ނޭމާ ބާސެލޯނާގެ ޕްރެކްޓިހެއްގައި: ދެން ނުފެންނާނެ. --ފޮޓޯ: އޭއެފްޕީ
04 އޯގަސްޓް 2017 - 09:37
ބާސެލޯނާ (އޮގަސްޓް 4) – ދުނިޔޭގެ ފުޓްބޯޅައިގެ ތާރީހުގައި މިހާތަނަށް އެންމެ އަގުބޮޑުކޮށް ކްލަބް ބަދަލުކުރި ކުޅުންތެރިއާގެ ގޮތުގައި ބްރެޒިލްގެ ނޭމާ ސްޕެއިނުގެ ބާސެލޯނާ ދޫކޮށް ފްރާންސުގެ ޕީއެސްޖީ އަށް ބަދަލުވެއްޖެ އެވެ.
ގަތަރު ސްޕޯޓްސް އިންވެސްޓްމަންޓުން ހިންގާ ޕީއެސްޖީން ނޭމާ ގަތީ އޭނާ ބާސެލޯނާއާ އެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް 222 މިލިއަން ޔޫރޯ ދީގެން އުވާލުމަށް ފަހު އެވެ. ނޭމާ ވިއްކާލަން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ބާސެލޯނާ އިން އައީ ދެކޮޅު ހަދަމުންނެވެ. އެކަމަކު ކޮންޓްރެކްޓުގައިވާ ގޮތުން އެ އަދަދު ކްލަބަކުން ހުށަހަޅައިފި ނަމަ އަދި ކުޅުންތެރިއާ ވެސް ރުހޭ ނަމަ ކުރެވޭނެ ކަމެއް ނޯންނާނެ އެވެ.
މިއީ މިހާތަނަށް ޓްރާންސްފާ ރެކޯޑް އޮތް ޕައުލް ޕޮގްބާގެ އަގުގެ ދެ ގުނަ އަށް ވުރެ ބޮޑު އަދަދެކެވެ. ޔުވެންޓަސް އިން މިދިޔަ އަހަރު މެންޗެސްޓާ ޔުނައިޓެޑަށް ޕޮގްބާ ވިއްކާލީ 105 މިލިއަން ޔޫރޯ އެވެ. ދެ ވަނައިގައި އޮތީ ޓޮޓެންހަމް ހޮޓްސްޕާސް އިން 2013 ވަނަ އަހަރު 100 މިލިއަން ޔޫރޯ އަށް ރެއާލް މެޑްރިޑަށް ވިއްކާލި ގަރެތު ބޭލް އެވެ.
ބުދަ ދުވަހު ބާސެލޯނާ ކުޅުންތެރިންނަށް އަލްވަދާއު ކިއުމަށް ފަހު ޓްރާންސްފާގެ އެންމެ ފަހުގެ ކަންކަން ނިންމުމަށް ޕޯޗުގަލްގެ ޕޯޓޯ އަށް ދިޔަ ނޭމާ މިވަގުތު ހުރީ ޕެރިހުގަ އެވެ. މިއަދު ޕީއެސްޖީން ނޫސްވެރިންގެ ބައްދަލުވުމެއްގައި މި ޓްރާންސްފާގެ ތަފްސީލް ދޭނެ ކަމަށް ލަފާކުރެވޭއިރު މާދަމާ ޕީއެސްޖީން އަމިއްލަ ދަނޑުގައި ކުޅޭ މެޗުގައި ނޭމާ ތައާރަފްކުރާނެ އެވެ.
ޕީއެސްޖީން ނޭމާ އަށް މުސާރައިގެ ގޮތުގައި އަހަރަކު 45 މިލިއަން ޔޫރޯ ދޭނެ އެވެ. މިއީ ބާސެލޯނާ އިން ނޭމާ އަށް ދެމުން ދިޔަ މުސާރައިގެ ގާތްގަނޑަކަށް ތިން ގުނަ ބޮޑު މުސާރައެކެވެ. އެކަމަކު އިމޭޖް ރައިޓްސް އެއްބަސްވުންތަކުން ނޭމާ އަށް ބާސެލޯނާގައި އިތުރު އާމްދަނީ ލިބެ އެވެ.
ނޭމާ ބުނީ އޭނާ ގުޅެނީ ޔޫރަޕުގައި އޮތް އެންމެ ވަރުގަދަ އަމާޒެއް އޮތް ކްލަބާ ކަމަށެވެ. ގަތަރުގެ ކުންފުނިން ހަވާލުވެ ޕީއެސްޖީ އަށް ބޮޑު އަގުތަކުގައި މަޝްހޫރު ތަރިންނާއި ކޯޗުން ގެނައި ނަމަވެސް މިހާތަނަށް ވެސް ޗެމްޕިއަންސް ލީގުގައި އަތްލެވިފައެއް ނުވެ އެވެ.
"ޕެރިސް ސެއިންޓް-ޖާމެއިން އިން ކާމިޔާބީ ހޯދަން ބޭނުންވާ މިންވަރު ފެނިފައި އަހަރެން ގަޔާވީ. މި ގޮންޖެހުމާ ކުރިމަތިލާން ތައްޔާރަށް ހުރި ކަމުގެ އިހުސާސް ކުރެވެނީ. މިއަދުން ފެށިގެން އަހަރެންގެ ޓީމުގެ ކުޅުންތެރިންނަށް އެހީތެރިވެދޭން ކުރެވުނު ކޮންމެ ކަމެއް ކުރާނަން،" ނޭމާ ބުންޏެވެ.
މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ފުރަތަމަ ލެގުން ބާސެލޯނާ އަތުން 4-0 އިން ޕީއެސްޖީ މޮޅުވި ނަމަވެސް ބާސެލޯނާ އިން ވަނީ މުޅި ދުނިޔެ ހައިރާންކޮށްލައި ނޭމާގެ މޮޅު ކުޅުމާ އެކު ދެ ވަނަ ލެގު 6-1 އިން ކާމިޔާބުކޮށްފަ އެވެ. ނޭމާ މޮޅަށް ކުޅުނު ނަމަ ވެސް އެ މެޗަށް ފަހު ހުރިހާ ސަމާލުކަމެއް ލިބުނީ މެސީ އަށެވެ.
ނޭމާ ބާސެލޯނާ ދޫކޮށްލަނީ ވެސް މެސީގެ ހިޔަނީގައި ހުރެ ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދަން އުނދަގޫވާނެ ކަމަށް ދެކޭތީ އެވެ. ނޭމާ ކިތަންމެ މޮޅަށް ކުޅުނަސް މެސީ ބާސެލޯނާގައި ހުރުމުން އޭނާގެ ވިދުން ފަނޑެވެ.
ބްރެޒިލުން 1994 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރުމުގެ ދެ އަހަރު ކުރިން 1992 ވަނަ އަހަރު އުފަންވި ނޭމާ ވިދާލީ އެ ގައުމުގެ މަޝްހޫރު ކްލަބް ސަންތޯސްގަ އެވެ. ބާސެލޯނާ އަށް 2013 ވަނަ އަހަރު އުމުރުން 21 އަހަރުގައި ބަދަލުވި އިރު އޭނާ ގެންދަން އޭރު މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑް އަދި ޗެލްސީން ވަރަށް ބޮޑަށް މަސައްކަތްކުރި އެވެ.
ބާސެލޯނާގައި ނޭމާ ވަނީ 186 މެޗުން 105 ގޯލް ޖަހައި 80 ލަނޑު ޖަހަން މަގުފަހިކޮށްދީފަ އެވެ. އެ ޓީމާ އެކު އޭނާ ވަނީ ޗެމްޕިއަންސް ލީގު އެއް ފަހަރު، ސްޕެނިޝް ލީގު ދެ ފަހަރު އަދި ސްޕެނިޝް ކަޕް ތިން ފަހަރު އުފުލާލައިފަ އެވެ.
ނޭމާ ނެތްތަން ފޫބައްދަން ބާސެލޯނާ އިން ގެންނަން މަސައްކަތްކުރާނެ ކުޅުންތެރިންގެ ތެރޭގައި އެތުލެޓިކޯ މެޑްރިޑުގެ އެންޓޮއިން ގްރިޒްމަން އާއި ޔުވެންޓަސްގެ ޕައޮލޯ ޑިބާލާ އާއި ލިވަޕޫލުގެ ފިލިއްޕޭ ކުޓީނިއޯ އާއި ބޮރޫޝިއާ ޑޯޓްމަންޑުގެ އޮސްމާނޭ ޑެމްބެލޭ ހިމެނެ އެވެ.
ނޭމާއާ އެކު ޕީއެސްޖީގައި ބްރެޒިލްގެ ފަސް ކުޅުންތެރިން އެބަތިއްބެވެ. އެއީ ކެޕްޓަން ތިއާގޯ ސިލްވާ އާއި މާކީނިއޯސް އާއި ލޫކަސް މޯރާ އަދި ޑެނިއަލް އަލްވެސް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުގާބޭ
04 August 2017
ލާރިންކުރަންޖެހޭކަމެއްވިއްޔާ އަރަބިން ކުރާނެ. މީ ޝައްކެއްހުރިކަމެއްނޫން.
ޣަރްބުކަރަ
06 August 2017
ޤަތަރަކީ އަރަބިން ކިޔާ ލަވަ ނުކިޔާތީވެ ސައޫދީ އެމިރޭޓްސް މިސްރު އިސްވެ އެކަހެރިކޮށް ހިސޯރުވެސް ކޮށްފައި އޮތް ގައުމެއް. އަރަބިކަރާގައި އޮތަސް ވިސްނާ ތަހުޒީބު ގައުމެއް. ސްޕޯޓްސް އިންވެސްޓްގައިވެސް އަރަބީންގެ ލީޑް ގައުމު.
ީިިިަަަަެަްއިންވެސްޓިގޭށަން
04 August 2017
ބާސެލޯނާގެ ހަގީގީ ތަރިންނެޔް ބާސެލޯނާ އެށް ދުލެށް ނުކުރާ ނެ!!
މެސީ
04 August 2017
މެސީ ކުޅުން ހުއްޓާލުމުން ނޫނީ ނޭމާ އަކަށް ދުނިޔޭގެ މޮޅު ކުޅުން ތެރިޔާގެ މަގާމެއް ނުލިބޭނެ.
ލލލލލލލލ
21 August 2017
ނޭމާ ނޫޅެޔޭ އެކަމާ ޖޭ ވެގެން މެސީ އަށް ދުއްޕާން ކުރާކަށް
މަގޭ ބަސް
04 August 2017
ނޭމާގެ ތިނިންމުން މުޅިއަކުން ގޯހެއްނޫން ނަމަވެސް ފުޓްބޯޅައައް ލޯބިކުރާ ގިނަބައެއްގެ ލޯބި ލިބޭނީ ބާސާގަ ކެރިއަރު ނިންމާލައިގެން ސަބަބަކީ ބާސާއަކީ އެތައް މިލިއަން ފޭނުންތަކެއް ފަހަތުގަތިބި ކުލަބަކައްވާތީ. ގިނަ ފޭނުންތަކެއް ފަހަތުގަ ތިބިއްޔާ ހުރިހާކަމެއްވެސް ހާސިލްވާނެ...
ކުންވެނޝަން
04 August 2017
މެސީގެ ހިޔަނީގައި ދުނިޔޭގެ ހުރިހާ ކުލުން ތެރިން އުލެން ޖެހޭނީ