20 މެއި 2020 - 12:41
ލަންޑަން (މެއި 20) - ކޮރޯނާވައިރަހަށް ޕޮޒިޓިވްވި އިނގިރޭސި ވިލާތުގެ ނަރުހެއް އިންޓެންސިވް ކެއާ (އައިސީޔޫ) ގައި 45 ދުވަހު ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށް ފަހު ވޯޑަށް ބަދަލުކޮށްފި އެވެ.
ފެލިކްސް ކޯ އަށް ފަރުވާ ދީފައި ވަނީ އެސެކްސްގެ ސަދަން ޔުނިވާސިޓީ ހޮސްޕިޓަލުގަ އެވެ. އެއީ އޭނާ 15 އަހަރު ވަންދެން މަސައްކަތް ކުރި ހޮސްޕިޓަލެކެވެ. އައިސީޔޫ އިން ބަދަލު ކުރި ވަގުތު އޭނާ ވަނީ ފަރުވާ ދިނުމުގައި އެހީވެ ދިން އެންމެންނަށް އަތުގެ އިޝާރާތުން ޝުކުރު އަދާކޮށްފަ އެވެ.
ފެލިކްސް ވޯޑަށް ބަދަލުކުރި އިރު ހޮސްޕިޓަލުގެ ސްޓާފުން ވަނީ މައި ކޮރިޑޯގެ ދެފަރާތުގައި ސަފަކަށް އެތުރި އޭނާ އަށް ހިތްވަރު ދީފަ އެވެ.
ނަރުސް ފެލިކްސް އައިސީޔޫ އިން ވޯޑަށް ބަދަލުކުރި އިރު ހޮސްޕިޓަލްގެ ސްޓާފުން ހިތްވަރު ދެނީ. --ފޮޓޯ:ބީބީސީ
"މި ބައްޔާ ދެކޮޅަށް ކުރި ހަނގުރާމައިގައި އަހަންނަށް އެހީވި އެންމެންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. ހޮސްޕިޓަލުގެ ސްޓާފުންނާއި ރަހުމަތްތެރިންނަށް ވަރަށް ބޮޑަށް ލޯތްބާ އެކު ޝުކުރު އަދާކުރަން،" ފެލިކްސް ބުންޏެވެ.
ހޮސްޕިޓަލްގެ ނާސިން ޑިރެކްޓަރު ޑިނައިސް ޓައުސެންޑް ވިދާޅުވީ ލަހުން ނަމަވެސް ފެލިކްސްގެ ރިކަވަރީއާ މެދު އުފާކުރައްވާ ކަމަށެވެ. ފެލިކްސް ރަނގަޅުވުމަކީ ލިބިގެން ދިޔަ ވަރަށް އުއްމީދީ މެސެޖެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެންއެޗްއެސްގެ ނަރުހެއްގެ ގޮތުގައި ފެލިކްސް މަސައްކަތް ކުރާތާ 30 އަހަރު ވެއްޖެ އެވެ. އޭނާ ސަދަން ހޮސްޕިޓަލާ ގުޅިފައި ވަނީ 2005 ވަނަ އަހަރު އެވެ.
އިނގިރޭސި ވިލާތުން ވަނީ 248,818 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 35,341 މީހުން މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy