09 އޯގަސްޓް 2017 - 13:05
ޒިއުރިކް، ސްވިޒަލެންޑް (އޮގަސްޓް 9) - ބާސެލޯނާ ދޫކޮށް ދުނިޔޭގެ ރެކޯޑް އަގަކަށް ޕީއެސްޖީ އަށް ބަދަލުވި ބްރެޒިލްގެ ނޭމާގެ ޓްރާންސްފާ ކަންތައްތައް ދިޔައީ ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) ގަވައިދުތަކާ އެއްގޮތަށްތޯ ބެލުމަށް ޔުއެފާ އިން އެކަން ތަހުގީގުކުރާނެ ކަމަށް ބުނެފި އެވެ.
ކްލަބްތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ޔުއޭފާ އިން އެކުލަވާލި އެފްއެފްޕީ ގަވައިދުގެ ތެރެއިން ޕީއެސްޖީ އަށް މި ވަރުގެ ހަރަދެއް ނުކުރޭވޭނެ ކަމަށް ގިނަ ބަޔަކު މީގެ ކުރިން ވަނީ ބުނެފަ އެވެ. ފައިނޭންޝިއަލް ފެއާ ޕްލޭ ގަވާއިދު ބުނާގޮތުން ކްލަބެއްގެ ދަރަނި 40 އިންސައްތަ އަށް ވުރެ މަތީގައި އުޅޭނަމަ ޓްރާންސްފާ މާކެޓެއްގައި 160 މިލިއަން ޔޫރޯ އަށް ވުރެން ބޮޑު ހަރަދެއް ނުކުރެވޭނެ އެވެ.
ޕީއެސްޖީން ނޭމާ ގަތީ ބާސެލޯނާއާ އެކު ނޭމާ ހަދާފައިވާ ކޮންޓްރެކްޓް އުވާލަން ދައްކަން ޖެހޭ 222 ޔޫރޯ ދެއްކުމަށް ފަހު އެވެ.
ރިޕޯޓްތައް ބުނާގޮތުން މި ފަހަރުގެ ޓްރާންސްފާ މާކެޓް ނިމުމުގެ ކުރިން އެފްއެފްޕީ ގަވާއިދުގެ މިންގަނޑުތަކަށް ފެތުމަށް ޕީއެސްޖީން ކުޅުންތެރިން ވިއްކައިގެން ނޫނީ ކުޅުންތެރިންގެ މުސާރަ ކުޑަކޮށްގެން 120 މިލިއަން ޔޫރޯ ހޯދަން ޖެހެ އެވެ. އެހެން ނޫނީ އެ ޓީމަށް ޔުއެފާގެ އަދަބެއް އައުމުގެ ފުރުސަތު ބޮޑެވެ.
"ތިން ސީޒަނަށް ބަލާއިރު ކްލަބެއްގެ ދަރަނި 30 މިލިއަން ޔޫރޯ އަށް ވުރެ މަތީގައި އޮއްވައި އެ ޓީމަށް މާ ބޮޑު ހޭދައެއް ނުކުރެވޭނެ. ޕީއެސްޖީ ހަރަދުކުރާ ގޮތާ ގުޅޭގޮތުން ޔުއެފާ އަށް ޝަކުވާތަކެއް ވަނީ ލިބިފައި. އަހަރެމެން އެކަން މޮނިޓާ ކުރާ އުސޫލުން އެކަން ކުރާނަން. އެންމެ ބޮޑު ޝަކުވާތައް އައިސްފައިވަނީ ނޭމާގެ ޓްރާންސްފާއާ ގުޅޭގޮތުން،" ޔުއެފާގެ އޮފިޝަލަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކުރެ އެވެ.
"ނޭމާގެ ޓްރާންސްފާގެ ކަންތައްތައް ވެސް ތަހުގީގު ކުރެވޭނީ އޮންނަ އުސޫލުން. ކްލަބެއްގެ ހަރަދުކުރުމުގެ ކަންތައްތައް ޔުއެފާ އިން ތަހުގީގުކުރާނީ އެ ޓްރާންސްފާ މާކެޓެއް ބަންދުވުމުން،" އޮފިޝަލް ބުންޏެވެ.
ޕީއެސްޖީ އަކީ މީގެ ކުރިން އެފްއެފްޕީ ގަވައިދާ ހިލާފުވެގެން 2015 ވަނަ އަހަރު ޔުއެފާ އިން އިންޒާރުދީފައިވާ ކްލަބެެކެވެ. އެ ޓީމުން އެ ފަހަރު ވަނީ ސްޕޮންސަޝިޕް އެއްބަސްވުންތަކެއް މެދުވެރިކޮށް ކުޅުންތެރިން ގެންނަން މަސައްކަތް ކޮށްފަ އެވެ. ޔުއެފާ އިން އެ ފަހަރު ޕީއެސްޖީ އަށް އިންޒާރުދިނީ އެ ފަދަ ކަމެއް ތަކުރާރުވެއްޖެނަމަ އެންމެ ހަރުކަށި އަދަބުދޭނެ ކަމަށް ބުނެ އެވެ.
އެފްއެފްޕީ ގަވައިދާ ހިލާފުވެއްޖެނަމަ ދެވޭ އެންމެ ހަރުކަށި އަަދަބުތަކުގެ ތެރޭގައި ޔުއެފާގެ މުބާރާތްތަކުން އެއް އަހަރަށް ސަސްޕެންޑް ކުރުން ހިމެނެ އެވެ. ޔުއެފާ އިން އަންނަނީ ޕީއެސްޖީގެ އިތުރުން މެންޗެސްޓާ ސިޓީގެ ޓްރާންސްފާ ކަންތައްތައް ވެސް މޮނިޓާ ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަޑިގިއްލާ
11 August 2017
ނޭމާ ކުލަބުބަދަލުކުރީ ކޯޓުގެ ހުކުމަށްފަހު، އެހެންވީމަ ނޭމާގެ ގޮނޑިވެސް ގެއްލޭނެ! ހީވާގޮތުން ޔޫއެފާއިން އެކަމަށް ރިޔާއަތް ކުރާނެ!
ޒެޑްސް 1
09 August 2017
އޭސީސީ ގެ ލުތުފީ ތިކަން އެންމެ ރަނގަޅަށް ބަލާނީ. ދެން މިކޮޅު ޕީޖީ އަށް މައްސަލަ ހުށައެޅުމުން ނިމުނީ. މައްސަލަ ނިމެންދެން ޕީއެސްޖީ ދޫނިދޫ ޖަލުގައި ބެހއްޓުމުން ހަތަރެެސް ކަން އެއްވަރުވީ