ތެހެރާން (ޖޫން 30) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހައްޔަރު ކުރުމުގެ އަމުރެއް އީރާނުން ނެރެ، ޓްރަމްޕް ހައްޔަރު ކުރުމުގައި އިންޓަޕޯލްގެ އެހީއަށް އެދިއްޖެ އެވެ.
އީރާނުން ނެރުނު އަމުރުގައި ވަނީ ޖެނުއަރީ 3 ގައި ބަޣުދާދު އެއާޕޯޓުގައި ދިން ޑްރޯން ހަމަލާގައި އެ ގައުމުގެ ގުދުސް ފޯސްގެ ޖެނެރަލް ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމުގައި ބައިވެރި އެންމެން ހައްޔަރު ކުރުމަށް ގޮވާލައިފަ އެވެ.
އީރާނުގެ ޕްރޮސެކިއުޓާ އަލީ އަލްގަސިމާރް ވިދާޅުވީ ޓްރަމްޕުގެ އިތުރުން 30 މީހަކު ވަނީ ސުލައިމާނީ އަވަހާރަކޮށްލުމުގެ އޮޕަރޭޝަނުގައި ބައިވެރިވެފައި ކަމަށެވެ. ޓްރަމްޕް ފިޔަވައި އިތުރު މީހެއްގެ ނަމެއް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އަލްގަސިމާރް ވިދާޅުވީ ޓްރަމްޕުގެ ވެރިކަން ނިމުނު ނަމަވެސް އޭނާގެ މައްޗަށް ދައުވާ ކުރާނެ ކަމަށެވެ.
އިންޓަޕޯލް އިން ބުނެފައި ވަނީ ސިޔާސީ، އަސްކަރީ، ދީނީ ނުވަތަ ނަސްލީ ކަންކަމުގެ ތެރެއަށް ވަނުމުގެ އިހްތިސާސް ލިބިފައި ނެތް ކަމަށެވެ.
އީރާނަށް ކަނޑައަޅާފައި ހުންނަ އެމެރިކާގެ މަންދޫބު ބްރިއަން ހޫކް ވިދާޅުވީ އެއީ އީރާނުން ޖެއްސި "ޕްރޮޕަގެންޑާ ސްޓަންޓެއް" ކަމަށެވެ. އަދި ސިޔާސީ ބޭނުމަށް އިންޓަޕޯލުން ރެޑް ނޯޓިސް ނުނެރޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އީރާނުން ވަނީ ޓްރަމްޕާއި އިތުރު 30 މީހަކު ހައްޔަރު ކުރުމަށް އިންޓަޕޯލުން ރެޑް ނޯޓިސް ނެރުމަށް އެދިފަ އެވެ.