ބާސެލޯނާ އަށް ކުޅޭ ބްރެޒިލް ފޯވާޑް ނޭމާ.- ފޮޓޯ: އޭއެފްޕީ
23 ޖުލައި 2017 - 10:35
ޕެރިސް (ޖުލައި 23) - ބާސެލޯނާ އިން ނޭމާއާ އެކު އެންމެ ފަހުން ހެދި ކޮންޓްރެކްޓްގައި އޭނާ ވިއްކާލަން އެއްބަސްވާ އަގަކަށް ހަމަޖައްސާފައިވަނީ 220 މިލިއަން ޔޫރޯ އެވެ. ރިޕޯޓްތައް ބުނާގޮތުން ނޭމާ އަށް ފްރާންސްގެ ޕީއެސްޖީން އެ އަގު ހުށަހަޅަން އޮތީ ތައްޔާރަށެވެ. އެހެން ނަމަވެސް ސުވާލު އުފެދިފައިވަނީ ޕީއެސްޖީން ނޭމާ އަށް މި އަގު ދޭނީ ކިހިނެއްތޯއާ މެދު އެވެ.
ފޯބްސް މެގަޒިން އިން އެންމެ ފަހުން ނެރުނު ދުނިޔޭގެ އެންމެ މުއްސަނދި ފުޓްބޯޅަ ކްލަބްތަކުގެ ލިސްޓުގެ ގަދަ ދިހަ އަކުން ވެސް ޕީއެސްޖީ އަށް ޖާގަ ލިބިފައިނުވާއިރު، އެ ޓީމުން އެއް ކުޅުންތެރިއަކަށް މި ވަރުގެ ބޮޑު ހޭދައެއް ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށް ގިނަ މީޑިއާތަކުން ބުނެ އެވެ.
އަދި 2014 ވަނަ އަހަރު ކްލަބްތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ޔުއޭފާ އިން އެކުލަވާލި ފައިނޭންޝިއަލް ފެއާ ޕްލޭ ގަވައިދުގެ ތެރެއިން ޕީއެސްޖީ އަށް މި ވަރުގެ ބިޑެއް ނުކުރެވޭނެ ކަމަށް ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއު ވެސް ވަނީ ވިދާޅުވެފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން މިިދިޔަ ތިން ސީޒަނަށް ބަލާއިރު ޕީއެސްޖީގެ އާމްދަނީ އަކީ ޓީވީ ރައިޓްސް އާއި ސްޕޮންސަޝިޕް އެއްބަސްވުމުގެ އިތުރުން މުބާރާތްތަކުގެ ކާމިޔާބީ އަށް ބަލާއިރު ގާތްގަނޑަކަށް 600 މިލިއަން ޔޫރޯ އެވެ. އެހެން ނަމަވެސް ދަރަނީގެ ގޮތުގައި ދައްކަން ޖެހޭ އަގު ދެއްކުމަށް ފަހު އެ ޓީމަށް ޓްރާންސްފާ މާކެޓްގައި މާ ބޮޑު ހޭދައެއް ނުކުރެވޭނެ އެވެ. ފައިނޭންޝިއަލް ފެއާ ޕްލޭ ގަވާއިދު ބުނާގޮތުން ކްލަބެއްގެ ދަރަނި 40 އިންސައްތަ އަށް ވުރެ މަތީގައި އުޅޭނަމަ ޓްރާންސްފާ މާކެޓެއްގައި 160 މިލިއަން ޔޫރޯ އަށް ވުރެން ބޮޑު ހަރަދެއް ނުކުރެވޭނެ އެވެ.
މިިދިޔަ ސީޒަނަކީ ޕީއެސްޖީ އަށް ފްރެންޗް ލީގު ކާމިޔާބު ނުކުރެވުނުއިރު، ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ފުރުސަތު ނުލިބި ކެޓި އަހަރެކެވެ. އެހެން ކަމުން އެ ޓީމުގެ އާމްދަނީ ވެސް އެހާ ރަނގަޅެއް ނޫނެވެ. މި ފަދަ ސީޒަނަކަށް ފަހު ނޭމާ އަށް ބޮޑު ބިޑެއް އެ ޓީމުން ކުރާއިރު އަގު ދައްކާނެ ގޮތަކީ މި ވަގުތު އުފެދިފައިވާ އެންމެ ބޮޑު ސުވާލެވެ.
