ދުބާއީ (އޮގަސްޓް 14) - އިޒްރޭލާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ގުޅުން ގާއިމްކުރަން އެއްބަސްވެފައިވާކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިރޭ އިއުލާން ކުރައްވައިފި އެވެ.
ޓްރަމްޕާއި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަދި އަބޫ ދާބީގެ ވަލީ އަހުދު މުހައްމަދު އަލް ނަހްޔާން ނެރުއްވި ގުޅިފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ތާރީޚީ އެއްބަސްވުމުގެ ސަބަބުން މެދުއިރުމަތީގެ ސުލްހަ އިތުރު ހަރުފަތަކަށް ކުރިއަށް އަރާނެ ކަމަށެވެ. އެއްބަސްވުމުގައިވާ ގޮތުން ހުޅަނގު އައްސޭރީގެ ބިންތައް ވެރިކުރުން އިޒްރޭލުން ހުއްޓާލަން ޖެހޭނެ އެވެ. އިޒްރޭލުގެ ގައުމީ ޓީވީގައި ވާހަކަ ދައްކަވަމުން ނަތަންޔާހޫ ވިދާޅުވީ ހުޅަނގު އައްސޭރީގެ ބިންތައް ހިފުމުގެ ޕްލޭން މަޑުޖައްސާލާފައިވާ ކަމަށެވެ.
އިޒްރޭލާއި ޔޫއޭއީއާ ދެމެދު ގުޅުން ގާއިމްކުރުމުގެ މެދުވެރިއެއްގެ ރޯލު އަދާކުރީ އެމެރިކާ އެވެ. ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވެފައި ވަނީ މެދުއިރުމަތީގެ މުސްލިމް އެހެން ގައުމުތައް ވެސް ޔޫއޭއީ ނަމޫނާއަކަށް ބަލާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ގަލްފުގެ އަރަބި އެއްވެސް ގައުމަކާ އިޒްރޭލުން މިހާތަނަށް ސިޔާސީ ގުޅުން ގާއިމްކޮށްފައެއް ނުވެ އެވެ. މިއީ 1948 ވަނަ އަހަރު އިޒްރޭލް އުފެދުނު ފަހުން ގާއިމްކުރި އަރަބި-އިޒްރޭލް ތިން ވަނަ އެއްބަސްވުމެވެ. މިސްރުން ވަނީ 1979 ވަނަ އަހަރު އިޒްރޭލާ އެކު އެއްބަސްވުމެއް ގާއިމްކޮށްފަ އެވެ. އަދި ޖޯޑަން އިން ވެސް ވަނީ 1994 ވަނަ އަހަރު އެއްބަސްވުމެއް ގާއިމްކޮށްފަ އެވެ. މޮރިޓޭނިއާ އިން އިޒްރޭލާ އެކު 1999 ވަނަ އަހަރު ސިޔާސީ ގުޅުން ގާއިމްކުރި ނަމަވެސް 2009 ވަނަ އަހަރު ވަނީ އެ ގުޅުން ކަނޑާލައިފަ އެވެ.
ޔޫއޭއީން އެމެރިކާ އަށް ކަނޑައަޅާފައި ހުންނަ ސަފީރު ޔޫސުފް އަލް އުސައިބާ ވިދާޅުވީ އިޒްރޭލާ އެކު އެއްބަސްވުމެއްގައި ސޮއިކުރުމަކީ ޑިޕްލޮމެސީ އާއި މުޅި ސަރަހައްދަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.
އެކަމަކު ފަލަސްތީނުން ވަނީ އެ އެއްބަސްވުމާ ދެކޮޅު ހަދައިފަ އެވެ. ފަލަސްތީނުގެ ސީނިއާ އޮފިޝަލެއް ކަމަށްވާ ހަނާން އަޝްރާވީ ވިދާޅުވީ އިޒްރޭލާ އެކު ޔޫއޭއީން ބޭއްވި ސިއްރު ގުޅުން ފަޅާއަރާފައިވާ ކަމަށެވެ.
އިޒްރޭލާއި ޔޫއޭއީއާ ދެމެދު ތަފާތު ދާއިރާތަކުން އެއްބަސްވުންތައް ގާއިމްކުރުމަށްޓަކައި ދެ ގައުމުގެ އޮފިޝަލުން ކުރިއަށް އޮތް ދުވަސްތަކުގައި ބައްދަލު ކުރާނެ އެވެ. އޭގެ ތެރޭގައި ޓޫރިޒަމް، ސީދާ ފްލައިޓްތައް ބޭއްވުން، ސެކިއުރިޓީ، މުވާސަލާތީ ގުޅުން، ޓެކްނޮލޮޖީ، ހަކަތަ، ސިއްހީ، ސަގާފީ، ތިމާވެށި އަދި އެއް ގައުމުން އަނެއް ގައުމުގައި އެމްބަސީ ގާއިމްކުރުން ހިމެނެ އެވެ.