އެމެރިކާގެ ނައިބް ރައީސް ޖޯ ބައިޑެން: ހިލަރީ ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް ސަރުކާރުގައި ޚިދުމަތް ކުރުމަށް ޝައުގުވެރި ކަމެއް ނެތް ކަމަށް ވިދާޅުވި، --ފޮޓޯ:އޭޕީ
30 އޮކްޓޯބަރ 2016 - 11:14
ވޮޝިންޓަން (އޮކްޓޯބަރު 30) - އެމެރިކާގެ ވެރިކަމަށް ހިލަރީ ކްލިންޓަން ވަޑައިގެންފި ނަމަ ޚާރިޖީ ވަޒީރުކަން ނައިބް ރައީސް ޖޯ ބައިޑެން އަށް ދެއްވަން އުޅުއްވާ ކަމަށް ވާހަކަ ދެކެވުނު ނަމަވެސް އެކަމަށް ޝައުގުވެރި ކަމެއް ނެތް ކަމަށް ބައިޑެން ވިދާޅުވެއްޖެ އެވެ.
"ހިލަރީ ކްލިންޓަން ވެރިކަމަށް ގެންނަން އަޅުގަނޑަށް ކުރެވުނު ހުރިހާ ކަމެއް ކުރާނަން. އެކަމަކު އެކަމަނާގެ ސަރުކާރުގައި ހިމެނުމަށް އަޅުގަނޑުގެ ޝައުގުވެރި ކަމެއް ނެތް،" މިނެސޮޓާ ޓީވީ ސްޓޭޝަނަކަށް ބައިޑެން ވިދާޅުވި އެވެ.
އިންތިޚާބު ބާއްވަން ދިހަ ވަރަކަށް ދުވަހަށްވެފައިވާ އިރު ރޭހުގެ ކުރީގައި ހިލަރީ އުޅުއްވާ ކަމަށް ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކަ އެވެ.
ކޭބީޖޭއާރު ޓީވީ އަށް ބައިޑެން ވިދާޅުވީ ހިލަރީގެ ސަރުކާރެއްގައި އެއްވެސް ރޯލެއް އަދާކުރުމަށް އެމަނިކުފާނާ މަޝްވަރާ ކުރައްވާފައި ނުވާ ކަމަށެވެ. އަދި ސަރުކާރުގައި ބައިވެރިވުމުގެ ޝައުގުވެރި ކަމެއް ވެސް ނެތް ކަމަށް ބައިޑެން ވިދާޅުވި އެވެ.
ބައިޑެން، 73، ވަނީ ސެނޭޓަރެއްގެ މަގާމު 36 އަހަރު އަދާކުރައްވާ ސެނެޓުގެ ފޮރިން ރިލޭޝަންސް ކޮމިޓީ ޗެއާ ކުރައްވައިފަ އެވެ. އެހެންވެ އެމެރިކާގެ އެންމެ އިސް ޑިޕްލޮމެޓުގެ ރޯލު އަދާކުރެއްވުމުގެ ހުނަރާއި ގާބިލްކަން ބައިޑެން އަށް ލިބިވަޑައިގެންފައިވާ ކަމަށް ގިނަ ބަޔަކު ގަބޫލް ކުރެ އެވެ. ނަމަވެސް ބީބީސީގެ ރިޕޯޓަރު އެންތަނީ ޒުކާ ދެކޭ ގޮތުގައި ނައިބް ރައީސްގެ މަގާމުގައި ހުންނެވުމަށް ފަހު ހަރުގަނޑުން ތިރިއަށް ފައިބައި ވަޑައިގެން ޚާރިޖީ ވަޒީރުގެ މަގާމު އަދާ ކުރެއްވުމަކީ ވަރަށް އާދަޔާޚިލާފު ކަމެއް ކަމަށެވެ. އަދި ނައިބް ރައީސް ކަމަށް ފަހު ސިޔާސީ ސްޓޭޖުން ބައިޑެން އެއް ފަރާތަކަށް ޖެހިވަޑައިގެން ފޮތް ލިޔުއްވުން ފަދަ ކަމެއް ކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޒުކާ ބުންޏެވެ.
އެމެރިކާގެ ވެރިކަމަށް ވާދަކުރެއްވުމުގެ ޚިޔާލެއް ބައިޑެން ވެސް މިދިޔަ އަހަރު ގެންގުޅުއްވި އެވެ. ނަމަވެސް ދަރިކަލުން އަވަހާރަވުމާ ގުޅިގެން އާއިލާ އަށް ދިމާވި ހިތާމައިގައި، ކެމްޕޭނަށް ސަމާލުކަން ނުދެއްވޭނެތީ އެ ޚިޔާލު ވަނީ ދޫކޮށްލައްވައިފަ އެވެ.
ފަހަކަށް އައިސް ބައިޑެން ވަނީ ހިލަރީގެ ކެމްޕޭނުގައި ބައިވެރިވެވަޑައިގެން ވާދަވެރި ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕަށް ފާޑު ވިދާޅުވާން ފައްޓަވައިފަ އެވެ.
އެމެރިކާގެ 45 ވަނަ ރައީސް ހޮވުމަށް ވޯޓުލާނީ އަންނަ މަހު 8 ވަނަ ދުވަހު އެވެ. އާ ރައީސް މަގާމާ ހަވާލުވެވަޑައިގަންނަވާނީ ޖެނުއަރީ 20، 2017 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދދ
30 October 2016
ޓްރަމްޕު ނުންތޯ ހާރިޖީ ވަޒީރުކަން ކުރާނީ ހިލަރީ ހޮވިއްޖެނަމަ، ޓްރަމްޕު ހޮވިއްޖެ ނަމަ ހާރިޖީ ވަޒީރަކަށް ހުންނާނީ ހިލަރީ ނުންތޯ އެއީ މިހާރުގެ އެމެރިކާގެ ސިޔާސީ މަސްރަހު ފެންނަގޮތަކީ!