އަހަންނަނަށް ނުކުމެވުނީ އިމަޖެންސީ ދޮރަކުން: ސަލާމަތްވި މީހެއް

ކޮޒިކޯޑް (އޮގަސްޓް 8) - ދުބާއީން ފުރައިގެން އިންޑިއާގެ ދެކުނުގެ ކެރަލާގެ ކޮޒިކޯޑް އެއާޕޯޓަށް ބޯވާރޭގެ ތެރޭގައި ރޭ ޖައްސަން އުޅެނިކޮށް ރަންވޭ އިން ކަހާލައިގެން ގޮސް ވާދީއަކަށް ވެއްޓުނު ބޯޓުން ސަލާމަތްވި އެކަކު ކަމަށްވާ ރަންޖީތު ޕަނަންގާދު ބުނީ އޭނާ ސަލާމަތްވީ ބޯޓުގެ އިމަޖެންސީ ދޮރަކުން ނުކުމެގެން ކަމަށެވެ.


"ބޯޓު ރަންވޭގައި ޖެހުނުކަން އެނގޭ. ދެން ވީގޮތެއް ނޭނގޭ،" ހޮސްޕިޓަލްގައި މިހާރު ފަރުވާ ދެމުންދާ ރަންޖީތު، 34، އޭއެފްޕީ އަށް ބުންޏެވެ.

އޭނާ ބުނީ ވާދީއަށް ބޯޓު ވެއްޓުނު ފަހުން އިމަޖެންސީ ދޮރު ހުޅުވި ކަމަށެވެ. ދެން ކޮންމެވެސް ގޮތަކުން އޭނާ އެ ދޮރުން ބޭރަށް ނުކުތީ ކަމަށް ބުންޏެވެ.

ކެރެލާގެ ކާލިކަޓް އެއާޕޯޓުގެ ރަންވޭ އިން ކަހާލައިގެން ވެއްޓުނު ބޯޓު ދެބުރިވެފައި. --ފޮޓޯ:އޭއެފްޕީ

"ބޯޓުގެ ކުރީކޮޅު އޮތީ ވަކިވެފައި. އަހަންނަކަށް ނޭނގޭ ކިހިނެއް ކަމެއްވީ. އަދިވެސް އަހަރެން ތުރުތުރު އަޅާ،" ރަންޖީތު ބުންޏެވެ.

އޭވިއޭޝަން މިނިސްޓަރު ހަރްދީޕް ސިންގް ޕޫރީ ވިދާޅުވީ މިހާތަނަށް 18 މީހުން މަރުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ބޯޓުގެ ދެ ޕައިލެޓުން ވެސް ހިމެނެ އެވެ. މަރުވި މީހުންގެ ތެރޭގައި 10-18 މަހާ ދެމެދުގެ ކުޑަ ކުދިން ވެސް ހިމެނެ އެވެ. ފަނަރަ މީހަކަށް ވަނީ ސީރިއަސް އަނިޔާތައް ލިބިފަ އެވެ.

އެއާ އިންޑިއާ އެކްސްޕްރެސްގެ ބޯއިން 737 ގެ ބޯޓުން އިންޑިއާ އަށް ދަތުރުކުރީ، ކޮރޯނާވައިރަހުގެ ސަބަބުން ދުބާއީގައި ތާށިވެފައި ތިބި މީހުން ގޮވައިގެންނެވެ. އޭގެ ތެރޭގައި ވަޒީފާ ގެއްލުނު މީހުންނާއި ބޭސް ފަރުވާ އަށް ދަތުރުކުރި މީިހުން އަދި ކައިވެންޏަށް ދިޔަ މީހުން ވެސް ހިމެނެ އެވެ.

ކެރެލާގެ ކާލިކަޓް އެއާޕޯޓުގެ ރަންވޭ އިން ކަހާލައިގެން ވެއްޓުނު ބޯޓު ދެބުރިވެފައި. --ފޮޓޯ:އޭއެފްޕީ

"ބޯޓު ދެބުރިވުމާ އެކު ގިނަ އަދަދަކަށް ތެޔޮ ވެސް ވަނީ ބޭރުވެފައި. ވަރަށް ބޮޑު ނަސީބެއް ބޯޓުގައި ރޯނުވިކަން. އެހެންވި ނަމަ ގިނަ ބަޔަކު މަރުވުމުން އެކަށީގެންވޭ،" ސީނިއާ އިމަޖެންސީ އޮފިޝަލަކު ވިދާޅުވި އެވެ.

ކޮޒިކޯޑް އެއާޕޯޓް އޮންނަކީ ފަރުބަދައެއްގެ މަތީގައި ކަމުން ބައެއް ހާލަތުގައި އެ އެއާޕޯޓަށް ބޯޓު ޖެއްސުން ނުރައްކާވާ ކަމަށް އޮފިޝަލުން ބުނެ އެވެ.

އެއާ ޓްރެފިކް ކޮންޓްރޯލް އޮފިޝަލުންނާ ހަވާލާދީ އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފައި ވަނީ އެއާޕޯޓް މަތިން ބުރުޖެހުމަށް ފަހު ތިން ފަހަރެއްގެ މަތިން ބޯޓު ޖައްސަން މަސައްކަތްކޮށްފައިވާ ކަމަށެވެ.