14 އޮކްޓޯބަރ 2017 - 08:39
މެޑްރިޑް (އޮކްޓޯބަރު 14) - ސްޕެނިޝް ލީގުގައި މިރޭ ވާދަވެރި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ބާސެލޯނާ ކުޅޭ މެޗު ސިޔާސީ ނުކުރުމަށް އެ ޓީމުގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ އެދިއްޖެ އެވެ.
ބާސެލޯނާ ނިސްބަތްވާ ސަރަހައްދު ކަމަށްވާ ކެޓަލޯނިއާގައި ވަކި ދައުލަތަކަށް ގާއިމް ކުރުމަށް މަސައްކަތް ކުރަމުން އަންނައިރު މިކަމުގެ ސަބަބުން ގިނަ ހަމަނުޖެހުންތަކެއް އަންނަނީ ހިނގަމުންނެވެ. އަދި މި ކަމުގެ ސަބަބުން ބާސެލޯނާ އެންމެ ފަހުން ލީގުގައި އަމިއްލަ ދަނޑު ކުޅުނު މެޗު ކުޅުނީ ސަޕޯޓަރުން ނުވައްދަ އެވެ.
ލީގުގައި މިރޭ އެތުލެޓިކޯއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބާސެލޯނާގެ ކޯޗު ވަލްވޭޑޭ ވަނީ ސްޕެއިނުގެ ފުޓްބޯޅަ ސަޕޯޓަރުންނަށް މެސެޖެއް ދީފަ އެވެ.
"އަހަރެންގެ މެސެޖެއް އެބައޮތް. އެއީ ސަޕޯޓަރުންނަށް. އަހަރެން ވަރަށް ބޮޑަށް އެދެން ބާސެލޯނާ ކުޅޭ މެޗުތައް ސިޔާސީ ނުކުރުމަށް. މިއީ ފުޓްބޯޅަ މެޗެއް. ފުޓްބޯޅަ އަކީ މީހުން އެއްބައިވަންތަކޮށްދޭ ކުޅިވަރެއް ބައިބައިވުމަށް ޖާގަދޭން ބޭނުމެއް ނޫން،" ވަލްވޭޑޭ ބުންޏެވެ.
ރިޕޯޓްތައް ބުނާގޮތުގައި މިރޭ އެތުލެޓިކޯ ދަނޑުގައި ކުޅޭ މެޗަށް ބާސެލޯނާގެ ސަޕޯޓަރުންނަށް ދޫކޮށްފައިވަނީ އެންމެ 250 ވަރަކަށް ޓިކެޓެވެ. ވަލްވޭޑޭ ބުނީ ހުރިހާ ގޮންޖެހުންތަކާ އެކު ވެސް މިއީ އެ ޓީމަށް ރަނގަޅު ޗެލެންޖެއް ކަމަށެވެ.
"މެޗުތަކުން މޮޅުވެގެން މި މެޗަށް އައުމަކީ އަހަރެމެންނަށް އޮތް ހިތްވަރެއް. އެކަމަކު މެޗު ކުޅެން ޖެހޭ ހާލަތަށް ބަލާއިރު ހުރި ޗެލެންޖުތައް މާ ގިނަ. އަހަރެންގެ އުއްމީދަކީ މޮޅުވެ ރެކޯޑް ދެމެހެއްޓުން،" އޭނާ ބުންޏެވެ.
ރަޝިއާގައި އަންނަ އަހަރު އޮތް ވޯލްޑް ކަޕުން އާޖެންޓީނާ އަށް ޖާގަަ ލިބުނީ ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ކާމިޔާބުކުރި ހެޓްރިކުންނެވެ. އޭނާ މި މެޗަށް ނުކުންނައިރު ރަނގަޅު ފޯމެއްގައި ހުރުމަކީ ވަލްވޭޑޭ އަށް ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެކެވެ.
އެތުލެޓިކޯގެ ކޯޗު އާޖެންޓީނާގެ ޑިއޭގޯ ސިމިއޯނީ ވެސް ވަނީ މެސީ އަށް ތައުރީފް ކޮށްފަ އެވެ. އަދި މިރޭގެ މެޗަށް ނުކުންނައިރު މެސީގެ ފޯމަކީ އެ ޓީމަށް ނުރައްކަލަކަށް ވެދާނެ ކަމަށް އޭނާ ވެސް އެއްބަސްވެ އެވެ.
މިރޭގެ މެޗު ފަށާނީ 23:45 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޟަން
14 October 2017
ސިޔާސީތިކުރަނީއަމިއްލަޔަށް.