އެއްބަސްވުމަކީ ފަހަތުން ދިން ހަމަލާއެއް: ފަލަސްތީން

ގުދުސް (އޮގަސްޓް 14) - އިޒްރޭލާ އެކު ގުޅުން ގާއިމްކުރަން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ގާއިމްކުރި އެއްބަސްވުމަކީ "ތޫނު އެއްޗަކުން ފަހަތުން ދިން ހަމަލާއެއް" ކަމަށާއި އެ އެއްބަސްވުމުގެ ސަބަބުން ފަލަސްތީނަށް ކުރާނެ އެއްވެސް ފައިދާއެއް ނެތް ކަމަށް އެ ގައުމުގެ ސިޔާސީ ފަރާތްތަކުން ބުނެފި އެވެ.


އެއްބަސްވުން ކުށްވެރިކުރަމުން ހަމާސް ޖަމާއަތުން ބުނެފައި ވަނީ އެއީ މަކަރުވެރި ގޮތުގައި ފަލަސްތީނަށް ދިން ހަމަލާއެއް ކަމަށެވެ. އަދި އެ އެއްބަސްވުމުގައި ވަނީ ފަލަސްތީނުގެ މީހުންގެ ހައްގުތައް ނިގުޅައިގެންފައި ކަމަށް ވެސް ބުނެފައިވެ އެވެ.

"އެ އެއްބަސްވުމުން ފަލަސްތީނުގެ ކެކުޅުންތަކަށް ލިބޭނެ އެއްވެސް ލުޔެއް ނެތް. އޭގެ ބަދަލުގައި ފައިދާ ވާނީ ޒަޔަނިސްޓް ގައުމަށް. އެ އެއްބަސްވުމުން ހިތްވަރުދީފައި ވަނީ ފަލަސްތީނުގެ ހައްގުތައް ނިގުޅައިގަތުމަށާއި ފަލަސްތީނުގެ ބިންތައް ހިފުމަށް. އަދި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިތުރު ޖަރީމާތައް ހިންގަން،" ހަމާސް ޖަމާއަތުގެ ތަރުޖަމާން ހާޒިމް ގައްސާމް ވިދާޅުވި އެވެ.

ފަތަހަ ޖަމާއަތުން ބުނެފައި ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ވޭންތަކަށް ހައްލު ހޯދައިދޭން ޔޫއޭއީ އިން އަދާކުރަން ޖެހޭ ވާޖިބަށް އެ ގައުމުން ވަނީ މަލާމާތްކޮށްފައި ކަމަށެވެ.

ފަލަސްތީން ލިބަރޭޝަން އޮގަނައިޒޭޝަން (ޕީއެލްއޯ) ގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރު ހަނާން އަޝްރާވީ ވަނީ އެ އެއްބަސްވުން ކުށްވެރި ކުރައްވައިފަ އެވެ. އަދި އެއީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ ޖަރީމާތަކަށް އިޒްރޭލަށް ލިބުނު އިނާމެއްގެ ގޮތުގައި އޭނާ ވަނީ އެ އެއްބަސްވުން ސިފަ ކުރައްވައިފަ އެވެ.