11 ފެބުރުއަރީ 2018 - 09:50
މެންޗެސްޓާ (ފެބްރުއަރީ 11) - އޭނާ އަކީ އިނގިރޭސި ޕްރިމިއާ ލީގުގައި ހުރި އެންމެ އަހުލާގު ރަނގަޅު ކޯޗު ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
ފާއިތުވި އަހަރުތަކުގައި މޮރީނިއޯ އާއި އިދިކޮޅު ޓީމުތަކުގެ ކޯޗުންނާ މެދު ބެންޗް ކައިރީ ހަމަނުޖެހުންތަކެއް ހިނގާފައިވާއިރު، އެތަކެއް ފަހަރަކު އިނގިރޭސި އެފްއޭ އިން ވަނީ އެކި މައްސަލަތަކުގައި މޮރީނިއޯ އަށް އަދަބުދީފަ އެވެ. އެގޮތުން މި ސީޒަނުގައި ސައުތެމްޓަނާ ދެކޮޅަށް ރަށުންބޭރުގައި ކުޅުނު މެޗުގައި މޮރީނިއޯ ވަނީ ރެފްރީގެ ނިންމުންތަކާ ފާޑުކިޔާތީ ބެންޗުން ފޮނުވާލައިފަ އެވެ.
"އަހަރެންނަށް ވަރަށް ޔަގީންކަން އެބައޮތް ޓަޗްލައިންގައި ލީގުގެ އެންމެ އަހުލާގު ރަނގަޅު ކޯޗުގެ އެވޯޑެއް ދޭނަމަ އަހަންނަށް ލިބޭނެކަން. މިއީ އަހަރެން ވަރަށް ސީރިއަސްކޮށް ބުނާ ވާހަކައެއް،" އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މޮރީނިއޯ ބުންޏެވެ.
"ވަރަށް ބައިވަރު އެވޯޑް އެބަދޭ. ހަފްތާގެ އެންމެ މޮޅު ކުޅުމާއި ކޮންމެ މަހެއްގެ އެންމެ މޮޅު ކޯޗު އަދި ވެސް ބައިވަރު. އެމީހުން އެބަދޭން ޖެހޭ ޓަޗްލައިންގައި އެންމެ އަހުލާގު ރަނގަޅު ކޯޗަކަށް ވެސް އެވޯޑެއް. އަދި އެ ހޮވަން ވާނީ ހުރިހާ ހަތަރު ވަނަ އޮފިޝަލުންގެ ވޯޓުން. އަހަންނަށް ޔަގީން މި އެވޯޑް ލިބޭނެކަން."
ނިމިގެންދިޔަ ޓްރާންސްފާ މާކެޓްގައި އާސެނަލް ދޫކޮށް ޔުނައިޓެޑަށް ބަދަލުވި ޗިލީގެ ފޯވާޑް އަލެކްސިސް ސަންޗޭޒަށް ގަސްދުގައި އިދިކޮޅު ކުޅުންތެރިން ފައުލުކުރާ ކަމަށާއި ރެފްރީން މި ކަމަށް ސަމާލުކަން ދޭން ޖެހޭ ކަމަށް މޮރީނިއޯ ވަނީ ބުނެފަ އެވެ.
"އަހަރެން ބައެއް ފަހަރު އެބަޖެހޭ ޝަކުވާ ކުރަން. އެއީ ކުޅުންތެރިންގެ ހިމާޔަތަށް އެދި. ސަންޗޭޒް ޔުނައިޓެޑަށް ބަދަލުވި ހިސާބުން ކުޅުންތެރިން ސީދާ އޭނާ އަށް ޓާގެޓް އެބަކުރޭ،" މޮރީނިއޯ ބުންޏެވެ.
ރޭ މެންޗެސްޓާ ސިޓީ ކުޅުނު މެޗުން މޮޅުވެ ލީގުގެ އެއް ވަނައިގައި ވަނީ 16 ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. މިރޭ ނިއުކާސަލް އަތުން ޔުނައިޓެޑް މޮޅުވެއްޖެނަމަ ސިޓީގެ ލީޑު 13 ޕޮއިންޓަށް ކުޑަވާނެ އެވެ. މޮރީނިއޯ ބުނީ ކުރިއަށް ހުރި މެޗުތަކުގައި ވަރަށް އާދަޔާހިލާފު ނަތީޖާތަކެއް ނުކުމެގެން ނޫނީ ސިޓީ އަތުން މިފަހަރު ލީގު ނުގެއްލޭނެ ކަމަށެވެ.
ނިއުކާސަލާއި ޔުނައިޓެޑް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 19:15 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޮލަ
11 February 2018
އެކަކައްވެސް ނޭގޭ ބެނިޓެޒްއައް ޖެހި ބަހެއްކަން! ހަހަ
ކޯންޓޭ
11 February 2018
ގަބޫލު ކުރެވޭ މަށާ މޮރީއަށް ތިއެވޯރޑް ދޭންޖެހޭ ކަމަށް
ވެންގާ
11 February 2018
ނެކްސްޓް ޖޯކް ޕްލީޒް
ފާގަސަން
11 February 2018
ހަހަ