ޕްރިމިއާ ލީގުގައި އެންމެ މޮޅީ ޑިބްރޭނާ: ހަޒާޑް

ބްރުސެލްސް، ބެލްޖިއަމް (ނޮވެމްބަރު 10) - އިނގިރޭސި ޕްރިމިއާ ލީގުގައި މި ވަގުތު ހުރި އެންމެ މޮޅު ކުޅުންތެރިއަކީ މެންޗެސްޓާ ސިޓީގެ ކެވިން ޑިބްރޭނާ ކަމަށް ބެލްޖިއަމްގައި އޭނާއާ އެކުގައި ކުޅޭ ޗެލްސީގެ މިޑްފީލްޑަރު އެޑެން ހަޒާޑް ބުނެފި އެވެ.


މިދިޔަ ސީޒަނުގައި ޗެލްސީން ޕްރިމިއާ ލީގު ކާމިޔާބުކުރިއިރު ހަޒާޑްގެ ދައުރު ބޮޑެވެ. އެހެން ނަމަވެސް އަނިޔާގެ ސަބަބުން މި ސީޒަނުގެ ފުރަތަމަ މެޗުތަކުގައި ހަޒާޑް ނުފެނެ އެވެ. އަނިޔާއިން ރަނގަޅުވެ ހަޒާޑް އަންނަނީ ކުރީގެ ފޯމަށް އެޅެމުންނެވެ.

މެކްސިކޯއާ ދެކޮޅަށް ރަހުމަތްތެރިކަމުގެ މެޗެއްގައި ނުކުތުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަޒާޑް ވަނީ ޑިބްރޭނާ އަށް ތައުރީފްކޮށް ވާހަކަ ދައްކައިފަ އެވެ.

"މި ވަގުތު ޕްރިމިއާ ލީގުގައި އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއަކީ ކެވިން (ޑިބްރޭނާ). ސިޓީ މި ވަގުތު އޮތީ ވަރަށް ރަނގަޅު ފޯމެއްގައި. އޭގެ ފަހަތުގައި ކެވިންް (ޑިބްރޭނާ)ގެ ހިއްސާ ވަރަށް ބޮޑު. އޭނާ އަކީ ގާޑިއޯލާގެ ސިސްޓަމުގައި ވަރަށް މުހިއްމު ކުޅުންތެރިއެއް،" ހަޒާޑް ބުންޏެވެ.

ޑިބްރޭނާ އެންމެ ފުރަތަމަ ބަދަލުވީ ޒުވާން އުމުރުގައި ޗެލްސީ އަށެވެ. ލޯން އެއްބަސްވުމެއްގެ ދަށުން ޖަރުމަނުގެ ވުލްފްސްބާގުގައި މޮޅު ކުޅުމެއް ދެއްކުމަށް ފަހު ޗެލްސީ އަށް އެނބުރި އައުމުން އޭރު ޗެލްސީގެ ކޯޗު ހޯސޭ މޮރީނިއޯ ވަނީ އޭނާ އަށް އެކަށީގެންވާ ވަރަށް ޓީމުން ފުރުސަތު ނުދީފަ އެވެ. ނަތީޖާއެއްގެ ގޮތުން ޑިބްރޭނާ ވަނީ 2014 ވަނަ އަހަރު 18 މިިލިއަން ޕައުންޑަށް ޗެލްސީ ދޫކޮށް އަލުން ވުލްފްސްބާގަށް ބަދަލުވެފަ އެވެ.

ހަޒާޑް ބުނީ ޗެލްސީގައި ޑިބްރޭނާ އަށް ފުރުސަތު ނުދިނުމަކީ އޭރުހުރި ކޯޗެއްގެ ވިސްނުން ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން މިހާރު ވާހަކަ ދެއްކުމުގެ މާނައެއް ނެތް ކަމަށެވެ.

ވުލްފްސްބާގުގައި އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުން ސިޓީން ވަނީ 2015 ވަނަ އަހަރު އޭރު އެ ކްލަބްގެ ރެކޯޑް އަގެއް ކަމަށްވާ 55 މިލިއަން ޔޫރޯ އަށް އޭނާ ގަނެފަ އެވެ. ސިޓީގައި ޑިބްރޭނާގެ ކުޅުން އެންމެ ބޮޑަށް ފާހަގަވާން ފެށީ މިދިޔަ އަހަރު ގާޑިއޯލާ އެ ޓީމާ ހަވާލުވި ފަހުންނެވެ.