މެޑްރިޑުގެ ކްރިސްޓިއާނޯ ރޮނާލްޑޯ އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ
30 ޖެނުއަރީ 2017 - 08:44
މެޑްރިޑް (ޖެނުއަރީ 30) – ބާސެލޯނާ އާއި ސެވިއްޔާ އަށް މޮޅުނުވެވުމުގެ ފައިދާ ނަގައި ރޭ ރެއާލް ސޮސިއެޑާޑް އަތުން 3-0 އިން މޮޅުވެ ސްޕެނިޝް ލީގުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ރެއާލް މެޑްރިޑުން ނަގައިފި އެވެ.
އެއް މެޗު މަދުން ކުޅެފައިވާ މެޑްރިޑް 46 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތްއިރު ބާސެލޯނާ ދެ ވަނަ މަގާމަށް އެރީ 42 ޕޮއިންޓާ އެކު އެވެ. އެ ޓީމު ވަނީ ރޭ ރެއާލް ބެޓިސްއާ 1-1 އިން އެއްވަރުވެފަ އެެވެ. ކުރިން ދެ ވަނައިގައި 42 ޕޮއިންޓާ އެކު އޮތް ސެވިއްޔާ ވަނީ ރޭ އެސްޕަންޔޯލް އަތުން 3-1 އިން ބަލިވެފަ އެވެ.
އުނދަގޫ ދެ ހަފުތާއަށް ފަހު މެޑްރިޑުން ރޭ މުހިއްމު މޮޅެއް ހޯދިއިރު ފުރަތަމަ ގޯލް 38 ވަނަ މިނެޓުގައި ޖެހީ މާގިނަ ފުުރުސަތުތަކެއް އާއްމުކޮށް ނުލިބޭ މަޓެއޯ ކޮވަސިޗެވެ. އޭނާ ސްޕެނިޝް ލީގުގައި ޖެހި ފުރަތަމަ ލަނޑު ޖަހަން މަގުފަހިކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ދެ ވަނަ ލަނޑު 51 ވަނަ މިނެޓުގައި ރޮނާލްޑޯ ޖެހިއިރު ލަނޑު ޖަހަން އެހީވީ ކޮވަސިޗެވެ. އޭގެ ފަހުން 74 ވަނަ މިނެޓުގައި ސޮސިއެޑާޑުގެ އިނިގޯ މާޓިނޭޒަށް ރަތްކާޑެއް ދެއްކިއިރު މެޑްރިޑުގެ ތިން ވަނަ ލަނޑު 82 ވަނަ މިނެޓުގައި ޖެހީ އަލްވާރޯ މޮރާޓާ އެވެ. އޭނާ ބޮލުން ގޯލް ޖެހީ ލޫކަސް ވަސްކުއޭޒް ނެގި ހުރަހަކުންނެވެ.
ރޭ ބާސެލޯނާ އަށް ދިމާވީ ހިތްދަތި ގޮތެކެވެ. މެޗުގެ 75 ވަނަ މިނެޓުގައި ބެޓިސްގެ އެލެކްސް އަލްގްރިއާ ލީޑު ނަގާފައިވަނިކޮށް، އިރުކޮޅެއް ފަހުން ބެޓިސްގެ ކުޅުންތެރިޔެއްގެ އަތުން ބައިކޮޅަށް ވަން ގޯލެއް ރެފްރީ ވަނީ ބަލައިނުގެންފަ އެވެ. ބާސެލޯނާގެ އެލެކްސް ވިޑާލް ނެގި ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭ ބެޓިސްގެ ޑިފެންޑަރެއްގެ އަތުން ބޯޅަ ގޯލަށް ވަންއިރު އެ ބޯޅަ އެ ޓީމުގެ އެހެން ކުޅުންތެރިޔަކު ވެއްޓިގެންގެންފައި ސާފުކޮށްލިއިރު ބޯޅަ އޮތީ ގޯލުގެ ތެރޭގަ އެވެ. ރީޕްލޭ އިން ފެންނަ ގޮތުގައި އެ ބޯޅަ އޮތީ ބައި ފޫޓެއްހާ ވަރު އެތެރޭގަ އެވެ.
ސްޕެނިޝް ލީގަކީ ޔޫރަޕުގެ ބޮޑު ފަސް ލީގުގެ ތެރެއިން ގޯލް-ލައިން ޓެކްނޮލޮޖީ ބޭނުންނުކުރާ ހަމައެކަނި ލީގެވެ. ރޭގެ މެޗާ އެކު ސްޕެނިޝް ލީގަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފަ އެވެ.
މެޗުން ބާސެލޯނާ ބަލިނުވެ ސަލާމަތްކޮށްދިނީ 90 ވަނަ މިނެޓުގައި ލުއިސް ސުއަރޭޒެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
30 January 2017
މަރުހަބާ ރެއާލް.މަރުހަބާ ރޮނާލްޑޯ.