02 އޯގަސްޓް 2017 - 10:12
ބާސެލޯނާ (އޮގަސްޓް 2) - ޕީއެސްޖީ އަށް ބަދަލުވާން އުޅޭކަމުގެ އަޑު ފެތުރިފައިވާ ބާސެލޯނާގެ ތަރި ނޭމާ އަށް އެ ޓީމުން ދޭން ޖެހޭ ބޯނަސް ހިފަހައްޓަން އެ ކްލަބްގެ ބޯޑުން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ނޭމާ ވަނީ މިދިޔަ ސީޒަނުގެ ތެރެއިން 2021 ވަނަ އަހަރުގެ ނިޔަލަށް ބާސެލޯނާގެ ކޮންޓްރެކްޓް އާ ކޮށްފަ އެވެ. އެ އެއްބަސްވުމުގައި ބުނާގޮތުން ފުރަތަމަ އަހަރު ފުރިހަމަ ކުރުމާ އެކު ނޭމާ އަށް 25 މިލިއަން ޔޫރޯގެ ބޯނަހެއް ދޭން ބާސެލޯނާ އިން ވަނީ ނިންމައިފަ އެވެ.
އެއްބަސްވުމުގައިވާ ގޮތުން މިދިޔަ ހޯމަ ދުވަހު ބާސެލޯނާ އިން ނޭމާ އަށް ބޯނަސް ދޭން ޖެހެ އެވެ. އެކަމަކު ބާސެލޯނާގެ ބޯޑުން ނިންމީ ނޭމާ އޭނާގެ އެއްބަސްވުމުގައިވާ ބައެއް މާއްދާތަކާ ހިލާފުވެފައިވާތީ ބޯނަސް ހިފެހެއްޓުމަށެވެ. އެއްބަސްވުމުގައި ބުނާގޮތުން ފުރަތަމަ އަހަރުތެރޭ ބާސެލޯނާގެ ހުއްދަނެތި އެހެން ކްލަބަކާ މަޝްވަރާ ކޮށްފިނަމަ ބޯނަސް ނުދިނުމުގެ އިހުތިޔާރު ކްލަަބަށް ލިބިދެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ޕީއެސްޖީ އޮތީ ނޭމާގެ ކޮންޓްރެކްޓް އުވާލަން ދައްކަން ޖެހޭ 222 މިލިއަން ޔޫރޯ ދީގެން އޭނާ ގެންދަން ތައްޔާރަށެވެ. އަދި ނޭމާ ވެސް ޕީއެސްޖީއާ އެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއު ވަނީ ދާދި ފަހުން ނޭމާ ގެންދަން ޕީއެސްޖީން ކުރާ މަސައްކަތުގެ ތެރޭގައި އެ ޓީމުން ފައިނޭންޝިއަލް ފެއާޕްލޭގެ ގަވައިދުތަކާ ހިލާފުވޭތޯ ބެލުމަށް އެ މައްސަލަ ޔުއެފާ އަށް ހުށަހަޅައިފަ އެވެ.
ނޭމާ ވަނީ ބާސެލޯނާގެ ޓްރެއިނިންގައި މިއަދު ބައިވެރިވާން ފަށައިފަ އެވެ. ރަސްމީކޮށް ކްލަބް ބަދަލުކުރުމާ ބެހޭގޮތުން މިހާތަަނަށް ނޭމާ މީޑިއާގައި ވާހަކަ ދައްކާފައިނުވި ނަމަވެސް ރިޕޯޓްތައް ބުނާގޮތުގައި ނޭމާގެ އޭޖެންޓް ވެގްނާ ރިބޭރޯ އިއްޔެ ވެސް ވަނީ ދުބާއީގައި ޕީއެސްޖީގެ ރައީސް ނާސިރު އަލް-ހެލާފީއާ ބައްދަލުކޮށްފަ އެވެ.
ރިޕޯޓްތައް ބުނާގޮތުގައި ޕީއެސްޖީން މަސައްކަތް ކުރަމުން އަންނަނީ ނޭމާ ގަތުމުގެ ކުރިން އެ ޓީމުގެ ދެ ކުޅުންތެރިއަކު ދޫކޮށްލުމަށެވެ. އޭގެ ތެރޭގައި ޓޮޓެންހަމާއި މެންޗެސްޓާ ޔުނައިޓެޑުން ފާރަލަމުން އަންނަ ސާޖިއޯ އޯރިއޭ، އާއި ރޯމާ އިން ބިޑްކޮށްފައިވާ ހަވިއޭ ޕަސްޓޯރޭ އަދި އިންޓަ އިން ގެންދަން މަސައްކަތް ކުރަމުން އަންނަ ބްލައިސް މަޓުއިޑީ ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޯޒް
03 August 2017
މައުލޫމާތު ގޯސް.. އެއީ ނޭމާބެ ބޯނަސް އެއްނޫން.. އޭޖެންޓުގެ ބޯނަސް.. 25 މިލިއަނެއް ނޫން.. 26 މިލިއަން