ޑޮނަލްޑް ޓްރަމްޕް: އިމްޕީޗްކުރަން އަމިއްލަ ޕާޓީގެ 10 މެމްބަރަކު ވޯޓުދެއްވި.
14 ޖެނުއަރީ 2021 - 02:56
އެމެރިކާގެ ތާރީޚުގައި ދެވަނަ ފަހަރަށް އިމްޕީޗްކުރި ފުރަތަމަ ރައީސަކަށް ޑޮނަލްޑް ޓްރަމްޕް މިއަދު ވެވަޑައިގެންފި އެވެ.
އިދިކޮޅު ޑިމޮކްރެޓުންގެ އަޣުލަބިއްޔަތު އޮތް ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އިން ޓްރަމްޕް އިމްޕީޗްކުރީ އޭނާގެ ރިޕަބްލިކަން ޕާޓީގެ 10 މެމްބަރެއްގެ ވޯޓާ ވެސް އެކުގަ އެވެ. އެއްކޮޅަށް 232 މެމްބަރުން ވޯޓު ދެއްވި އިރު ދެކޮޅަށް ވޯޓު ދެއްވީ 197 މެމްބަރުންނެވެ.
ޓްރަމްޕްގެ ސަޕޯޓަރުން މިދިޔަ ހަފްތާގައި ކޮންގްރެސްގެ އިމާރާތް، ކެޕިޓަލް ތެރެއަށް ވަދެގަނެގެން ހިންގި ހަމަނުޖެހުންތަކަށް ހިތްވަރުދެއްވުމުގެ ތުހުމަތުގައި ހައުސް އިން ޓްރަމްޕް އިމްޕީޗުކުރިޔަސް އޭނާ މަގާމުން ދުރުކުރެވޭނީ ސެނެޓުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތުން ފާސްކޮށްގެންނެވެ.
"The resolution is adopted."
— ABC News (@ABC) January 13, 2021
House Speaker Nancy Pelosi announces H.R. 24 passes with a 232-197 vote to impeach Pres. Trump for a historic second time. https://t.co/5UfGkpkWIJ pic.twitter.com/GzXQUEn6RW
ޓްރަމްޕް އިމްޕީޗްކުރަން ފާސްވިކަން ހައުސްގެ ރައީސް ނޭންސީ ޕެލޯސީ އިއުލާންކުރައްވަނީ
ޓްރަމްޕްގެ ދައުރު ހަމަވާން ހަތް ދުވަހަށް ވުރެ ވަގުތު ކުޑަތަން ވެފައިވާ އިރު، އޭގެ ކުރިން ސެނެޓުގެ ބައްދަލުވުމެއް ނުބާއްވަވަން މެޖޯރިޓީ ލީޑަރު މިޗް މެކޮނެލް ވަނީ ނިންމަވައިފަ އެވެ. މެކޮނެލް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެ ގޮތަށް ނިންމެވީ އާ ރައީސް ޖޯ ބައިޑަން އަންނަ ބުދަދުވަހު ހުވާކުރެއްވުމުގެ ކުރިން ސެނެޓުން އިމްޕީޗްމެންޓް ޓްރަޔަލްއެއް ކުރިއަށް ގެންދަން ބޭނުންވާ ވަރަށް ވަގުތު ނެތުމުން ކަމަށެވެ.
ޓްރަމްޕްގެ ފުރަތަމަ އިމްޕީޗްމެންޓްގައި، އޭނާ ވެރިކަމުން ދުރު ނުކުރަން ސެނެޓުން ނިންމީ 21 ދުވަހުންނެވެ. ކުރިން އިމްޕީޗްކުރި ދެ ރައީސުންގެ ސެނެޓް ޓްރަޔަލް އަށް 83 ދުވަހާއި 37 ދުވަސް ހޭދަވި އެވެ.
ޖޯޖިއާގެ ގޮނޑި ޑިމޮކްރެޓުން ކާމިޔާބުކުރުމާ އެކު ސެނެޓުގައި އޮތް ރިޕަބްލިކަން މެޖޯރިޓީ ވަނީ ގެއްލިފަ އެވެ. މި ބަދަލާ އެކު، ވެރިކަން ބަދަލުވާ ދުވަހުން ފެށިގެން ސެނެޓުގައި ޑިމޮކްރެޓުންނާއި ރިޕަބްލިކަނުންގެ އަދަދު ހަމަހަމަވާނެ އެވެ. ގޮތް ނިންމާ ވޯޓު ދެއްވާނީ ނާއިބު ރައީސްގެ ހައިސިއްޔަތުން ސެނެޓުގެ ރައީސް ކަމަށް ވަޑައިގަންނަވާ ކަމަލާ ހެރިސް އެވެ.
