ރެއާލަށް ޑެހެއާ ނުލިބުނީ މޮރީނިއޯ އޮޅުވާލުމުން: ޕެރޭޒް

މެޑްރިޑް (ޖުލައި 18) - މެންޗެސްޓާ ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ނުލިބުނީ އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ އޮޅުވާލުމުން ކަމަށް ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވިދާޅުވެއްޖެ އެވެ.


ޑެހެއާ ގަންނަން ރެއާލުން މި އަހަރުގެ މާޗް މަހުގެ ތެރޭގައި ޕެރޭޒް ވަނީ މޮރީނިއޯއާ ވާހަކަ ދައްކައިފަ އެވެ. ޕެރޭޒް ވިދާޅުވީ އޭރު މޮރީނިއޯ ހުރީ ޑެހެއާ ރެއާލަށް ވިއްކާލަން ކަމަށާއި ދެ ކުޅުންތެރިއަކާ އެކު ރަނގަޅު ބިޑެއް ކުރުމަށް އެދުނު ކަމަށެވެ.

"މޮރީނިއޯ ފުރަތަމަ އެދުނީ ޑެހެއާގެ ބަދަލުގައި ރަފައެލް (ވަރާން) އާއި މަޓެއޯ (ކޮވަޗިޗް) އަދި 25 މިލިއަން ޔޫރޯ ދިނުމަށް. އަހަރެން އެގޮތަށް އެއްބަސްވިން. އެކަމަކު ފަހުން މޮރީނިއޯ ބޭނުންވީ ގަރެތު (ބޭލް) އާއި ޓޮނީ ކްރޫސް އާއި ޑެހެއާ ބަދަލު ކުރުމަށް. މި ދެ ކުޅުންތެރިންނަކީ ރެއާލުން ނުވިއްކާނެ ކުޅުންތެރިންކަން މޮރީނިއޯ އަށް ވެސް އެނގޭނެ،" ސްޕެއިނުގެ މީޑިއާއެއް ކަމަށްވާ މާކާ އަށް ޕެރޭޒް ދިން އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

ކުރިން އެތުލެޓިކޯ މެޑްރިޑަށް ކުޅުނު ޑެހެއާ އަކީ ފާއިތުވި ހަތަރު އަހަރަށް ބެލިޔަސް ރެއާލުން އެންމެ ބޭނުންވި އެއް ކުޅުންތެރިއާ އެވެ. އެކި ޓްރާންސްފާ މާކެޓްތަކުގައި ރެއާލުން ވަނީ ޑެހެއާ އަށް ބިޑްކުރުމަށް މަސައްކަތް ކޮށްފަ އެވެ. އަދި އޭގެ ތެރެއިން އެއް ފަހަރު ޑެހެއާ ރެއާލަށް ބަދަލުވުމާ ވަރަށް ގާތަށް ދިޔަ އެވެ. އެ ފަހަރު ޓްރާންސްފާގެ ކަންތައް ނުނިމުނީ ޓްރާންސްފާ މާކެޓްގެ ފަހު ވަގުތުގައި ޔުނައިޓެޑުން ފޮނުވަންޖެހޭ ލިޔުންތައް ނުފޮނުވުމުންނެވެ.

ޕެރޭޒް ވިދާޅުވީ ޑެހެއާ ކަންތަކުގައި ޔުނައިޓެޑުން ކަންތައް ކުރަނީ ޕްރޮފެޝަނަލްކަން ކުޑަ ގޮތަކަށް ކަމަށެވެ.

"ބައެއް ފަހަރު ޑެހެއާ ވިއްކާލަން ވެސް ޔުނައިޓެޑުން ވެސް ވާހަކަ ދައްކާ. ބައެއް ފަހަރު ބުނޭ ނުވިއްކާ ކުޅުންތެރިއެއް ކަމަށް ވެސް. ޕްރޮފެޝަނަލްކަން ކުޑަ ގޮތަކަށް ޔުނައިޓެޑުން ކަންތައް ކުރަނީ،" ޕެރޭޒް ވިދާޅުވި އެވެ.

ރެއާލްގެ ސްކޮޑުގައި މި ވަގުތު ތިބި ކުޅުންތެރިންނަކީ އެ ޓީމުގެ ކޯޗު ޒިނެދިން ޒިދާންގެ ޕްލޭނުގައި ހިމެނޭ މުހިއްމު ކުޅުންތެރިން ކަމަށާއި ދެން އިތުރު ކުޅުންތެރިއަކު މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެ ޓީމު ދޫކޮސް ދިއުމުގެ ފުރުސަތު ކުޑަ ކަމަށް ރެއާލުން ވަނީ ބުނެފަ އެވެ.