ބަހުރެއިން ވެސް އިޒްރޭލާ އެކު ސުލްހަވެއްޖެ: ޓްރަމްޕް

ބަހުރެއިނުން ވެސް އިޒުރޭލާ އެކު ސުލްހަވެ، އާންމު ގުޅުންތައް ގާއިމްކުރަން އެއްބަސްވެއްޖެ ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ވިދާޅުވެއްޖެ އެވެ.


"މިއީ 30 ދުވަހުގެ ތެރޭގައި އިޒުރޭލާ އެކު ސުލްހަ ގާއިމްކުރި އަރަބި ދެ ވަނަ ގައުމެވެ،" ޓްވީޓެއްގައި ޓްރަމްޕް ވިދާޅުވި އެވެ.

އޭނާ ވަނީ އިޒުރޭލާއި ބަހުރެއިން އާއި އެމެރިކާއާ ދެމެދު ކުރި އެއްބަސްވުން ވެސް އާންމުކުރައްވައިފަ އެވެ.

މީގެ ކުރިން އިޒުރޭލާ އެކު ސުލްހަ ގާއިމްކުރީ ޔޫއޭއީ އެވެ. އޭގެ ފަހުން އެ ދެ ގައުމުގެ ދެމެދު ވައިގެ ދަތުރުތައް ވެސް ވަނީ ފަށައިފަ އެވެ.

ފަލަސްތީންގެ މައްސަލަ ހައްލު ނުވަނީސް އިޒުރޭލާ އެކު އެއްވެސް ކަހަަލަ ގުޅުމެއް ނުބޭއްވުމުގެ ސިޔާސަތެއް އަރަބި ދުނިޔެއިން ކުރިންސުރެ އަންނަނީ ގެންގުޅެމުންނެވެ. އެހެންކަމުން ޔޫއޭއީން އިޒުރޭލާ އެކު ސުލްހަ ގާއިމްކުރުމުން، ފަލަސްތީނުގެ ލީޑަރުން އެކަން ސިފަކުރެއްވީ "ކޮޅުފައިން ޖެހުން" ކަމަށެވެ.

ފަލަސްތީންގެ ބިމުގައި 1948 ގައި އިޒުރޭލް އުފެދުނު ފަހުން، މިދިއަ މަހާ ޖެހެންދެން އިޒުރޭލާ އެކު ސުލްހައިގެ އެއްބަސްވުމެއް ގާއިމްކޮށްފައި އޮތް އަރަބި ހަމައެކަނި ދެ ގައުމަކީ މިސްރާއި ޖޯޑަން އެވެ. މިދިއަ މަހު ޔޫއޭއީން އިޒުރޭލާ ސުލްހަވުމާ އެކު، ބަހުރެއިން ވެސް އެ މަގުން ހިނގާނެ ކަމަށް އޮތީ ބެލެވިފަ އެވެ.

މެދުއިރުމައްޗަށް ސުލްހަ ގެނައުމުގެ ހާއްސަ ޕްލޭނެއް ޓްރަމްޕް ވަނީ މިދިއަ ޖެނުއަރީ މަހު އިއުލާންކުރައްވައިފަ އެވެ. އެ ޕްލޭންގެ އެންމެ މުހިންމު ބަޔަކީ އިޒުރޭލާއި ފަލަސްތީނުގެ މައްސަލަ ހައްލުކުރުމެވެ.

ޔޫއޭއީން ސުލްހަ އިއުލާންކުރީ ފަލަސްތީނުގެ އެއްވެސް ބިމެއް އިޒުރޭލުން ނުހިފާށާއި މިހާރު ހިފާފައި ހުރި، މައްސަލަ ބޮޑު ބިންތައް ވެސް ދޫކުރަން ޝަރުތުކޮށްފަ އެވެ.

ބަހުރެއިންގެ ސުލްހައިގެ ހަބަރު ޓްރަމްޕް އިއުލާންކުރެއްވުމުން، އިޒުރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ އަރަބި އިތުރު ގައުމަކާ އެކު ސުލްހައިގެ އެއްބަސްވުން ގާއިމްކުރުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މިއީ ސުލްހައިގެ މުޅިން އާ ދައުރެއް. ސުލްހައަށް ސުލްހަ. އިގުތިސާދަށް އިގުތިސާދު،" ނަތަންޔާހޫ ވިދާޅުވި އެވެ.

އެކަމަކު ފަލަސްތީނުން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ އެވެ. އެގޮތުން ބަހުރެއިންގައި ހުންނަވާ ފަލަސްތީނުގެ އެމްބެސެޑަރު ވެސް އަނބުރާ ގެންދިޔަ އެވެ.

ފަލަސްތީނުން އަބަދުވެސް ގޮވާލަމުން އަންނަނީ އަރަބި ހުރިހާ ގައުމެއް ގުޅިގެން، ފަލަސްތީންގެ މައްސަލާގައި މަސައްކަތްކޮށްދިނުމަށެވެ. އެހެންކަމުން ވަކިވަކި ގައުމުތަކުން އިޒުރޭލާ އެކު ސުލްހަ ގާއިމްކުރުމަކީ ފަލަސްތީންގެ އުއްމީދުތަކަށް އެޅޭ ހުރަހެއް ކަމަށް، ފަލަސްތީންގެ ލީޑަރުން ގަބޫލުކުރައްވަ އެވެ.