އިންޑިއާގެ ޗެންނާއީގައި ކޮރޯނާވައިރަހަށް ޓެސްޓްކުރަން ސާމްޕަލް ނަގައި ސެންޓަރެއްގައި އަންހެނަކު މަޑުކޮށްލައިގެން. --ފޮޓޯ:އޭއެފްޕީ
30 ޖޫން 2020 - 10:48
ޖެނީވާ (ޖޫން 30) - ކޮރޯނާވައިރަހުން އަރައިގަނެވޭނެ ދުވަހެއް އަދި ނޭނގޭ ކަމަށާއި ބަލީގެ ނުރައްކާ އަދި އޮތީ ކުރިއަށް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން އިންޒާރު ދީފި އެވެ.
ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ވިދާޅުވީ ސަރުކާރުތަކުން އެކަށީގެންވާ ސިޔާސަތުތައް ތަންފީޒް ނުކުރާ ނަމަ އެތައް ހާސް ބަޔަކަށް ބަލިޖެހޭނެ ކަމަށެވެ. އެހެންވެ ޓެޑްރޯސްގެ މެސެޖަކީ "ޓެސްޓް، ޓްރޭސް، އައިސޮލޭޒް އަދި ކަރަންޓީން" ކުރުމެވެ.
ޖެނީވާގައި ބޭއްވި ވާޗުއަލް ނިއުސް ކޮންފަރެންސްއެއްގައި ޓެޑްރޯސް އިއްޔެ ވިދާޅުވީ އެންމެން ވެސް ބޭނުން ވަނީ މިކަމުން އަވަހަށް ސަލާމަތްވާން ކަމަށެވެ.
"އެކަމަކު ހަގީގަތަކީ މިކަން ނިމެން އަދި ކައިރިވެސް ނުވާކަން. ބައެއް ގައުމުތަކުން ބަލި ކޮންޓްރޯލް ކުރި ނަމަވެސް، މުޅި ދުނިޔެ އަށް ބަލާއިރު ބަލި ދަނީ އިތުރަށް ފެތުރެމުން،" ޓެޑްރޯސް ވިދާޅުވި އެވެ.
ޓެސްޓްކުރުމާއި ޓްރޭސްކުރުން ވަރުގަދަކޮށްގެން ބަލި ކޮންޓްރޯލްކުރި ގައުމުތައް ކަމަށްވާ ޖަރުމަން، ސައުތު ކޮރެއާ އަދި ޖަޕާން ފަދަ ގައުމުތަކުން ތަންފީޒްކުރި ސިޔާސަތުތަކުން މިސާލު ނެގުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
ދުނިޔޭގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުން މިހާރު ވަނީ 10 މިލިއަން ފަހަނަޅައިގޮސް، އަދި މަރުވި މީހުން ވެސް ބައި މިލިއަނަށް ވުރެ މައްޗަށް އަރައިފަ އެވެ. ޕޮޒިޓިވް ކޭސްތަކުގެ ދެބައިކުޅަ އެއްބައި ރިޕޯޓްކޮށްފައި ވަނީ އެމެރިކާ އާއި ޔޫރަޕުންނެވެ. އެކަމަކު ކޮރޯނާވައިރަސް ދަނީ ސައުތު އެމެރިކާގައި ވެސް ބާރަށް ފެތުރެމުންނެވެ. މީގެ އިތުރުން ސައުތު އޭޝިއާ އާއި އެފްރިކާގައި ވެސް ހަލުވިކަމާ އެކު ވައިރަސް ފެތުރެމުންދާއިރު ޖުލައި މަހުގެ ކުރިން ޕީކަށް ދާނެ ކަމަށް ލަފައެއް ނުކުރެވެ އެވެ.
އެމެރިކާ އިން އެކަނިވެސް ވަނީ 2.68 މިލިއަން މީހުން ޕޮޒިޓިވްވެ 128،000 މީހުން މަރުވެފަ އެވެ. ބްރެޒިލުން ވަނީ 1.37 މިލިއަން މީހުން ޕޮޒިޓިވްވެ 58،000 މީހުން މަރުވެފަ އެވެ. ކޭސްތައް އިތުރުވާތީ ބްރެޒިލްގެ ވެރިރަށުގައި އިއްޔެ ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ.
މީގެ ހަ މަސް ކުރިން ޗައިނާގެ ވޫހާން ސިޓީން ފެނުނު ވައިރަހަށް މިހާތަނަށް މުޅި ދުނިޔެ އިން ވަނީ 10,412,421 މީހުން ޕޮޒިޓިވްވެ 508,228 މީހުން މަރުވެފަ އެވެ. ބަލިން ރަނގަޅުވެފައި ވަނީ 5,668,668 މީހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެރުދުންމާރި
30 June 2020
ދެން އެކުން މާ އަނގަތަޅުވާ ބިރު ދައްކާނެ ކަމެއް ނެތް. މި ރާއްޖެ މީހުނެއް ނޫޅޭ ތި ދައްކާ ދިއުޅިއެއްނުވާ ވާހަކަ ތަކެއް އަޑު އަހާކަށް.
އިން
30 June 2020
ނިއުޔޯކްޓައިމްސްއިން ލިއުނު ލިއުމެއްގައިވާ ގޮތުން ޑަބްލިއޫއެޗްއޯވެސް ވަނީ ފަރުވާކުޑަކޮށްފަ އެސިމްޕޓޮމެޓިކް މީހުންގެ ފަރާތުން ބަލި ފެތުރެން ޖާގައޮތް މިންވަރަށް ސަމާލުކަން އެންމެ ފުރަތަމަ ދޭންވީވަރަށް ނުދިނުމުގެ ސަބަބުން މިބަލި މުޅި ދުނިޔެއަށް ފެތުރުނުކަމަށް ބުނާ ބުނުމާމެދު.