދޫވެފައި ވަނީ ވޫހާންގެ ލެބުން ކަމަށެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް އެޑިއުކޭޝަނުން ޓެކްސަސް ޔުނިވާސިޓީ އަށް ފޮނުވި ސިޓީއެއްގައި ވަނީ ވޫހާން ލެބާ އެ ޔުނިވާސިޓީއާ އޮތް ގުޅުމާ ބެހޭ ހުރިހާ ލިޔެކިޔުތަކެއް ފޮނުވުމަށް އެދިފަ އެވެ. އަދި އެ ލެބާއި ޔުނިވާސިޓީއާ ދެމެދު ބަދަލު ކުރެވިފައިވާ ހަދިޔާތަކުގެ މައުލޫމާތު އެންގުމަށް ވެސް އެދިފައިވެ އެވެ.
ޓެކްސަސް ޔުނިވާސިޓީގެ މައްސަލަ ބަލަން އަންގާފައި މި ވަނީ އެމެރިކާގެ ޔުނިވާސިޓީތަކަށް ފައިސާ ލިބޭ ގޮތްތަށް ބެލުމަށް ގޮވާލަމުންދާ ދުވަސްވަރެއްގަ އެވެ.
އެމެރިކާގެ ނޭޝަނަލް އިންޓަލިޖެންސްގެ ޑިރެކްޓަރުގެ އޮފީހުން ވަނީ ޗައިނާގެ ލެބް ތިއަރީ ތަހުގީގު ކުރާ ކަމަށް ބުނެފަ އެވެ. ނަމަވެސް އެއީ އިންސާނުން އުފައްދާފައިވާ ނުވަތަ ޖެނެޓިކަލީ މޮޑިފައިކޮށްފައިވާ ވައިރަހެއް ނޫން ކަމަށް ވަނީ ބުނެފަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތަކުރާރުކޮށް ގެންދަވަނީ ކޮރޯނާވައިރަހަކީ ވޫހާން ލެބުން ދޫވި އެއްޗެއް ކަމާއި އެކަމުގެ ހެކި ލިބިފައިވާ ކަމަށް ވިދާޅުވަމުންނެވެ.