އާސެނަލްގެ މިޑްފީލްޑަރު އޮޒިލް.-- ފޮޓޯ: އޭއެފްޕީ
14 ޖެނުއަރީ 2017 - 08:59
ކާޑިފް، ވޭލްސް (ޖެނުއަރީ 14) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ސްވަންސީ ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގައި އާސެނަލްގެ ޖަރުމަން މިޑްފީލްޑަރު މެސުތު އޮޒިލް ކުޅޭ ކަމަށް އެ ޓީމުގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.
އާސެނަލް އެންމެ ފަހުން ކުޅުނު މެޗުތަކުގައި އަނިޔާގެ ސަބަބުން އޮޒިލް ނުކުޅެ އެވެ. ސްވަންސީއާ ދެކޮޅަށް ނުކުތުމުގެ ކުރިން ވެންގާ ބުނީ އޮޒިލްގެ ކޮންޓްރެކްޓް އާ ކުރުމާ ގުޅޭގޮތުން މީޑިއާގައި ދެކެވޭ ވާހަކަތަކުގެ ސަބަބުން އޭނާގެ ކުޅުމަށް އަސަރުކުރާ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.
"އޮޒިލް ސްވަންސީއާ ދެކޮޅަށް ކުޅޭނެ. އޭނާ އާއި ސަންޗޭޒްގެ ކޮންޓްރެކްޓާ ގުޅޭގޮތުން މީޑިއާގައި ދައްކާ ވާހަކަތަކުން އެ ދެ ކުޅުންތެރިންގެ ކުޅުމަށް އަސަރެއް ނުކުރޭ. މި ދެ ކުޅުންތެރިންގެ ކޮންޓްރެކްޓް ހަމަވަން 18 މަސް އެބައޮތް. ފުޓްބޯޅައިގައި ކަންތައްތައް ބަދަލުވަން މިއީ ދިގު މުއްދަތެއް،" ވެންގާ ބުންޏެވެ.
ސްވަންސީއާ ދެކޮޅަށް ނުކުންނައިރު ސަމާލުވާން ޖެހޭ ކަމަށް ވެންގާ ބުންޏެވެ.
"ސްވަންސީން މި ވަނީ އާ ކޯޗެއް ގެނެސްފައި. ޓީމަށް ޔަގީންނުން ވެސް ބަދަލުތަކެއް އަންނާނެ. ސްވަންސީ ކޯޗު (ކްލެމެންޓް) އަކީ އެންމެ މަތީ ފަންތީގައި މަސައްކަތް ކޮށްފައިވާ ކޯޗެއް. އޭނާގެ ފެންވަރާ މެދު ސުވާލު އުފެއްދޭ ކަށެއް ނެތް،" ވެންގާ ބުންޏެވެ.
ބަޔާން މިއުނިކްގެ އެސިސްޓަންޓަކަށް ކުރިން ހުރި ޕައުލް ކްލެމެންޓް ސްވަންސީގެ ކޯޗުކަމާ ހަވާލުވުމަށް ފަހު އެ ޓީމުގެ އެސިސްޓަންޓަކަށް ހަމަޖައްސާފައިވަނީ ކުރިން ޗެލްސީ އާއި ރެއާލް މެޑްރިޑަށް ކުޅުނު ކްލައުޑިއޯ މަކަލޭލޭ އެވެ.
ކްލެމެންޓް ބުނީ މަކަލޭލޭ ގެނައީ އޭނާ އަކީ ޕްރިމިއާ ލީގުގެ ތަޖުރިބާ ލިބިފައިހުރި ތަފާތު ދެއްކި ކުޅުންތެރިޔަކަށްވާތީ ކަމަށެވެ.
އާސެނަލާ ދެކޮޅަށް ސްވަންސީގެ ރެކޯޑް ރަނގަޅެވެ. އެންމެ ފަހުން މި ދެ ޓީމު ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗު ނިމުނީ ސްވަންސީ ކޮޅަށެވެ.
ލީގުގެ 19 ވަަނައިގައި އޮތް ސްވަންސީ އާއި ފަސް ވަނައިގައި އޮތް އާސެނަލް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 8 ޖަހާއިރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy