އެމެރިކާ އިން ޑްރޯން ހަމަލާދީފައި ވަނީ އަފްޣާނިސްތާނުގެ އުތުރުގެ ކުނާރު ޕްރޮވިންސްގައި. --ފޮޓޯ:އޭއެފްޕީ
27 އޮކްޓޯބަރ 2016 - 13:01
ވޮޝިންޓަން (އޮކްޓޯބަރު 27) - އަފްޣާނިސްތާނުގެ އުތުރުގައި ހަރަކާތްތެރިވާ އަލްގައިދާގެ އެންމެ ސީނިއާ ލީޑަރު މަރާލަން އެމެރިކާ އިން ޑްރޯން ހަމަލާދީފައިވާ ކަމަށް ސިފައިންގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
އެމެރިކާ ސިފައިންގެ އޮފިޝަލް ވިދާޅުވީ އަލްގައިދާގެ ސީނިއާ ލީޑަރު ފާރޫގު އަލް ގަހުތާނީ ވަނީ ޑްރޯން ހަމަލާތަކުގައި މަރުވެފައި ކަމަށް ބެލެވޭ ކަމަށެވެ. އެމެރިކާގެ ޑްރޯން އެހެން ހަމަލާތަކެއް ވަނީ ގަހުތާނީގެ ނައިބަށް އަމާޒުކޮށްފައިވާ ކަމަށް ވެސް އެންބީސީން ބުންޏެވެ.
ސައުދީ އަރަބިއާ އަށް އުފަން ނަމަވެސް ގަތަރުގެ ރައްޔިތެއް ކަމަށްވާ ގަހުތާނީ ވަނީ އެމެރިކާ އިން އެންމެ ހޯދަން ބޭނުންވާ މީހުންގެ ލިސްޓުގައި ފެބްރުއަރީ މަހު ހިމަނައިފަ އެވެ. ޔޫރަޕާއި އެމެރިކާ އަށް ދޭން އުޅުނު ވަރަށް ގިނަ ހަމަލާތަކުގެ ފަހަތުގައި ވަނީ ގަހުތާނީ ކަމަށް ވަނީ އެކި ފަރާތްތަކުން ބުނެފަ އެވެ.
އަފްޣާނިސްތާން ސަރުކާރުގެ ތަރުޖަމާން އަބްދުލް ގަނީ މޫސާމިން ވިދާޅުވީ ކުނާރު ޕްރޮވިންސަށް އާދިއްތަ ދުވަހު ދިން ޑްރޯން ހަމަލާގައި ހަނގުރާމަވެރިންގެ 15 މީހުން މަރުވެފައިވާ ކަމަށެވެ. މީގެ ތެރޭގައި ޕާކިސްތާނުގެ ތާލިބާނުން ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިޒާ
07 November 2016
ކުށެއްނެތްމީހުން މަރަމުންދާނަމަ ތިވެސް ކުރުން ރަގަޅުކަމެއް ނަމވެސް ކުށެއްފަރާތްތަކެއް އެމެރިކާގެ އިސްބޭފުޅުންގެ އޯޑަރަށް މަރާފައިވާތި މިކަންވެސް ބަލަން
ހަސަނު
27 October 2016
ވަރަށް ރަނގަޅު... ތާއީދު..