ލެގަނޭސް ކުޅުންތެރިޔަކު ކައިރިން މެސީ (ކ) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެޕްޕީ
20 ފެބުރުއަރީ 2017 - 09:01
ބާސެލޯނާ (ފެބްރުއަރީ 20) - ލިއޮނަލް މެސީގެ ދެ ލަނޑާ އެކު 2-1 އިން ލެގަނޭސް ބަލިކޮށް ބާސެލޯނާ އަލުން ސްޕެނިޝް ލީގުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.
ރޭގެ މޮޅާ އެކު ލީގު އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވުރެން ދެ މެޗު އިތުރަށް ކުޅެ ބާސެލޯނާ ވަނީ އެ ޓީމާ އެއް ޕޮއިންޓަށް ގާތަށް ޖެހިލައިފަ އެވެ. ރެއާލް އެއް ވަނައިގައި އޮތީ 21 މެޗުން 52 ޕޮއިންޓާ އެކު އެވެ. ދެ ވަަނައިގައި ބާސެލޯނާ އޮތީ 23 މެޗުން 51 ޕޮއިންޓް ހޯދައިގެންނެވެ. ބާސެލޯނާ ރޭ މޮޅުވުމުން ސެވިއްޔާ ވަނީ ތިން ވަނަ އަށް ވެއްޓިފަ އެވެ. އެ ޓީމަށް 23 މެޗުން ލިބިފައިވަނީ 49 ޕޮއިންޓެވެ.
ރޭގެ މެޗު ފެށިގެން ހަތަރު ވަނަ މިނިޓްގައި މެސީ ވަނީ ބާސެލޯނާ އަށް ލީޑު ނަގައިދީފަ އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ލީޑުފުޅާކުރަން ބާސެލޯނާ އަށް ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ. ބާސެލޯނާ ހުއްޓުވީ ލެގަނޭސްގެ ކީޕަރު އިއާގޯ ހެރެރީން އެވެ.
ލެގަނޭސް އަށް އެއްވަރު ކޮށްދިނީ މެޗުގެ 71 ވަނަ މިނިޓްގައި އުނައި ލޮޕޭޒް އެވެ. އޭނާ މި ލަނޑު ޖެހީ ބާސެލޯނާގެ ސާޖީ ރޮބާޓޯ އަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ.
މެސީ ބާސެލޯނާ މޮޅުކޮށްދިން ލަނޑު ކާމިޔާބުކުރީ މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީ އަކުންނެވެ. މި ޕެނަލްޓީ އަކީ ލެގަނޭސް ކުޅުންތެރިއަކު އެ ޓީމުގެ އޭރިއާ ތެރެއިން ބާސެލޯނާގެ ނޭމާ އަށް ފައުލުކުރުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ.
ރޭގެ މެޗުގައި ވެސް ބާސެލޯނާގެ ފަރާތުން އެ ޓީމު ކުރިން ދައްކަމުން އައި މޮޅު ކުޅުން ފެނިފައިނުވެ އެވެ. ފާއިތުވި މެޗުތަކުގައި ބާސެލޯނާގެ ކުޅުން ދަށްވުމުން އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ އަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
ރޭގެ މެޗަށް ފަހު އެންރީކޭ ބުނީ ފާޑުކިޔުންތަކަށް އޭނާ ސަމާލުކަން ނުދެކޭ ކަމަށެވެ.
ރިޕޯޓްތައް ބުނާގޮތުން އެންރީކޭ މި ސީޒަނަށް ފަހު ބާސެލޯނާ ކޯޗުކަމުން ވަކިވާނެ އެވެ. އެ ޓީމާ ދެން ހަވާލުވާނެ ކަމަށް ބެލެވިފައިވަނީ ސެވިއްޔާގެ ކޯޗު ޖޯޖް ސަމްޕައޮލީ ނޫނީ އެވަޓަންގެ ކޯޗު ކުރިން ބާސެލޯނާ އަށް ކުޅެފައިވާ ރޮނާލްޑް ކޫމަން އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy