ބާސެލޯނާގެ ކޯޗު އެންރީކޭ (ކ) އާއި އެތުލެޓިކޯގެ ކޯޗު ސިމިއޯނީ.-- ފޮޓޯ: އޭއެފްޕީ
26 ފެބުރުއަރީ 2017 - 11:45
ބާސެލޯނާ (ފެބްރުއަރީ 26) - ބާސެލޯނާ އަކީ އަދިވެސް ދުނިޔޭގެ އެންމެ މޮޅު ޓީމު ކަަމަށް އެ ޓީމާ ދެކޮޅަށް މިރޭ ސްޕެނިޝް ލީގުގައި ނުކުންނަ އެތުލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނެފި އެވެ.
މިރޭގެ މެޗަށް ނުކުންނައިރު ބާސެލޯނާ މިވަގުތު އޮތީ ލީގުގެ ތިން ވަނައިގަ އެވެ. އެއީ ރޭ ކުޅުނު މެޗުން ސެވިއްޔާ މޮޅުވުމުންނެވެ. ރޭގެ މޮޅާ އެކު ސެވިއްޔާ ވަނީ ލީގުގެ އެއް ވަނަައިގައި އޮތް ރެއާލް މެޑްރިޑާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފަ އެވެ. ރެއާލަށް 22 މެޗުން 52 ޕޮއިންޓް ލިބިފައިވާއިރު، ސެވިއްުޔާ 52 ޕޮއިންޓް ހަމަކުރީ 24 މެޗުންނެވެ.
ބާސެލޯނާ ތިން ވަނައިގައި އޮތީ 23 މެޗުން 51 ޕޮއިންޓް ހޯދައިގެންނެވެ. މިރޭ އެތުލެޓިކޯ އަތުން ބާސެލޯނާ މޮޅުވެއްޖެނަމަ ލީގު އެއް ވަނަ އަށް އެރުމުގެ ފުރުސަތު އެ ޓީމަށް އެބައޮތެވެ. އެއީ ރެއާލާއި ވިޔަރެއާލް ކުޅޭ މެޗު އޮތީ ފަހުން ކަމަށް ވުމުންނެވެ.
ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަތުން 4-0 އިން ބަލިވި ފަހުން ސްޕެނިޝް ލީގުގައި ލެގަނޭސް އަތުން ވެސް ބާސެލޯނާ މޮޅުވީ ފަހު ވަގުތުގެ ޕެނަލްޓީއާ އެކު 2-1 އިންނެވެ.
ސިމިއޯނީ މި ވަގުތު ބާސެލޯނާގެ ފޯމު ގެއްލިފައި އޮތް ނަމަވެސް އެ ޓީމަކީ އަދިވެސް ދުނިޔޭގެ އެއް ވަނަ ކަމަށެވެ.
"އަހަރެން ގަބޫލުކުރާ ގޮތުގައި މިހާރު ވެސް ބާސެލޯނާ އަކީ ދުނިޔޭގެ އެންމެ މޮޅު ޓީމު. ފޯމު ދަށްވެފައި އޮތުމަކީ ވަގުތީ ކަމެއް،" ސިމިއޯނީ ބުންޏެވެ. "އަހަރެމެން އެމީހުންނާ ދެކޮޅަށް ކުޅެފިން ހުރިހާ ހާލަތެއްގައި ވެސް ކޮންމެ ފަހަރަކު ވެސް ފެންނަނީ އެ ޓީމުގެ ތަފާތުކަން. ބާސެލޯނާ އަކީ ހުރިހާ ގޮތަކުން ވެސް މޮޅު ޓީމެއް."
އެތުލެޓިކޯގެ ކުރިޔަށްކުޅޭ ތިން ކުޅުންތެރިން ކަމަށްވާ ކެވިން ގަމޭރޯ އާއި އެންޓޮއިން ގްރީޒްމަން އަދި ފެނާންޑޯ ޓޮރޭޒް މި ވަގުތު ތިބީ ރަނގަޅު ފޯމެއްގަ އެވެ. ސިމިއޯނީ ބުނީ މިއީ އޭނާ އަށް އޮތް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ.
ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ ބުނީ މި ވަގުތަށް އޭނާގެ ޓީމަށް އެންމެ މުހިއްމު ކަމަަކީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރަނގަޅު ނަތީޖާ ނެރުން ކަމަށެވެ.
"މިއީ 2017 ފެށިފަހުން އަހަރެމެންނަށް މެޗަކަށް ތައްޔާރުވާން ހަފްތާއެއް ލިބުނު ފުރަތަމަ ފަހަރު. އެއީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް. ގެއްލިފައި އޮތް ފޯމު އަލުން ގެންނަން މިއީ އެންމެ ރަނގަޅު މެޗު. މި ޓީމު ބޭނުންވާ މަގާމަށްދާން ރަނގަޅު ނަތީޖާތަކެއް ނެރެން އެބަޖެހޭ،" އެންރީކޭ ބުންޏެވެ.
ބާސެލޯނާ އާއި އެތުލެޓިކޯ ވަނީ ސްޕެނިޝް ކަޕުގެ ސެމީ ފައިނަލުގައި މި ފަހަރު ކުޅެފަ އެވެ. އެތުލެޓިކޯ ދަނޑުގައި ބާސެލޯނާ މޮޅުވިއިރު، ބާސެލޯނާ ދަނޑުގައި ކުޅުނު މެޗު ނިމުނީ އެއްވަރުވެގެންނެވެ. މި ދެ ޓީމު މިރޭ ލީގުގައި އެތުލެޓިކޯ ދަނޑުގައި ކުޅޭ މެޗު ފަށާނީ 8:15 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
26 February 2017
#ވިސްކައެލްބާސާ #ވިސްކައެލްބާސާ #ވިސްކައެލްބާސާ #ވިސްކައެލްބާސާ