06 މެއި 2017 - 00:28
ލަންޑަން (މެއި 5) - ވޯލްޑް ކަޕް ކޮލިފައިންގައި މިދިޔަ މާޗް މަހު ޗިލީއާ ދެކޮޅަށް ކުޅުނު މެޗުގައި ލައިންސްމަނަކާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން އާޖެންޓީނާގެ ލިއޮނަލް މެސީ ހަތަރު މެޗަށް ސަސްޕެންޑްކުރަން ނިންމި ނިންމުން ފީފާއިން އުވާލައިފި އެވެ.
މާޗް 23 ވަނަ ދުވަހު 1-0 އިން ޗިލީ އަތުން އާޖެންޓީނާ މޮޅުވި މެޗުގައި ލައިންސްމަނާ ހުތުރު ބަހުން މުއާމަލާތުކުރި ކަމަށް ބަލައި ފީފާއިން މެސީ ސަސްޕެންޑްކުރަން ނިންމީ ވީޑިއޯ އަށް ބަލައިގެންނެވެ. މިއީ ހައްގު ނޫން އަދަބެއް ކަމަށް ބުނެ އާޖެންޓީނާގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ މި މައްސަލަ ފީފާގެ އެޕީލް ކޮމިޓީ އަށް ހުށަހަޅައިފަ އެވެ.
ފީފާ އެޕީލް ކޮމިޓީން މި މައްސަލަ ބެލުމަށް ފަހު ނިންމީ މެސީ އަށް އަދަބު ދިނީ އެންމެ ރަނގަޅަށް ބަލަންޖެހޭ މިންގަނޑުގެ ތެރެއިން މި މައްސަލަ ތަހުގީގު ނުކޮށް ކަމަށާއި މި މައްސަލައިގައި މެސީ އަށް އަދަބު ދިނީ އިންސާފުން ބޭރުން ކަމަށް ވުމުން މެސީގެ ސަސްޕެންޝަން އުވާލުމަށެވެ.
މެސީ ސަސްޕެންޝަނުގައި ހުއްޓައި އާޖެންޓީނާ ކޮލިފައިންގައި ކުޅުނު މެޗުން ވަނީ ބޮލިވިއާ އަތުން ބަލިވެފަ އެވެ.
ވޯލްޑް ކަޕް ކޮލިފައިންގެ ދެކުނު އެމެރިކާގެ ގްރޫޕް ސްޓޭޖުގައި އާޖެންޓީނާ މި ވަގުތު އޮތީ ފަސް ވަނައިގަ އެވެ. ކޮލިފައިންގައި ބާކީ ހަތަރު މެޗު އޮތްއިރު، ވޯލްޑް ކަޕްގެ ސީދާ ޖާގައެއް ލިބޭނީ ގަދަ ހަތަރު ޓީމަށެވެ. ފަސް ވަނައަށްދާ ޓީމު ޖެހޭނީ ޕްލޭއޮފް ކުޅޭށެވެ.
ކޮލިފައިންގައި ދެން އާޖެންޓީނާ ކުޅެން ޖެހޭ މެޗުތަކަކީ އުރުގުއޭ އާއި އެކުއެޑޯއާ ދެކޮޅަށް ކުޅޭ މެޗާއި އަމިއްލަ ދަނޑުގައި ވެނެޒުއޭލާ އާއި ޕެރޫއާ ދެކޮޅަށް ކުޅޭ މެޗެވެ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy