ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ.-- ފޮޓޯ: އޭއެފްޕީ
02 އެޕްރީލް 2017 - 10:26
މެންޗެސްޓާ (އޭޕްރިލް 2) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ވެސްޓް ބްރޮމްވިޗް އެލްބިއަންއާ ލަނޑެއް ނުޖެހި އެއްވަރުވި މެޗަށް ފަހު މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ އެ ޓީމުގެ ފޯވާޑުންނަށް ފާޑުކިޔައިފި އެވެ.
ރޭގެ މެޗަކީ މި ސީޒަނުގައި ޔުނައިޓެޑް އަމިއްލަ ދަނޑުގައި އެއްވަރުވި އަށް ވަނަ މެޗެވެ. ރޭގެ މެޗުން މޮޅުނުވެވުމުން ލީގުގެ ގަދަ ހަތަރަކަށް ވަންނަން ޔުނައިޓެޑުން ކުރަމުން އަންނަ މަސައްކަތަށް ވަނީ އިތުރު އުނދަގޫތަކެއް ކުރިމަތިވެފަ އެވެ.
ޔުނައިޓެޑް 28 މެޗުން 53 ޕޮއިންޓާ އެކު ލީގުގެ ފަސް ވަނައިގައި އޮތްއިރު، ލީގުގެ ހަތަރު ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވަނީ 28 މެޗުން 57 ޕޮއިންޓް ލިބިފަ އެވެ. ސިޓީ މިރޭ ރަށުންބޭރުގައި އާސެނަލާ ދެކޮޅަށް ކުޅޭނެ އެވެ.
ޔުނައިޓެޑަކީ މި ފަހަރު ލީގުގައި އަމިއްލަ ދަނޑުގައި ކުޅުނު މެޗުތަކުން ހަތް ވަނަ އަށް އެންމެ މަދުން ލަނޑު ޖެހި ޓީމެވެ. ޔުނައިޓެޑް ލީގުގައި އަމިއްލަ ދަނޑުގައި ކުޅުނު 15 މެޗުން ޖެހުނީ 20 ލަނޑެވެ.
"އަހަރެން ބުނާނީ ވެލެންސިއާ، ރޯހޯ، ބެއިލީ، ޔަންގް، ކެރިކް އަދި ފެލައިނީ މި ހަ ކުޅުންތެރިން ވަރަށް މޮޅަށް ކުޅުނު. އެކަމަކު ދެން ތިބި ކުޅުންތެރިންނަށް ކުރަން ޖެހޭ ކަންތަކެއް ނުކުރެވުނު. އެއީ ލަނޑެއް ޖެހުން،" ރޭގެ މެޗަށް ފަހު މޮރީނިއޯ ބުންޏެވެ.
ވެސްޓް ބްރޮމް ގޯލަށް ރޭގެ މެޗުގައި ޔުނައިޓެޑުން ވަނީ 18 ހަމަލާއެއް ފޮނުވާލައިފަ އެވެ. އޭގެ ތެެރެއިން ގިނަ ބޯޅަތައް ވެސްޓް ބްރޮމް ގޯލަށް ކުޅޭ ކުރިން ޔުނައިޓެޑަށް ކުޅުނު ކީޕަރު ބެން ފޮސްޓާ ވަނީ މަތަކޮށްފަ އެވެ.
"ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުތަކުގައި އިދިކޮޅަށް ކުޅޭ ކީޕަރުން ވަރަށް މޮޅަށް ކުޅޭ. މި މެޗުގައި ފޮސްޓާ ވެސް ވަރަށް މޮޅު. އެކަމަކު އަހަރެމެން ވެސް އެބަޖެހޭ ވިސްނަން. ކޮންމެ މެޗެއްގައި ލަނޑު ޖަހަން ލިބޭ ފުރުސަތުތައް ގެއްލުމުން ހަމައެކަނި ކީޕަރުންގެ މޮޅު ވާހަކަ ދެއްކުމުން ނިމުނީ ކަމަށް ބަލައިގެނެއް ނުވާނެ،" މޮރީނިއޯ ބުންޏެވެ.
މި ސީޒަނުގައި ޔުނައިޓެޑްގެ ފޯވާޑް ލައިނުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ ޒަލަޓަން އިބްރަހިމޮވިޗް ރޭގެ މެޗުގައި ސަސްޕެންޝަނުގެ ސަބަބުން ނުކުޅެ އެވެ.
އޭނާ ބުނީ ޔުނައިޓެޑަށް މި ސީޒަނުގައި އެންމެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވަނީ އަމިއްލަ ދަނޑުގައި ނަތީޖާ ނުނެރެވުމުން ކަމަށެވެ. މިފަހަރު ލީގުގައި މިހާތަނަށް ކުޅުނު މެޗުތަކުގައި ޔުނައިޓެޑް އަތުން އަމިއްލަ ދަނޑުގައި ވަނީ 19 ޕޮއިންޓް ގެއްލިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެންޓަލިސްޓްގެ ބަފާގެ ބޭބެގެ ކާފަގެ ޅިޔަނު
02 April 2017
މޮރީން ކަލޭ 100 މިލިއަނަށް ފޮގުބާ ގެންގޮސްގެން ކޮން ފައިދާއެއްވީ؟؟ ދިވެހި މެސީ ގެންދިޔަނަަމަ ފައިދާވާނެ.
ލޯންސްޓަރ
02 April 2017
ރެފްޗެސްޓާ ޔުނައިޓެޑް ޔޫރަޕްގަ ރަސްކަންކުރި ޒަމާން ނިމުނީ.މޮރީންގެ ޒަމާންވެސް ދިޔައީ.
ހަޖަަމް
02 April 2017
ހަޖަމް ވިޔަސް ނުވިޔަސް އިނގިރޭސިވިލާތުގަ ނެތް މެންޗެސްޓާ ޔުނައިޓެޑް އާއި ހަމަޔަށް އާދެވޭވަރުގެ ޓީމެއް.
ލޯންސްޓަރ
02 April 2017
ތި ޔުނައިޓެޑަކީ މާޒީ. މިހާރު ތިޓީމް ކަމަކުނުދޭ ރާއްޖޭގަ ކުޅޭ ކުލަބް މޯލްޑިވްސް ކަޕްގަވެސް ކުޅޭކަށް.
އަދުރޭ
02 April 2017
މިހާރު ރަސްކަން ކުރަނީ ޗެލްސީ ، ލިވަޕޫލް ، އާސެނަލް އަދި ލެސްޓާ ، ސިޓީ.
ނުރަބޯ
02 April 2017
ހަހަހަ.. އާސެނަލް ތީ ކޮންތާކު ރަސްކަންކުރާ ޓީމެއް. 10 އަހަރުވީ އެންމެ އެފް،އޭ ކަޕެއް ފިޔަވައި ތަށިގަނޑެއް ނުލިބޭތާ..
މުލޭ
03 April 2017
ލެސްޓަރ ކޮން ރަސްކަމެއްކުރީ. ލޯފަން މީހަކު މީދަލެއް މެރިހެން ވީކަމެއް އެއީ. މިހާރު ހަނގުރާމަ ކުރަނީ ރެލިގޭޝަން ޒޯނުން ނެއްޓެން. ހަހަހަ. ދެން އޮތީ އާސެނަލް. ތައްޓެއް ލިބުނު ޒަމާނެއްވެސް ނޭނގޭ.