"ފެހި ކުލައިގެ ލޮލުގެ" އަންހެން ކުއްޖާ ޕާކިސްތާނުން ޑިޕޯޓްކޮށްލަނީ

އިސްލާމްއާބާދު (ނޮވެމްބަރު 5) - ނެޝަނަލް ޖިއޮގްރަފިކް މަޖައްލާގެ ބޭރުގަނޑުގައި ފޮޓޯ ޖެހުމުން މުޅި ދުނިޔެ އަށް މަޝްހޫރުވި އަފްޣާނިސްތާނުގެ "ފެހި ކުލައިގެ ލޮލެއް ލިބިފައިވާ" ޝަރުބަތު ގުލާ ޕާކިސްތާނުން ޑިޕޯޓްކޮށްލަން ނިންމައިފި އެވެ.


އަފްޣާނިސްތާނުގެ ސަރަހައްދީ ރޮނގާ ކައިރީގައި އޮންނަ ޕިޝާވަރުން ގުލާ ހައްޔަރުކުރީ ވަގު އައިޑީ ކާޑުތަކަކާ އެކު ޕާކިސްތާނުގައި ދިރިއުޅެމުންދިޔަ މައްސަލައެއްގައި މިދިޔަ މަހު 23 ގަ އެވެ. މި މައްސަލާގައި އޭނާ 15 ދުވަހު ޖަލުގައި ބަހައްޓަން ވަނީ ހުކުމްކޮށްފަ އެވެ. އަނބުރާ އަފްޣާނިސްތާނަށް އޭނާ ޑިޕޯޓްކޮށްލާނެ ކަމަށް ބެލެވެނީ ހޯމަ ދުވަހު އެވެ.

އަފްޣާނިސްތާނުގެ އަންހެން ކުއްޖާ ވަނީ 15 ދުވަހަށް ޖަލަށްލާފައި. --ފޮޓޯ:ރޮއިޓާސް

އަފްޣާނިސްތާނުން ޕާކިސްތާނަށް ކަނޑައަޅާފައިވާ ހުންނަވާ ސަފީރު އުމަރު ޒަޚިލްވާލް ވިދާޅުވީ ހުރިހާ ކަމަކުން މިނިވަން ވެގެން ގުލާ ވަރަށް އަވަހަށް އަފްޣާނިސްތާނަށް ދާނެ ކަމަށެވެ. އަފްޣާނިސްތާނަށް ދިއުމުން ރައީސް އަޝްރަފް ޣަނީ ގުލާއާ ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ގުލާގެ ވަކީލް ބުނީ ކޯޓުގައި ގުލާ ވަނީ ކުށަށް އިއުތިރާފްވެފައި ކަމަށެވެ. އަދި ގުލާ ވަނީ ޖަލު ހުކުމުގެ އިތުރުން، 110،000 ރުޕީސް (1،100 ޑޮލަރު) އިން ޖޫރިމަނާ ކޮށްފައި ކަމަށް ވެސް ބުންޏެވެ.

ޝަރުބަތު ގުލާ 2002 ވަނަ އަހަރު

ނެޝަނަލް ޖިއޮގްރަފިކްގެ ފޮޓޮގްރާފަރު ސްޓީވް މެކްކަރީ ގުލާގެ ފޮޓޯ ނެގީ 1984 ވަނަ އަހަރު، ޕިޝާވަރު ކައިރީގައި ހުރި ރެފިއުޖީ ކޭމްޕެއްގައި ހުއްޓަ އެވެ. ލޮލުގައިވާ ފެހި ކުލައިގެ ކަޅީގެ ސަބަބުން އެ އަންހެން ކުއްޖާ މަޝްހޫރުކަން ހޯދާފައި ވަނީ އުމުރުން އެންމެ 12 އަހަރުގަ އެވެ.

އަފްޣާނިސްތާނުގެ އަންހެން ކުއްޖާގެ ފޮޓޯ ނެގި ސްޓީވް މެކްކަރީ. --ފޮޓޯ:އޭއެފްޕީ

މިހާރު އުމުރުން 44 އަހަރު ވެފައިވާ ގުލާގެ ފޮޓޯ ޖަހާފައި ވަނީ 1985 ވަނަ އަހަރުގެ ޖޫން މަހު ނެރުނު ނެޝަނަލް ޖިއޮގްރަފިކް މަޖައްލާގެ ބޭރުގަނޑުގަ އެވެ. ނެޝަނަލް ޖިއޮގްރަފިކުން ގުލާއާ ބެހޭ ގޮތުން ކުރު ޑޮކިއުމެންޓްރީއެއް ވެސް ހެދި އެވެ. އެ ޗެނަލުން 2002 ވަނަ އަހަރު ވަނީ އޭނާ ހޯދައި އަލުން އެ ވާހަކަ ގެނެސްދީފަ އެވެ.