ޓްރަމްޕް ކުށްވެރިވާ ކަމަށް ސެނެޓުން ނިންމައިފި ނަމަ އިތުރު ވޯޓެއް ނަގައި އޭނާ އަށް ދެން ވެރިކަމަށް ކުރިމަތި ނުލެވޭ ގޮތަށާއި ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތައް ނުލިބޭ ގޮތަށް ފާސްކުރެވިދާނެ އެވެ. ޓްރަމްޕްގެ ދައުރު ހަމަވިޔަސް އޭނާގެ އިމްޕީޗްމަންޓް ޓްރަޔަލް ސެނެޓުގައި ކުރިއަށް ގެންދާނީ މި ސަބަބަށެވެ.
ދެ ވަނަ ދައުރެއް ކާމިޔާބު ކުރެއްވުމަށް ޔޫކްރެއިންގެ އެހީ ހޯއްދަވާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހައުސް އިން ފުރަތަމަ ޓްރަމްޕް އިމްޕީޗްކުރީ 2019ގަ އެވެ.
އެމެރިކާގެ ތާރީޚުގައި ޓްރަމްޕް ފިޔަވައި އިމްޕީޗްކޮށްފައި ވަނީ އެންމެ ދެ ރައީސުންނެވެ. އެއީ 1868ގައި އެންޑްރޫ ޖޯންސަން އާއި 1998ގައި އިމްޕީޗްކުރި ބިލް ކްލިންޓަން އެވެ. އިމްޕީޗްކުރަން މަސައްކަތްކުރަނިކޮށް ރިޗަޑް ނިކްސަން 1974ގައި އިސްތިއުފާދެއްވީ އެވެ.
ކޮންގްރެސް އިން މިހާތަނަށް އެއްވެސް ރައީސަކު ވެރިކަމުން ދުރުކޮށްފައެއް ނެތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވަޑި
14 January 2021
ޓްރަމްޕް ބުނާނެ ބަޣާވާތް ކުަނީއޭ ތިމަންނައާދެކޮޅަށް
New Zealand,
14 January 2021
ތިއޮތީވާ ގައުމެއް. މުޅި ގައުމުގައި އޮތީ ނަފުރަތާއި ރުޅިވެރި ކަން. ކުރިޔަށް އޮތީ ވަރަށް ނުރައްކާތެރި ދުވަސް ތަކެއް. ބިޑެން އަށް ހީއެއް ނުވޭ ޓާމު ހަމަ ކުރެވޭނެ ހެން. ލޭ އޮހުރުމާއި ވަރަށް ކާރި.
endgame
14 January 2021
endgame of multiparty system
5640
14 January 2021
ރާއްޖޭގައިވެސް ރައީސުންނަށް ދޭ އެލަވަންސް ނަގައިގެން، އޮފީސް ހަދައިގެން ކަމެއް ނުކޮށްތިބެންޏާ، އިނާޔަތް ފުރަތަމަ ކުޑަ ކުރާނީ.. ދެން އިނާޔަތް ކަނޑާލާނީ.. މި ކުޑަ ގައުމަށް ނުކަތާ ވަރުގެ އެލަވަންސްތައް ދީފައި ބޭތިއްބުމުގެ ބޭނުމެއްނެތް.. އެއީ މާބޮޑު ކަމެއް އެމީހުން ކުރާތަން ނުފެންނާތީ... މިކަމާ ހިތްހަމަ ނުޖެހޭ މީހުންވެސް ތިބޭނެ.. އެކަމަކުވެސް ހެޔޮ..
ދެބޯގެރި1
14 January 2021
އިމްޕީޗުކުރުމަށް ކިޔާ ދިވެހި ބަހަކީ ޢަޒުލްކުރުން. ޭ
މަހަ
14 January 2021
ޢަޒަލް ކުރުމަކީ އަރަބި ބަހެއް. ދިވެހި ބަހެއް ނޫން. ދިވެހި ބަހެއްގަ ލާމު ސުކުނެއްވެސް ނުޖެހޭނެ
އެއްބޯގެރި
14 January 2021
ކޮންމެ ބަހަކަށް ދިވެހިބަހެއް ނޯވޭ