19 ޖުލައި 2017 - 11:15
ބާސެލޯނާ (ޖުލައި 19) - ޕީއެސްޖީން ބާސެލޯނާގެ ތަރި ނޭމާ ގެންނަން އޭނާގެ ކޮންޓްރެކްޓްގައި ބުނާ 220 މިލިއަން ޔޫރޯ ހުށަހެޅީ އިޓަލީގެ މާކޯ ވެރާޓީ ގަންނަން ބާސެލޯނާ އިން ކުރާ މަސައްކަތުގެ ބަދަލު ހިފުމެއްގެ ގޮތުން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބާސެލޯނާ އިން އަންނަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ވެރާޓީ ހޯދަން އެކި ގޮތްގޮތުން މަސައްކަތް ކުރަމުންނެވެ. މި ގޮތުން ދެ ފަހަރެއްގެ މަތިން ބާސެލޯނާ އިން ވަނީ ވެރާޓީގެ އޭޖެންޓާ ވެސް މަޝްވަރާ ކޮށްފަ އެވެ. އެކަމަކު ވެރާޓީ ވިއްކަން ފުރަތަމަ ކީ އަގު ކަމަށްވާ 90 މިލިއަން ޕައުންޑް ދޭން ބާސެލޯނާ އިން ދެކޮޅު ހެދުމުން ފަހުން ޕީއެސްޖީން ނިންމީ އޭނާ ނުވިއްކުމަށެވެ.
އެހެން ނަމަވެސް އޭގެ ފަހުން ވެސް ބާސެލޯނާ އިން ވެރާޓީ ގެންނަން އިތުރަށް މަސައްކަތް ކުރުމުން ޕީީއެސްޖީން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އަދި ރިޕޯޓްތައް ބުނާގޮތުން ޕީއެސްޖީން ނޭމާ އަށް 220 މިލިއަން ޕައުންޑް ބިޑްކުރީ ވެރާޓީ މައްސަލައިގެ ބަދަލެއްގެ ގޮތުންނެވެ.
ސްކައިސްޕޯޓްސްގެ ލަލީގާ އެނަލިސްޓް ގުއިލެމް ބަލަގޫ ބުނީ ޕީއެސްޖީން މީގެ ކުރިން ނޭމާ ހޯދަން ޝައުގުވެރިކަން ފާޅުކޮށްފައިނެތް ކަަމަށާއި އެ ޓީމުން މަސައްކަތް ކުރަނީ ބާސެލޯނާއިން ވެރާޓީ ގެންނަ ނަމަ ނޭމާ އެ ޓީމަށް ގެންދިއުމަށް ކަމަށެވެ.
ނޭމާގެ އާއިލާ މެމްބަރަކާ ހަވާލާދީ ސްޕެއިނުގެ މީޑިއާއެއް ކަމަށްވާ ސެޑޭނާ ކޯޕް އިން ރިޕޯޓްކުރާ ގޮތުގައި ނޭމާ ބާސެލޯނާގައި ހުރީ އުފަލުން ކަމަށާއި ނޭމާ ވިއްކަން ބާސެލޯނާގެ ކޮންޓްރެކްޓް ބުނާ 220 މިލިއަން ޔޫރޯ ޕީއެސްޖީން ހުށަހެޅި ނަމަވެސް އޭނާ ބާސެލޯނާ ދޫކޮށްނުލާނެ ކަމަށެވެ.
ބާސެލޯނާގެ ކޯޗު އާނަސްޓޯ ވަލްވޭޑޭ އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ވަނީ ބެންފީކާގެ ނެލްސަން ސެމޭޑޯ އާއި ކުރިން އެ ޓީމަށް ކުޅުނު ވިންގް ޖެރާޑް ޑެލެފޭއު ގެނެސްފަ އެވެ. އަދި އެ ޓީމުން އަންނަނީ ވެރާޓީ އާއި ޗައިނާގެ ގުއަންޒޫ އެވަގްރަންޑޭ އަށް ކުޅޭ ބްރެޒިލްގެ މިޑްފީލްޑަރު ޕައުލީނިއޯ އާއި ޓޮޓެންހަމްގެ ޑެލެ އަލީ ހޯދަން ވެސް މަސައްކަތް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމަދު
19 July 2017
ގުއިލެމް ބަލަގޫ ތިހެން ބުންޏަސް، މީގެ ދިހަ މަސްކުރީގެ އާރޓިކަލް އެއްގަ އެއިނީ ޕީއެސްޖީން ނޭމާއަށް 190 މިލިއަން ހުށަހެޅި ވާހަކަ، މިއީ ބަދަލު ހިފުމެއް ކަމަށް ސާބިތުކުރާ ދަލީލަކީ ޕީއެސްޖީން ކުރިން ނޭމާޔަށް ޝައުގުވެރުކަން ފާޅުނުކުރުން ކަމަށް ވަންޏާ ދެން ތާކުން ތާކު ނުޖެހޭ ދޯ