ބާސެލޯނާގެ ތަރި ލިއޮނަލް މެސީ.-- ފޮޓޯ: އޭއެފްޕީ
17 ޑިސެމްބަރ 2016 - 08:14
ލަންޑަން (ޑިސެމްބަރު 17) - ޗައިނާ ސުޕަ ލީގުގެ ކްލަބް ހެބޭއީ ޗައިނާ ފޯޗިއުން އިން ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އަށް 500 މިލިއަން ޔޫރޯގެ ބިޑެއް ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ހެބޭއީ ޗައިނާ ފޯޗިއުން އަކީ ޗައިނާ ސުޕަ ލީގުގައި މި ފަހަރު މުޅިން އަލަށް ވާދަކުރަމުން އަންނަ ޓީމެކެވެ. އެ ޓީމުން އަންނަނީ ކުރިން ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީ އަށް އިރުޝާދުދިން ޗިލީގެ މެނުއަލް ޕެލެގްރިނީ ކޯޗަކަށް ހަމަޖެއްސުމަށް ވެސް މަސައްކަތް ކުރަމުންނެވެ.
ރިޕޯޓްތައް ބުނާގޮތުން ހެބޭއީ ޗައިނާ އިން މެސީ އަށް ހުށަހަޅާނީ ފަސް އަހަރުގެ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން މެސީ އަށް މުސާރައިގެ ގޮތުގައި އަހަރަކު 100 މިިލިއަން ޔޫރޯ ލިބޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ބާސެލޯނާގައި މެސީ އަށް ލިބެނީ އަހަރަކު 40 މިލިއަން ޔޫރޯ އެވެ.
ބާސެލޯނާ އިން އަންނަނީ މެސީއާ އެކު ހަދާފައިވާ އެއްބަސްވުން އާ ކުރުމަށް މަޝްވަރާ ކުރަމުންނެވެ. އަދި ވަރަށް އަވަހަށް މެސީ އެގްރިމެންޓުގައި ސޮއިކުރާނެ ކަމަށް އެ ކްލަބުން ބުނެ އެވެ.
ރިޕޯޓްތައް ބުނާގޮތުގައި މެސީ ބޭނުންވަނީ ފަސް އަހަރަށް އެއްބަސްވުން އާ ކުރާއިރު، އެ އެއްބަސްވުމުގެ ފުރަތަމަ ތިން އަހަރު ނިމުމުން ފަހު ދެން އޮތް ދެ އަހަރު ތެރޭ ޔޫރަޕުން ބޭރު ކްލަބަކަށް އޭނާ ބަދަލުވާން ބޭނުންވެއްޖެނަމަ އެ ފުރުސަތު އޭނާ އަށް ލިބޭ ގޮތަށް އެއްބަސްވުމުގައި ހިމެނުމަށެވެ. މެސީ ވަނީ ކެރިއަރު ނިންމާލުމުގެ ކުރިން އޭނާގެ ކުރީގެ ކްލަބް ނެވެލް އޯލްޑް ބޯއީސް އަށް ކުޅެން ބޭނުން ކަމަށް ބުނެފަ އެވެ.
ބާސެލޯނާ އިން ވަނީ އެ ކްލަބަށް ކުޅޭ އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒްގެ އެއްބަސްވުން 2021ގެ ނިޔަލަށް އާ ކޮށްފަ އެވެ. މި އެއްބަސްވުމުގެ ދަށުން އެހެން ކްލަބަކަށް އޭނާ ގަނެވޭނީ 167.5 މިލިއަން ޕައުންޑަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުވަދީވް ރަދުން
17 December 2016
އެމީހުންގެ ތިހުށަހެޅުމަށް ވަގުތުން ނޫނެކޭ ބުނީމަ ހަބޭސް