05 ޑިސެމްބަރ 2017 - 10:19
މިއުނިކް (ޑިސެމްބަރު 5) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ފްރާންސުގެ ޕީއެސްޖީއާ ދެކޮޅަށް މިރޭ ނުކުންނައިރު އެ ޓީމަށް ބަޔާން މިއުނިކްގެ ފެންވަރު ސާބިތުކޮށްދޭން ޖެހޭ ކަމަށް ބަޔާނުގެ ކޯޗު ޔުޕް ހެއިންކެސް ބުނެފި އެވެ.
ގްރޫޕް ބީގެ އެއް ވަނައިގައި ޕީއެސްޖީ އޮތީ ކުޅުނު ފަސް މެޗުން ވެސް މޮޅުވެ 15 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ބަޔާނަށް ފަސް މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، މި މުބާރާތުގައި ބަޔާން މިހާތަނަށް ބަލިވީ ޕީއެސްޖީ ދަނޑުގައި 3-0 އިންނެވެ. އޭރު ބަޔާނުގެ ކޯޗަކަށް ހުރީ ކާލޯ އަންޗެލޮޓީ އެވެ.
އެ މެޗަށް ފަހު ބަޔާނުން ވަނީ އެ ޓީމު ކޯޗުކަމުން އަންޗެލޮޓީ ދުރުކޮށްފަ އެވެ. އަދި ކުރު މުއްދަތުގެ އެއްބަސްވުމެއްގެ ދަށުން މި ސީޒަނުގެ ނިޔަލަށް ހެއިންކެސްއާ އެ ޓީމު ހަވާލުކޮށްފަ އެވެ.
ބަޔާނާއި ޕީއެސްޖީ އަށް ވަނީ މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގަ ޔަގީންވެފަ އެވެ. ބަޔާނުގެ ކޯޗު ހެއިންކެސް ބުނީ މިރޭގެ މެޗަށް ނުކުންނާނީ ހަމައެކަނި ގްރޫޕްގެ އެއް ވަނަ ހޯދުމުގެ އަމާޒުގައި ނޫން ކަމަށާއި ބަޔާނުގެ ފެންވަރު ވެސް ދަމަހައްޓަން ކަމަށެވެ.
"ވަރަށް ސީދާކޮށް ބުނަން ބޭނުން. އަހަރެމެން ވިސްނަނީ ގްރޫޕްގެ އެއް ވަނަ ހޯދުމަކަށް ނޫން. ބަޔާނުގެ ފެންވަރު ސާބިތުކުރަން. ފުރަތަމަ މެޗުގައި ޕީއެސްޖީ އަތުންވި ބަލި މާޒީ އަކަށް ހަދާފައި ބޭނުމީ މި މެޗުން މޮޅުވާން. އަހަރެމެން ދައްކަން ބޭނުންވަނީ ބަޔާނުގެ އޮތީ ހަމައެކަނި ކާމިޔާބު ތާރީހެއް ނޫންކަން. މިިދިޔަ އަހަރު އެކަނި ވެސް 500 މިލިއަން ޔޫރޯ ޓްރާންސްފާ އަށް ހަރަދުކުރި ޓީމަކާ އެއް ހަމައެއްގައި ބަޔާން އޮތްކަން ދައްކަން ބޭނުން،" ހެއިންކެސް ބުންޏެވެ.
ޕީއެސްޖީ ދަނޑުގައި ކުޅުނު މެޗުގައި ބަޔާނުގެ ސީނިއާ ކުޅުންތެރިން ކަމަށްވާ ފްރޭންކް ރިބެރީ އާއި އާރްޔެން ރޮބެން އަދި މެޓް ހަމެލްސް ނުުކުޅެ އެވެ. އެ މެޗުގައި ޕީއެސްޖީން ނެގީ ތަޖުރިބާހުރި ކުޅުންތެރިންގެ ފައިދާ ކަމަށް ފުޓްބޯޅައިގެ ގިނަ ތަޖުރިބާކާރުން ވަނީ ފާހަގަކޮށްފަ އެވެ.
ފްރެންޗް ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން ރެލިގޭޝަނުގައި އޮތް ސްޓްރޯސްބާގް އަތުން ބަލިވުމުން ޕީއެސްޖީ މިރޭގެ މެޗަށް ނުކުންނާނީ އަލުން ޓީމުގެ ފޯމު ރަނގަޅުކުރުމުގެ ވިސްނުމުގަ އެވެ. މިރޭގެ މެޗުން ބަލިވެއްޖެނަމަ ދެ މުބާރާތަކުން ބަލިނުވެ ޕީއެސްޖީން ދަމަހައްޓަމުން އައި ރެކޯޑް ނިމުމަކަށް އަންނާނެ އެވެ.
މިރޭގެ މެޗު ފަށާނީ ރާއްޖެ ގަޑިން 00:45 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy