ލަނޑު ޖެހުމަށް ފަހު މެސީ (ވ) އާއި ނޭމާ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
09 ޖެނުއަރީ 2017 - 09:32
މެޑްރިޑް (ޖެނުއަރީ 9) - ސްޕެނިޝް ލީގުގައި ރޭ ފަހު ވަގުތު ލިއޮނަލް މެސީ ޖެހި ލަނޑުން ވިޔަރެއާލް އަތުން ބާސެލޯނާ ބަލިނުވެ ސަލާމަތްވެއްޖެ އެވެ.
ވިޔަރެއާލް ދަނޑުގައި ރޭ ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މި ނަތީޖާއާ އެކު ލީގުގެ ދެ ވަނަ އަށް އަރަން ލިބުނު ފުރުސަތު ވަނީ ގެއްލިފަ އެވެ. ލީގުގެ އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑަށް 16 މެޗުން 40 ޕޮއިންޓާ އެކު އެވެ. ދެ ވަަނައިގައި އޮތް ސެވިއްޔާ އަށް 17 މެޗުން 36 ޕޮއިންޓު ލިބިފައިވާއިރު، ބާސެލޯނާ ތިން ވަނައިގައި އޮތީ 17 މެޗުން 35 ޕޮއިންޓް ހޯދައިގެންނެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފްގައި ބާސެލޯނާ އަށް ވިޔަރެއާލް ގޯލަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައިނުވެ އެވެ. ދެ ވަނަ ހާފް ފެށިގެން ފަސް މިނިޓް ތެރޭ ވިޔަރެއާލުން ލީޑު ނެގީ އަލެކްސަންޑަ ޕަޓޯ ދިން ބޯޅަ އަކުން ނިކޮލަ ސަންސޯނޭ އެވެ.
މެޗުގެ ފަހު ވަގުތު މެސީ ބާސެލޯނާ ސަލާމަތްކޮށްދިން ލަނޑު ކާމިޔާބުކުރީ ލިބުނު ހިލޭ ޖެހުމަކުންނެވެ. ވިޔަރެއާލް އޭރިއާ ބޭރުން މެސީ ފޮނުވާލި ހިލޭ ޖެހުން އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.
މި މެޗުގައި ވެސް ބާސެލޯނާގެ ބްރެޒިލް ފޯވާޑް ނޭމާ އަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވެ އެވެ. މިއީ އޭނާ އަށް ލަނޑެއް ނުޖެހި ދިޔަ 11 ވަނަ މެޗެވެ.
ރޭގެ މެޗަކީ ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ އެ ޓީމަށް އިރުޝާދުދިން 150 ވަނަ މެޗެވެ. މެޗަށް ފަހު އެންރީކޭ ބުނީ ލީގުގެ ކުރީގައި އޮތް ރެއާލާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު ބޮޑުވި ނަމަވެސް ލީގުގައި ކުރިޔަށް ގިނަ މެޗުތައް ހުރުމުން ކަންބޮޑުނުވާ ކަމަށެވެ.
"ތަކުރާރުކޮށް އެއް ގޯސްތަކެއް މި ހެދެނީ. މިކަން ރަނގަޅު ކުރަން ޖެހޭ. ބަލިނުވެ ފަރުޖައްސާލެވުމުން ހިތްހަމަ ޖެހޭ. އެކަމަކު މިއަށް ވުރެން ރަނގަޅަށް ކުޅެވޭނެ ޓީމެއް އަހަރެމެންނަކީ." އެންރީކޭ ބުންޏެވެ.
"ލީގުގައި ކުރިޔަށް ގިނަ މެޗުތަކެއް އެބަހުރި. ފަހު މެޗާ ޖެހެންދެން އަހަރެމެން ހިތްވަރު ކުރާނެ."
ރެއާލަށް މި ވަގުތު އެޑްވާންޓޭޖް ބޮޑު ކަމަށާއި އެހެން ނަމަވެސް ލީގުގެ ކުރީގައި އޮތުމަކީ ޕްރެޝަރު ބޮޑުވާ ކަމެއް ކަމަށް އެންރީކޭ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެންޓަލިސްޓް
09 January 2017
އެންރީކޭގެ ގޭމްޕްލޭންގެ މައްސަލައެއް އުޅޭކަމަށް ފާހަގަކުރޭ ބައެއް މޮޅެތި އެނަލިސްޓުން ،،، މިހާރަކަށް އައިސް ބާސާގެ ކުޅުން އެކިމެޗްތަކުގައި އެކިގޮތަށް ދަނީ ،، އެއްފެންވަރެއްގައި ޕާރފޯމްނުކުރެވޭ ،،، ބާސާ ސްޓައިލްގެ ޕާސިންގގޭމްގައި ވެސް މިހާރު މައްސަލަ ޖެހޭތަންފެންނަނީ ،، އޮމާންކަމާއިއުކު އެކަން ނުކުރެވޭ ،، މެސީވެސް މިހާރުކުރީގެ އޭނާގެ ފެންވަރަށް ނުކުޅެވޭތަން ގިނައިން ފެންނަނީ ،،، ވަރަށްވެދުން
ރެއާލް
09 January 2017
އެންރީކޭ ކަލޭއަށް ތިހެން މީޑީއާ އަރާ ތިހެން ކިއިދާނެ، ރެއާލް އެއްވަނައިގައި އޮތީމަ ރެއާލްއަށޭ ޕްރެޝަރު ބޮޑީ! އެކަމަކު ހަގީގަތުގައި މިހާރު ބާސާގައި އެންރީކޭގެ ކުރިމަގާއި މެދު އޮތީ ސުވާލު އުފެދިފައި! އެކަން ފޫބައްދާލަން މޮޅެތި ވާހަކަ ދެއްކޭތޯ ތި އުޅެނީ!