ރަޝިޔާގެ އިދިކޮޅު ލީޑަރު ހޮސްޕިޓަލުން އެއާޕޯޓަށް މިއަދު ހެނދުނު ގެންދަނީ. --ފޮޓޯ:ރޮއިޓާސް
22 އޯގަސްޓް 2020 - 11:46
މޮސްކޯ (އޮގަސްޓް 22) - މަތިންދާ ބޯޓުގައި ދަތުރު ކުރައްވަނިކޮށް ވަރަށް ބޮޑަށް ބަލިވެ، ކޯމާއެއްގައި އޮންނެވި ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ، އިތުރު ފަރުވާ އަށް ޖަރުމަނަށް މިއަދު ހެނދުނު ފުރުވާލައިފި އެވެ.
ސައިބީރިއާގެ ސިޓީއެއް ކަމަށްވާ އޮމްސްކުގެ ޑޮކްޓަރުން ކުރިން ބުނެފައި ވަނީ މަތިންދާ ބޯޓުގައި ގެންދެވޭ ވަރަށް ވުރެ ނަވަލްނީ މާބޮޑަށް ބަލި ކަމަށެވެ. ފަހުން ބުނެފައި ވަނީ ދަތުރުކުރެވޭ ވަރަށް ހާލު ރަނގަޅު ކަމަށެވެ. ނަވަލްނީއާ އެކު އޭނާގެ އަންހެނުން ޔޫލިއާ ދަތުރު ކުރާނެ އެވެ.
ނަވަލްނީގެ ސަޕޯޓަރުން ތުހުމަތު ކުރަނީ މޮސްކޯ އަށް ދަތުރު ފެއްޓެވުމުގެ ކުރިން އޮމްސްކް އެއާޕޯޓުގެ ކެފޭއަކުން ނަވަލްނީ ބެއްލެވި ސައިޓަކަށް ޒަހަރުލާފައިވާ ކަމަށެވެ. އަދި ނަވަލްނީ ސަޕޯޓަރުން ބުނަމުން ދަނީ ރަޝިޔާގައި ބާއްވައިގެން ފަރުވާ ދިނުމަކީ "ނުރައްކާ" ކަމަކަށް ވެދާނެ ކަމަށެވެ.
ފުރުން ލަސްވާތީ ނަވަލްނީގެ ތަރުޖަމާން ކިރާ ޔަރްމީޝް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ނަވަލްނީ ޖަރުމަނުގެ ބާލިން އަށް ގެންދަނީ އެއާ އެމްބިއުލެންސެއްގަ އެވެ. އެ ބޯޓު ހަމަޖައްސާފައި ވަނީ ބާލިންގެ ސިނެމާ ފޯ ޕީސް ފައުންޑޭޝަނުންނެވެ.
ރަޝިޔާގެ ޑޮކްޓަރުން ކުރިން ބުނެފައި ވަނީ ނަވަލްނީގެ ހަށިގަނޑުން ވިހައިގެ އަސަރު ފެނިފައި ނުވާ ކަމަށެވެ. އޭނާ އަށް އެ ހާލަތު މެދުވެރިވީ ހަށިގަނޑުގައި ހަކުރުގެ މިންވަރު މާބޮޑަށް ދަށްވުމުން "މެޓަބޮލިކް ޑިސްއޯޑާއެއްގެ" ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ. ރަޝިޔާގެ ސިއްހީ އޮފިޝަލުން ފަހުން ވަނީ ނަވަލްނގެ ހަންގަނޑުންނާއި އިސްތަށިން އިންޑަސްޓްރިއަލް ކެމިކަލެއްގެ އަސަރު ފެނިފައިވާ ކަމަށް ބުނެފަ އެވެ.
ރައީސް ލަޑިމިއާ ޕުޓިން އަށް ފާޑުވިދާޅުވާ ނަވަލްނީ ވަނީ 2018 ވަނަ އަހަރު ރަޝިޔާގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން މަސައްކަތްކުރައްވައިފަ އެވެ. ނަމަވެސް ކުރިން ކުށެއްކޮށްފައިވާ ކަމަށް ބުނެ އިންތިޚާބުން އޭނާ އަށް ފުރުސަތު ދީފައެއް ނުވެ އެވެ. ހުއްދަ ނުހޯދާ މުޒާހަރާކުރި ކަމަށް ބުނެ ޖުލައި 2019 ގައި ނަވަލްނީ ވަނީ 30 ދުވަހަށް ޖަލަށްލައިފަ އެވެ. އެ ފަހަރު ވެސް ޖަލުގައި ހުންނަވަނިކޮށް ނަވަލްނީ ބަލިވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy