އަލަވެސް ކޮޅަށް ލަނޑު ޖެހުމަށް ފަހު ސުއަރޭޒް އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ
12 ފެބުރުއަރީ 2017 - 09:24
ބާސެލޯނާ (ފެބްރުއަރީ 12) - ސްޕެނިޝް ކަޕުގެ ފައިނަލުގައި ޑިޕޯޓިވޯ އަލަވޭސްއާ ދެކޮޅަށް ނުކުތުމުގެ ކުރިން ރޭ ސްޕެނިޝް ލީގުގައި އެ ޓީމު އަތުން ބާސެލޯނާ 6-0 އިން މޮޅުވެއްޖެ އެވެ.
ފައިނަލު އޮންނާނީ އަންނަ މެއި މަހު 27 ވަނަ ދުވަހު އެވެ. މި ސީޒަނުގައި ބާސެލޯނާ ދަނޑުގައި ކުޅުނު މެޗުން އަލަވެސް ވަނީ 2-1 އިން ބާސެލޯނާ ބަލިކޮށްފަ އެވެ. ރޭގެ މެޗުގައި ބާސެލޯނާ އިން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ލީގުގެ އެއް ވަނައިގައި ރެއާލް މެޑްރިޑް އޮތީ ރޭ އޮސަސޫނާ އަތުން 3-1 އިން ހޯދި މޮޅާ އެކު 20 މެޗުން 49 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ބާސެލޯނާ އަށް 22 މެޗުން ލިބިފައިވަނީ 48 ޕޮއިންޓެވެ. ތިން ވަނައިގައި 21 މެޗުން 43 ޕޮއިންޓާ އެކު އޮތް ސެވިއްޔާ ކުޅޭނީ މިރޭ އެވެ.
އަލަވެސް ކޮޅަށް ބާސެލޯނާގެ ހަ ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ލުއިސް ސުއަރޭޒެވެ. މި ދެ ލަނޑާ އެކު ސުއަރޭޒް ވަނީ ލީގުގައި 18 ގޯލު ހަމަކޮށްފަ އެވެ. ބާސެލޯނާގެ އެއް ލަނޑަކީ އަލަވެސްގެ ރުއާނޯ ޑެލްގާޑޯ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަނެއް ލަނޑުތައް ކާމިޔާބުކުރީ ނޭމާ އާއި ލިއޮނަލް މެސީ އަދި އިވާން ރަކިޓިޗް އެވެ.
ރޭގެ މެޗުގެ ތެރެއިން ބާސެލޯނާގެ ފަހަތަށް ކުޅޭ އަލެކްސް ވިޑާލްގެ ފައިގެ ކުޑަހުޅު ބިނދި އޭނާ އަށް ވަނީ ސީޒަން ނިމިފަ އެވެ.
ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ ބުނީ މޮޅު ކުޅުމަކާ އެކު ބޮޑު މޮޅެއް ލިބުމުން ހިތްހަމަ ޖެހޭ ކަމަށާއި ހަމައެކަނި ކަންބޮޑުވުމަކީ ރަނގަޅު ފޯމެއްގައި ހުރި ވިޑާލަށް ސީޒަން ނިމުން ކަމަށެވެ.
"އަހަރެން ބޭނުންވާ ގޮތަށް ކުޅެގެން ކުޅުންތެރިން ހޯދި ބޮޑު މޮޅެއް މިއީ. އެކަމަކު އެއަށް ވުރެ ބޮޑު ކަންބޮޑުވުމެއް އެބައޮތް. އެއީ މިވަގުތު އެންމެ ރަނގަޅު ފޯމެއްގައި ހުރި ކުޅުންތެރިންގެ ތެރޭގައި ވިޑާލް ހިމެނޭ. އޭނާ އަށް އަނިޔާވެ ދެން މި ސީޒަނުގައި ނުކުޅެވުމަކީ ބާސެލޯނާ އަށް ލިބުނު ގެއްލުމެއް،" ކުރިން ރޯމާ އާއި ސެލްޓަ ވިގޯ އަށް ކޯޗުކޮށްދިން އެންރީކޭ ބުންޏެވެ.
ރަށުން ބޭރުގައި ރެއާލް މެޑްރިޑް މޮޅުވިއިރު ލަނޑު ޖަހައިދިނީ ކްރިސްޓިއާނޯ ރޮނާލްޑޯޯ އާއި އިސްކޯ އަދި ލޫކަސް ވަސްކުއޭޒެވެ. ރޮނާލްޑޯ ލީޑު ނަގާފައިވަނިކޮށް އޮސަސޫނާގެ ސާޖިއޯ ލެއޮން އެއްވަރުކޮށްދިނެވެ. އެކަމަކު އިސްކޯ އާއި ވަސްކުއޭޒްގެ ލަނޑުތަކުން މެޑްރިޑް މޮޅުވީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy