ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ: އޭނާ ބުނަނީ މިއީ އެ ޓީމަށް ކާމިޔާބު ސީޒަނެއް ކަމަށް.-- ފޮޓޯ: އޭއެފްޕީ
08 ޖެނުއަރީ 2017 - 12:00
މެޑްރިޑް (ޖެނުއަރީ 8) - މި ސީޒަނުގައި ބާސެލޯނާ އަށް އަދިވެސް ތިން މުބާރާތް ކާމިޔާބު ކުރުމުގެ ފުރުސަތު ނުގެއްލޭ ކަމަށާއި އެ ހުސްއަތާ ސީޒަން ނިންމާލަން ނުޖެހޭނެ ކަމަށް އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.
އެންރީކޭ ހަވާލުވި ފަހުން ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި ބާސެލޯނާ އިން ވަނީ އަށް މުބާރާތް ކާމިޔާބު ކޮށްފަ އެވެ.
ސްޕެނިޝް ކަޕްގެ ގަދަ 16 ޓީމުގެ ބުރުގެ ފުރަތަމަ ލެގުގައި ބިލްބާއޯ އަތުން ބާސެލޯނާ ބަލިވިއިރު، ރޭ ލީގުގެ އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑް ކުޅުނު މެޗުން މޮޅުވުމުން އެ ޓީމާ ބާސެލޯނާއާ ދެމެދު އޮތް ފަރަގު ވަނީ ހަ ޕޮއިންޓަށް ބޮޑުވެފަ އެވެ.
ލީގުގެ އެއް ވަނައިގައި ރެއާލް އޮތީ 16 މެޗުން 40 ޕޮއިންޓާ އެކު އެވެ. ރޭ ރެއާލް ސޮސިއެޑާޑް އަތުން 4-0 އިން މޮޅުވެ ސެވިއްޔާ ވަނީ ލީގުގެ ދެ ވަނަ އަށް ޖެހިލައިފަ އެވެ. އެ ޓީމަށް 17 މެޗުން ވަނީ 36 ޕޮއިންޓް ލިބިފަ އެވެ. ބާސެލޯނާ ތިން ވަނައިގައި އޮތީ 16 މެޗުން 34 ޕޮއިންޓް ހޯދައިގެންނެވެ.
ލީގުގައި މިރޭ ބާސެލޯނާ ރަށުން ބޭރުގައި ނުކުންނާނީ ވިޔަރެއާލްއާ ދެކޮޅަށެވެ. އެ މެޗުން ބާސެލޯނާ މޮޅުވެއްޖެނަމަ އަލުން ދެ ވަނަ ލިބޭނެ އެވެ.
"ބިލްބާއޯ މެޗުގައި ހަމައެކަނި ގޯސްވީ ނަތީޖާ. އެކަމު ކުޅުމަށް ބަލާއިރު ކުރިއަށްދާން ލިބުނީ ހިތްވަރެއް. ބާސެލޯނާގެ ލެވެލްދަނީ ކުރިއަށް މި ލެވެލްގައި ކުޅެފިނަމަ އަހަރެމެން ހުސްއަތާ ނިންމާލަން ނުޖެހޭނެ. ކާމިޔާުބު ލިބޭނެ." އެންރީކޭ ބުންޏެވެ.
ވިޔަރެއާލް އަކީ އަމިއްލަ ދަނޑުގައި މޮޅަށް ކުޅޭ ޓީމެއް ކަމަށާއި ފަރުވާކުޑަކޮށްލައިގެން މި މެޗުން ނަތީޖާ ނެރެން އުނދަގޫވާނެ ކަމަށް އެންރީކޭ ބުންޏެވެ.
"ސީޒަންގެ ފަހު ބައިގައި ވަރަށް ވިސްނައިގެން ކުޅެން ޖެހޭނީ. ވިޔަރެއާލް އަކީ އަމިއްލަ ދަނޑުގައި ތަފާތު މޮޅަށް ކުޅޭ ޓީމެއް. މިއީ ފަރުވާ ކުޑަކޮށްލައިފިނަމަ އަހަރެންނަށް ލަނޑު ލިބިދާނެ މެޗެއް،" އެންރީކޭ ބުންޏެވެ.
ބާސެލޯނާ އާއި ވިޔަރެއާލް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:45 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެންޓަލިސްޓް
08 January 2017
އެކަމު މިއަހަރު އޮތީ ހުސްއަތާ ސީޒަންނިންމާގޮތަށް ކަމަށް ބޮޑަށް ބުރަވެވެނީ ،، ބާސާގެ ކުޅުން ބަދަލުވެ މިހާރު ތަންކޮޅެއް ދަށްކޮށް ފެންނަނީ ،،،، ނޭމާއަކަށް ސުވަރޭޒްއަކަށްވެސް ރަގަޅަށް ޕާރފޯމްނުކުރެވޭކަމަށް ފެންނަނީ ،،، ވެދާނެ ކޯޗް އެންރީކޭގެ ރޭވުންތެރިކަމާޢި ކުޅުންތެރީންގެ ސިސްޓަމްއާޢި އަދި ނުގުޅެނީކަމަށް ،،، މެސީވެސް ބައެއް މެޗެތަކުގައި ވަރަށްމޮޅަށްކުޅޭ އަނެއްބައި މެޗެތަކުގައި ވަރަށްކަޑަ ،،، ކުޅުންތެރީންގެ މޫޑްސްވިންގް ވެފައި ހުންނަކަމަށް ފެންނަނީ ،،، އެހެންވެ ޕާރފޯމަންސް ސަސްޓެއިން ނުކުރެވެނީ ،،، ވަރަށްވެދުން