ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ.-- ފޮޓޯ: އޭއެފްޕީ
15 ޖެނުއަރީ 2017 - 10:32
ބާސެލޯނާ (ޖެނުއަރީ 15) - ސްޕެނިޝް ލީގުގެ ކުރީގައި އޮތް ރެއާލް މެޑްރިޑް އަތުލަން އެންމެ ފަހު މެޗާ ޖެހެންދެން ބާސެލޯނާ އިން ހިތްވަރުކުރާނެ ކަމަށް އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.
ލީގުގައި ރޭ ބާސެލޯނާ ވަނީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ލަސް ޕަލްމާސް އަތުން 5-0 އިން މޮޅުވެފަ އެވެ. މި މޮޅާ އެކު ބާސެލޯނާ ވަނީ ލީގުގެ ދެ ވަނަ އަށް ޖެހިލައިފަ އެވެ. ލީގުގެ އެއް ވަނައިގައި އޮތް ރެއާލަށް 16 މެޗުން 40 ޕޮއިންޓް ލިބިފައިވާއިރު، ބާސެލޯނާ ދެ ވަނައިގައި އޮތީ 18 މެޗުން 38 ޕޮއިންޓް ހޯދައިގެންނެވެ.
ލީގުގެ ތިން ވަނައިގައި އޮތް ސެވިއްޔާ މިރޭ ކުޅޭނީ ރެއާލްއާ އެވެ.
ރޭގެ މެޗަށް ފަހު އެންރީކޭ ބުނީ ބާސެލޯނާ އަށް މި ވަގުތު މުހިއްމީ އެ ޓީމަށް ދިމާވެފައިވާ ކުދިކުދި މައްސަލަތައް ހައްލުކޮށް ގިނަ މެޗުތަކުން މޮޅުވެ ރަނގަޅު ފޯމަކަށް އެޅުން ކަމަށެވެ.
"ރެއާލް އޮތީ ރަނގަޅު ލީޑެއްގައި. އެ ޓީމު އޮތް ފޯމު ވެސް ރަނގަޅު. އަހަރެމެންނަށް އޮތީ އެންމެ ފަހު މެޗާ ޖެހެންދެން ލިބިފައި އޮތް ފުރުސަތުގެ ބޭނުން ހިފައިގެން ހިތްވަރު ކުރުން،" އެންރީކޭ ބުންޏެވެ.
ލަސް ޕަލްމާސް ކޮޅަށް ބާސެލޯނާގެ ލަނޑުތައް ކާމިޔާބުކުރީ ލުއިސް ސުއަރޭޒާއި ލިއޮނަލް މެސީ އާއި އާޑާ ޓުރާން އަދި އަލެކްސް ވިޑާލް އެވެ. މީގެ ތެރެއިން ސުއަރޭޒް ދެ ލަނޑު ޖެހި އެވެ.
ދާދި ފަހުން މެސީ އަށް ފާޑުކީ ބާސެލޯނާގެ ޑިރެކްޓަރެއް ކަމަށްވާ ޕެރޭ ގްރަޓަކޯސް މަގާމުން ދުުރުކޮށްފަ އެވެ. މިކަމާ ގުޅޭގޮތުން އެންރީކޭ ވާހަކަ ދައްކަން ބޭނުމެއްނުވި އެވެ.
ބާސެލޯނާގެ ރައީސް ޖޮސެފް ބާޓޮމެއު ވިދާޅުވީ މެސީގެ ކޮންޓްރެކްޓް އާ ކުރުމަށް ކުރަން ޖެހޭ މަޝްވަރާތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި ވަރަށް އަވަހަށް އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެންޓަލިސްޓް
16 January 2017
މިއަހަރުގެ ލަލީގާ ކާމިޔާބު ކުރާނެކަމަށް ބޮޑަށް ބެލެވެނީ ރިއާލްމެޑްރިޑް ،، އެމީހުން ރޭގައި ބަލިވިނަމަވެސް އެމީހުން މުޅިސީޒަންގައި ވަރަށްފޯމެއްގައި ކުޅެމުން އަންނަނީ ،،، ބާސާގެ މައްސަލައަކީ ބައެެއްމެޗްތަކުގައި ކުޅުން އޮންނަނީ ހަލާކުވެ ވިއްސިވިހާލިވެފައި ،، ޕާރފޯމަންސް އެއްވަރެއްގައި ހިފަހައްޓައިނުލެވޭތީވެ މައްސަަލަޔަކީ ،،، ވަރަށްވެދުން