ޖިރޯނާގެ ސްޕެނިޝް ޑިފެންޑާ އަޑޭ ބެނިޓޭޒް (ވ) އާއި އެތުލެޓިކޯ މެޑްރިޑުގެ އުރުގުއޭ ޑިފެންޑަރު ހޯސޭ ޖިމެނޭޒް. --ފޮޓޯ: އޭއެފްޕީ
21 ޖެނުއަރީ 2018 - 09:38
މެޑްރިޑް (ޖެނުއަރީ 21) – ސްޕެނިޝް ލީގުގެ ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ޖިރޯނާ ރޭ 1-1 އިން އެއްވަރުވުމުން އެއް ވަނައިގައި ލީޑު ފުޅާކުރުމުގެ ފުރުސަތު ބާސެލޯނާ އަށް ލިބިއްޖެ އެވެ.
ބާސެލޯނާ 51 ޕޮއިންޓާ އެކު އެއް ވަނަ މަގާމުގައި އޮތްއިރު އެތުލެޓިކޯ ދެ ވަނައިގައި އޮތީ 43 ޕޮއިންޓާ އެކު އެވެ. މިރޭ ރެއާލް ބެޓިސް އަތުން ބާސެލޯނާ މޮޅުވެއްޖެ ނަމަ އެ ޓީމަށް އެއް ވަނައިގައި 11 ޕޮއިންޓުގެ ލީޑެއް ލިބޭނެ އެވެ. ތިން ވަނައިގައި 40 ޕޮއިންޓާ އެކު އޮތީ ރޭ ލަސް ޕަލްމަސް އަތުން 2-1 އިން މޮޅުވި ވެލެންސިއާ އެވެ.
އެތުލެޓިކޯގެ ސްޓޭޑިއަމުގައި ރޭ ޖިރޯނާއާ ދެކޮޅަށް ކުޅުނު މެޗުގައި ކުރި ހޯދީ އެތުލެޓިކޯ އިންނެވެ. އެ ޓީމަށް 34 ވަނަ މިނެޓުގައި ގޯލް ޖަހައިދިނީ ފްރާންސް ފޯވާޑް އެންޓޮއިން ގްރިޒްމަން އެވެ. ޖިރޯނާ އަށް އެއްވަރުކޮށްދިނީ 73 ވަނަ މިނެޓުގައި ޕޯޓޫ އެވެ.
ރޭގެ އެހެން ނަތީޖާތަކަށް ބަލާއިރު ލެވަންޓޭ އަތުން 2-1 އިން މޮޅުވެ ވިޔަރެއާލް ވަނީ 34 ޕޮއިންޓާ އެކު ތާވަލުގެ ހަތަރު ވަނަ އަށް އަރައިފަ އެވެ. އަދި ހަތަރު ވަނައިގައި އޮތް ރެއާލް މެޑްރިޑް ވަނީ ފަސް ވަނަ އަށް ވެއްޓިފަ އެވެ. އެ ޓީމަށް 32 ޕޮއިންޓް ލިބިފައިވާއިރު ނުކުޅެ ދެ މެޗު އެބައޮތެވެ. މިއަދު ޑިޕޯޓިވޯ ލަކޮރޫނާ އަތުން މޮޅުވެގެން މެޑްރިޑަށް އަލުން ހަތަރު ވަނަ އަށް އެރޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy