ޔުނައިޓެޑްގެ ކޯޗު މޮރީނިއޯ (ކ) އާއި އެ ޓީމުގެ ފޯވާޑް އިބްރަހިމޮވިޗް. -- ފޮޓޯ: އޭއެފްޕީ
25 ޑިސެމްބަރ 2016 - 12:02
މެންޗެސްޓާ (ޑިސެމްބަރު 25) – ޗައިނީސް ސުޕަ ލީގާއި އެެމެރިކާގެ މޭޖާ ލީގުން ކިތަންމެ ޝައުގުވެރިވެ އޮފާތަކެއް ކުރި ނަމަވެސް ޒަލަޓާން އިބްރަހިމޮވިޗް ކެރިއަރު ނިންމާލާނީ މެންޗެސްޓާ ޔުނައިޓެޑުގައި ކަމަށް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
އުމުރުން 35 އަހަރުގެ އިބްރަހިމޮވިޗް ވަނީ މި ސީޒަނުގައި ޔުނައިޓެޑަށް ބަދަލުވެ 25 މެޗުން 16 ގޯލް ޖަހައިފަ އެވެ. އޭގެ ތެރެއިން 11 ލަނޑު ކާމިޔާބުކުރީ ޕްރިމިއާ ލީގުގަ އެވެ. މި ހުރިހާ ކަމަކާ އެކު، އޭނާ ޔުނައިޓެޑާ އެކު ހަދާފައިވާ އެއް އަހަރުގެ ކޮންޓްރެކްޓް އާކުރުމުގެ ފުރުސަތު ބޮޑެވެ. އަނެއްކޮޅުން ޗައިނާ އިންނާއި އެމެރިކާ އިން ހުއްޓުމެއް ނެތި އޮފާތައް އިބްރަހިމޮވިޗަށް އަންނަނީ އޮހެމުންނެެވެ.
"އަހަރެމެން އިބްރަހިމޮވިޗާ މެދު ވަރަށް ބޮޑަށް އުފާކުރަން. ބައެއް މީހުން ހީކުރީ އޭނާ ކިތަންމެ މޮޅަސް އުމުރުން 35 އަހަރުގައި މާބޮޑު ކަމެއް ނުކުރެވޭނެ ކަމަށް. އެކަމަކު އޭނާ އަށް 35 އަހަރަކީ 25 އަހަރު ފަދަ،" މޮރީނިއޯ ބުންޏެވެ.
"އިބްރަހިމޮވިޗް އަންނަނީ ގޯލް ޖަހަމުން، މޮޅަށް ކުޅެމުން. އޭނާގެ ކެރިއަރުގެ ނިމުން ވެސް އަންނާނީ ވަރަށް ފުރިހަމަކޮށް. އޭނާ ކެރިއަރު ނިންމާލާނީ އެންމެ މަތީ ފަޑިން. އިބްރަހިމޮވިޗްގެ ކެރިއަރު ނިންމަން ޗައިނާ ނޫނީ އެމެރިކާ އަށް ނުދާނެ."
މޮރީނިއޯ ބުނީ އިބްރަހިމޮވިޗް ފްރާންސް ލީގު ދޫކޮށްލުމާ އެކު އެ ލީގު މިހާރު ވާދަވެރިވެފައިވާ ކަމަށެެވެ. އޭނާ ވަނީ ޕީއެސްޖީއާ އެކު މިދިޔަ ހަތަރު ސީޒަނުގައި ފްރެންޗް ލީގު ކާމިޔާބުކޮށްފަ އެވެ. މި ސީޒަނުގައި ލީގުގެ އެއް ވަނައިގައި ދެ ޕޮއިންޓުގެ ލީޑަކާ އެކު ނީސް އޮތްއިރު ދެ ވަނައިގައި އޮތް މޮނާކޯ އޮތީ ތިން ވަނައިގައި އޮތް ޕީއެސްޖީ އަށް ވުރެ ތިން ޕޮއިންޓް ކުރީގަ އެވެ.
"ފްރާންސްގެ ރައްޔިތުން އުފާކުރަން ޖެހޭ އިބްރަހިމޮވިޗް ފްރާންސް ލީގު ދޫކޮށްލީތީ. ސަބަބަކީ އަދި ކިރިޔާ ލީގު ވާދަވެރިވީ. ކުރިން ނޯވޭ ވާދަވެރިކަމެއް. އޭނާ ހުރިއިރު ޕީއެސްޖީން ފްރާންސް ލީގާއި ފްރެންޗް ކަޕާއި ސުޕަ ކަޕް ވެސް ނަގަނީ،" މޮރީނިއޯ ބުންޏެވެ. "މިހާރު އަހަރެން ވެސް ފްރާންސް ލީގު ބަލަން އެހާ ވެސް ވާދަވެރި. ހުރިހާ ވެސް ޝުކުރެއް އިބްރަހިމޮވިޗަށް."
އިބްރަހިމޮވިޗް ވަނީ އަޔަކްސްއާ އެކު ނެދަލެންޑްސް ލީގު އަދި ޔުވެންޓަސް އާއި އިންޓަ މިލާނާއި އޭސީ މިލާނާ އެކު އިޓާލިއަން ލީގު އަދި ބާސެލޯނާއާ އެކު ސްޕެނިޝް ލީގު ކާމިޔާބުކޮށްފަ އެވެ. އޭނާ އަށް ނުހޯދޭ ބޮޑު ތަށްޓަކީ ޗެމްޕިއަންސް ލީގެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy