ރޭގެ މެޗުގެ ތެރެއިން ރޮނާލްޑޯ.-- ފޮޓޯ: އޭއެފްޕީ
23 ފެބުރުއަރީ 2017 - 09:41
މެޑްރިޑް (ފެބްރުއަރީ 23) - ކްރިސްޓިއާނޯ ރޮނާލްޑޯގެ ކްލަބް ކެރިއަރުގައި ކުޅުނު 700 ވަނަ މެޗުން ރޭ ސްޕެނިޝް ލީގުގައި ވެލެންސިއާ އަތުން 2-1 އިން ރެއާލް މެޑްރިޑް ބަލިވެއްޖެ އެވެ.
މި ބައްޔާ އެކު ލީގު އެއް ވަނައިގައި ލީޑުފުޅާކުރަން ލިބުނު ފުރުސަތު ރެއާލް އަތުން ވަނީ ގެއްލިފަ އެވެ. ރެއާލް މިވަގުތު އެއް ވަނައިގައި އޮތީ 22 މެޗުން 52 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ބާސެލޯނާ އަށް 23 މެޗުން ލިބިފައިވަނީ 51 ޕޮއިންޓެވެ.
ވެލެންސިއާ އިން ރޭގެ މެޗުގައި ޖެހި ދެ ލަނޑު ވެސް ވައްދާލީ މެޗުގެ ފުރަތަމަ 10 މިނިޓް ތެރޭގަ އެވެ. ފުރަތަމަ ލަނޑު މެޗުގެ ހަތަރު ވަނަ މިނިޓްގައި ޖެހީ ސިމޯން ޒާޒާ އެވެ. މިއީ ވެސްޓް ހޭމް ޔުނައިޓެޑް ދޫކޮށް މިދިޔަ މަހު ވެލެންސިއާ އަށް ބަދަލުވި ޒާޒާ މިދިޔަ މޭ މަހަށް ފަހު ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.
ވެލެންސިއާ އަށް ލީޑުފުޅާކޮށްދިނީ މެޗުގެ ނުވަ ވަނަ މިނިޓްގައި ފަބިއަން އޮރެލާނާ އެވެ. ރެއާލްގެ ހަމައެކަނި ލަނޑު މެޗުގެ 44 ވަަނަ މިނިޓްގައި ކާމިޔާބުކުރީ ރޮނާލްޑޯ އެވެ. ރެއާލްގެ ކުރިން ރޮނާލްޑޯ ވަނީ ޕްރޮފެޝަނަލް ލެވެލްގައި ސްޕޯޓިން ލިސްބަން އާއި މެންޗެސްޓާ ޔުނައިޓެޑަށް ކުޅެފަ އެވެ.
މެޗުގެ ދެ ވަނަ ހާފްގައި ނަތީޖާ ހަމަހަމަ ކުރަން ރެއާލުން ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް ކާމިޔާބުވާ ގޮތެއްނުވި އެވެ. ދެ ވަނަ ހާފްގައި ރެއާލުން ވަނީ ގަރެތު ބޭލް ކުޅެން އަރުވައިފަ އެވެ. ނަތީޖާ ހަމަހަމަ ކުރަން ބޭލް ވަނީ ރަނގަޅު ހަމަލާއެއް ފޮނުވާލައިފަ އެވެ.
ލީގުގައި ކުރިމަތިވި ދެ ވަނަ ބައްޔާ އެކު ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ބުނީ މެޗުން ބަލިވީ ފެށުން ގޯސްވުމުން ކަމަށެވެ.
"ފުރަތަމަ 10 މިނިޓް ތެރޭ އަހަރެމެންނަށް މެޗު ގެއްލިއްޖެ. މިއީ ހިތާމަ ކުރުމަށް ވުރެ ބޮޑަށް ރުޅިގަދަވާން ޖެހޭ ވަގުތެއް. އެއީ މި ވަގުތު ލީގުގެ އެއް ވަނައިގައި އޮތަސް އަަހަރެމެންނަށް ކުރަން ޖެހޭ މަސައްކަތް އިތުރުވެފައިވާތީ،" ޒިދާން ބުންޏެވެ.
ރޭގެ މޮޅާ އެކު ވެލެންސިއާ ވަނީ ލީގުގެ 13 ވަނަ އަށް ޖެހިލައިފަ އެވެ. އެ ޓީމަށް 23 މެޗުން ވަނީ 26 ޕޮއިންޓް ލިބިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފުގެ ބައްޕަ
23 February 2017
މިފަހަރު ބާސާ އަކަށް ފުރުސަތެއްނެތް. ރެއާލް/ ބެޔާން
ދިވެހި ވެލެންސިއާ
23 February 2017
ރެއާލް ދޭބަލަ ޕެނަލްދޯ ގޮވައިގެން މަހަށް. ކެކެކެ.
ރަދީފް
23 February 2017
މަރުހަބާ ވެލެންސިއާ. ރެއާލް އަދި ހާސްވާންޖެހޭ ވަރެއްނުވޭ.އަތުގަ ގޭމެއް އޮވެފަ 01 ޕޮއިންޓްގެ ލީޑެއް އެބައޮތް.ބާސެލޯނާ އެބަޖެހޭ އާދީއްތަދުވަހު އެތުލެޓިކޯގެ މައްޗައް ތަފާތު ބޮޑު ކާމިޔާބީއެއް ހޯދަން. #ވިސްކައެލްބާސާ