ރަޝިޔާގެ އިދިކޮޅު ލީޑަރު ނަވަލްނީ: އޭނާގެ ސިއްހަތަށް ދިގު މުއްދަތުގައި ކުރާނެ އަސަރެއް އަދި ނޭނގޭ --ފޮޓޯ:އޭޕީ
08 ސެޕްޓެމްބަރ 2020 - 10:10
އެއާޕޯޓްގައި ނުރައްކާތެރި ވިހައެއް ދީގެން ހާލަތު ގޯސްވި ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ، ޖަރުމަނުގެ ހޮސްޕިޓަލެއްގައި ހޭއަރުވައިފި އެވެ.
ވިހައިން ސަލާމަތްކުރަން ބޭސްދީގެން ބޭއްވި ކޯމާއިން ނެރެ އޭނާ ހޭއެރުވި އިރު ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް، ހޮސްޕިޓަލުން ބުންޏެވެ.
ޖަރުމަނުގެ ޑޮކްޓަރުން ބުނާ ގޮތުގައި ނަވަލްނީއަށް ދީފައި ވަނީ ނާރުތަކަށް ހަމަލާދޭ ވިހައެއް ކަމަށްވާ ނޮވިޗޮކް އެވެ. މިއީ މީހާގެ ނާރުތަކުގެ ބާރު ކަނޑުވާލައި، ހިތާއި ފުއްޕާމެއަށް ވަރަށް އަވަހަށް ގެއްލުން ދޭ މާއްދާއެކެވެ. ރަޝިޔާ ސަރުކާރާ ދެކޮޅު ބައެއް މީހުންނަށް މީގެ ކުރިން ވެސް މި މާއްދާ ދީ، މަރާލަން މަސައްކަތްކޮށްފައިވާ ކަމަށް، ހުޅަނގުގެ ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ.
އެކަމަކު ރަޝިޔާ އިން އަަބަދުވެސް އެ ތުހުމަތުތައް ދޮގުކުރެ އެވެ.
ހޮސްޕިޓަލުން ބުނި ގޮތުގައި މީހުން ދައްކާ ވާހަކަ ނަވަލްނީއަށް މިހާރު ދޭހަވެ އެވެ. އެކަމަކު ވިހައިގެ ސަބަބުން ދިގު މުއްދަތަކަށް އޭނާއަށް ކުރާނެ އަސަރު ދެނެގަންނަން އަދި އަވަސް ކަމަށް، ހޮސްޕިޓަލުން ބުންޏެވެ.
ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިން އާއި ރަޝިޔާގެ ކޮރަޕްޝަނާ ދެކޮޅަށް އެންމެ ބޮޑަށް އަޑުއުފުއްލަވަމުން ގެންދަވާ އިދިކޮޅު ލީޑަރަކީ ނަވަލްނީ އެވެ. ވިހަލާފައި ހުރީ ސައިބީރިޔާގެ ސިޓީއެއް ކަމަށްވާ ޓޮމްސްކް އެއާޕޯޓުން އޭނާ ހިއްޕެވި ސައި ތައްޓަކަށް ކަމަށް، ޔަގީންކުރެވެ އެވެ. އޭނާގެ ހާލަތު ގޯސްވީ އޮގަސްޓް 20 ގައި މޮސްކޯއަށް ދަތުރުކުރި ފްލައިޓް ތެރޭގައި އިންނަވަނިކޮށެވެ. އެ ފްލައިޓް އަނބުރާ ގޮސް ޖެއްސީ ސައިބީރިޔާގެ އެހެން ސިޓީއެއް ކަމަށްވާ އޮމްސްކްގަ އެވެ.
ހާއްސަ ފަރުވާ ދޭން ނަވަލްނީ ޖަރުމަނަށް ފޮނުވަން ރަޝިޔާ ސަރުކާރުން ފުރަތަމަ ދެކޮޅުހެދި އެވެ. އެކަމަކު ފަހުން އެ ހުއްދަ ދިނެވެ.
ނަވަލްނީއަށް ދީފައި ވަނީ ވިހަކަން ޖަރުމަނުގެ ޑޮކްޓަރުން ޔަގީންކޮށްދެނީ އަސްކަރީ ލެބޯރަޓަރީގައި ކުރި ތަހުލީލުތަކަށް ފަހު އެވެ.
އިދިކޮޅު ލީޑަރުންނާއި ސަރުކާރަށް ފާޑުކިޔާ މީހުންނަށް ވިހަ ދޭތީ ޔޫރަޕްގެ ގައުމުތަކުން ގެންދަނީ ރަޝިޔާ ސަރުކާރަށް ފިއްތަމުންނެވެ. ނަވަލްނީގެ މައްސަލާގައި އިނގިރޭސި ވިލާތުން ވަނީ އެ ގައުމުގައި ހުންނަވާ ރަޝިޔާގެ އެމްބެސެޑަރު ހާޒިރުކޮށް، ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
"މަނާ މާއްދާއެއް ބޭނުންކުރުމަކީ ގަބުލުކުރެވޭނެ ކަމެއް ނޫން" ކަމަށް، އިނގިރޭސި ވިލާތުން ރަޝިޔާގެ އެމްބެސެޑަރަށް އެންގި އެވެ. އަދި އެކަން ތަހުގީގުކުރަން ވެސް އެދުނެވެ.
ރަޝިޔާއާ ދެކޮޅަށް ހަރިކަށިވާން، ޖަރުމަންގެ އާންމުން ގެންދަނީ ސަރުކާރަށް ބާރު އަޅަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy