އަލަވޭސް ދެ ކުޅުންތެރިންގެ ކައިރިން މެސީ (މ) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ
27 އޯގަސްޓް 2017 - 08:51
ބާސެލޯނާ (އޮގަސްޓް 27) - ސްޕެނިޝް ލީގުގައި ރޭ ރަށުން ބޭރުގައި ލިއޮނަލް މެސީ ޖެހި ދެ ލަނޑުން 2-0 އިން އަލަވޭސް އަތުން ބާސެލޯނާ މޮޅުވެއްޖެ އެވެ.
ރޭގެ މެޗުގައި މެސީ ޖެހި ދެ ލަނޑާ އެކު އޭނާ ވަނީ ލީގުގައި ބާސެލޯނާ އަށް 351 ލަނޑު ހަމަކޮށްފަ އެވެ. ޔޫރަޕްގެ ގަދަ ފަސް ލީގުން ކުރެން ލީގެއްގައި އެ ކްލަބަކަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް އޮތީ ޖަރުމަނުގެ ބަޔާން މިއުނިކަށް ކުރިން ކުޅުނު ގާޑް މުލާ އަތުގަ އެވެ. އޭނާ ވަނީ އެ ޓީމަށް 365 ލަނޑު ޖަހައިފަ އެވެ.
ރޭގެ މެޗު ފަށައިގެން 40 ވަނަ މިނިޓްގައި ބާސެލޯނާ އަށް ލިބުނު ޕެނަލްޓީ މެސީ ފޮނުވާލި ނަމަވެސް އަލަވޭސްގެ ކީޕަރު ފެނާންޑޯ ޕަޗޭކޯ ވަނީ މަތަކޮށްފަ އެވެ. އަނިޔާގެ ސަބަބުން ލުއިސް ސުއަރޭޒް ނުކުޅޭތީ ރޭ ބާސެލޯނާގެ އެޓޭކުގައި ލީޑު ނެގި މެސީ ދެ ލަނޑު ޖެހީ ދެ ވަނަ ހާފްގެ 55 އަދި 66 ވަނަ މިނިޓްގަ އެވެ.
ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނީ އުނދަގޫ ގޮތަކަށް ނަމަވެސް ހޯދުނީ މުހިއްމު މޮޅެއް ކަމަށެވެ.
"އަހަރެމެން ވަރަށް އުނދަގޫ މަގަކުން މި މެޗަށް މިއައީ. އެކަމަކު ވެސް ބޭނުންވި ކަންތައް ހާސިލްވެއްޖެ. ވަރަށް ހިތްހަމަ ޖެހިއްޖެ މި މެޗުން ލިބުނު މޮޅާ އެކު،" ވަލްވޭޑޭ ބުންޏެވެ.
އޭނާ ބުނީ ސެޕްޓެމްބަރު މަހު 1 ވަނަ ދުވަހު ޓްރާންސްފާ މާކެޓްގ ބަންދުވުމުގެ ކުރިން އިތުރު ކުޅުންތެރިން ބާސެލޯނާއާ ގުޅޭނެ ކަމަށެވެ. އެހެން ނަމަވެސް ލިވަޕޫލްގެ މިޑްފީލްޑަރު ފިލިއްޕޭ ކުޓީނިއޯއާ ގުޅޭގޮތުން ކުރި އެއްވެސް ސުވާލަކަށް ޖަވާބެއް ނުދެ އެވެ.
ރޭ ސްޕެނިޝް ލީގުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އަލަށް ޕްރޮމޯޓްވި ޖިރޯނާ ވަނީ 1-0 އިން މަލާގާ ބަލިކޮށްފަ އެވެ. ލެވާންޓޭ އާއި ޑިޕޯޓިވޯ 2-2 އިން އެއްވަރުވިއިރު، ލަަސް ޕަލްމާސް އަތުން 5-1 އިން އެތުލެޓިކޯ މެޑްރިޑް ވަނީ ބޮޑު މޮޅެއް ހޯދައިފަ އެވެ.
އެތުލެޓިކޯގެ ލަނޑުތައް ކާމިޔާބުކުރީ ކޯކޭ ދެ ލަނޑާއި އަންޑްރެއާ ކޮރެއާ، ޔަނިކް ފެރޭރާ ކަރަސްކޯ އަދި ތޯމަސް ޕާޓޭ އެވެ. ލަސް ޕަލްމަސްގެ ލަނޑު ޖެހީ ޔޮނަތަން ކަލޭރީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުންގާނު
28 August 2017
މެސީ ޕެނަލްޓީއިން ލަނޑެއް ނުޖަހާނެ، އެހެންވެ ގަސްތުގަ އޭނަ ޕެނަލްޓީ ބޭކާރުކޮށްލީ، ޕެނަލްޓީއިން ލަނޑުޖަހާނީ ހަމައެކަނި ކްރިސްޓިއާނޯ ރޮނާލްޑޯ
ރަދީފް
27 August 2017
މަރުހަބާ ބާސާ . މަރުހަބާ މެސީ. #ވިސްކައެލްބާސާ