ނޭމާ އަކީ މި ވަގުތު ދުނިޔޭގެ ފުޓްބޯޅައިގައި 18 ވަނަ އަށް އެންމެ ބޮޑު އާމްދަނީ ލިބޭ ފުޓްބޯޅަ ކުޅުންތެރިއާ އެވެ. ބާސެލޯނާ އިން ނޭމާ އަށް މުސާރައިގެ ގޮތުގައި 12.7 މިލިއަން ޔޫރޯ ދޭއިރު، އިޝްތިހާރުތަކާ އެކު އޭނާގެ އާމްދަނީ 18.9 މިލިއަން ޔޫރޯ އަށް އަރަ އެވެ. މި އިޝްތިހާރުތަކަކީ ބާސެލޯނާ މެދުވެރިވެގެން އޭނާ އަށް ހޯދައިދީފައިވާ އިޝްތިހާރުތަކެކެވެ.
ޕީއެސްޖީން ނޭމާ ގަންނަ ނަމަ ފައިނޭންޝިއަލް ފެއާ ޕްލޭ ގަވައިދުގެ ތެރެއިން އެކަން ކުރަން ޖެހޭނީ ފުރަތަމަ 100 މިލިއަން ޔޫރޯ ދިނުމަށް ފަހު ބާކީ 120 މިލިއަން ޔޫރޯ އިންސްޓޯލްމަންޓްގެ ގޮތުގައި ބަހާލައިގެން ދެއްކުމެވެ. އެހެން ނަމަވެސް މި ގޮތަށް އެއްބަސްވެވޭނީ ބާސެލޯނާ އިން ވެސް އެކަމަށް ރުހޭނަމަ އެވެ. އެހެން ނޫނީ ޖެހޭނީ ނޭމާގެ ޓްރާންސްފާ ރިކުއެސްޓަކަށް އިންތިޒާރު ކުރާށެވެ.
ރިޕޯޓްތައް ބުނާގޮތުގައި ޕީއެސްޖީން ނޭމާ އަށް އަހަރަކު ކްލަބް މުސާރަ އާއި އިޝްތިހާރާ އެކު 18.9 މިލިއަން ޔޫރޯ ލިބޭ ގޮތް ހަމަޖައްސަން ޖެހޭނީ އެ ކްލަބުގެ ބޮޑު މުސާރަދޭ ބައެއް ކުޅުންތެރިންގެ މުސާރަ ކުޑަކުރުމަށް ފަހު އެވެ. އެހެން ނޫނީ ޖެހޭނީ ބޮޑު މުސާރައިގައި ތިބި ބައެއް ކުޅުންތެރިން ދޫކޮށްލާށެވެ. އަހަރަކު ދިހަ މިލިއަން ޔޫރޯ މުސާރައިގެ ގޮތުގައި ލިބޭ ހަތް ކުޅުންތެރިއަކު މި ވަގުތު ޕީއެސްޖީގައި އެބަތިއްބެވެ.
ޕްރީ ސީޒަންގެ މުބާރާތެއް ކަމަށްވާ އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕްގައި ރޭ ބާސެލޯނާ ވަނީ 2-1 އިން ޔުވެންޓަސް ބަލިކޮށްފަ އެވެ. މި މެޗުގައި ބާސެލޯނާގެ ދެ ލަނޑު ވެސް ޖެހީ ނޭމާ އެވެ. މެޗަށް ފަހު ބާސެލޯނާގެ ކޯޗު އާނަސްޓޯ ވަލްވޭޑޭ ބުނީ ނޭމާ އަކީ އެ ޓީމުގެ ކުޅުންތެރިއެއް ކަމަށާއި އެއްވެސް އަގެއްގައި އޭނާ ނުވިއްކާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާސެލޯނާ
23 July 2017
ނޭމާރ ވިއްކާލާ..
އާނޯޑު
23 July 2017
އަހަރެންބުނާނެ ވާހަކައެއްނެއް ނޭމާ ނުވިއްކާ..